twitterviber whatsapp telegramfacebookyoutube instagram
19th April 2024

ނޯޓުފޮތް: ކުޅުދުއްފުށީގެ ޕާކުތައް – ސާޅީސް އަހަރުން ފެށިގެން މިއަދަށް !

Mar 3, 2019

ލިޔުނީ: ޢ.އ

މި ދުވަސްވަރަކީ، އަނެއްކާވެސް ކުޅުދުއްފުށީގައި ޕާކު ހެދުމުގެ މުހިންމުކަން ވިސްނި، އެކަމަށް ވަކާލާތުކުރާ ދުވަސްކޮޅެކެވެ. އާ ޕާކެއް ހަދަމުންވެސް އެބަދެއެވެ. ނަމަވެސް މިހާރު ވައިގައި ހިފައިގެން އުޅެނީ ތަފާތު ކޮންސެޕްޓެކަށް ޕާކެއް ހެދުމުގެ ވާހަކައެވެ. އެކަމަށް ވާހަކަ ދައްކާ ފަރާތްތައް ބޭނުންކުރާ ނަމުންނަމަ، ނޭޗަރ ޕާކެއް ހެދުމުގެ ވާހަކައެވެ.

ޒަމާނާއެކު ޕާކްތަކުގެ ލޭންޑްސްކޭޕިންގް އާއި ވަސީލަތްތަކަށް ބަދަލު އަޔަސް، ކުޅުދުއްފުއްޓަށް ޕާކަކީ އާ ހިޔާލެއް ނޫނެވެ. ކުޅުދުއްފުށީގެ ފުރަތަމަ ޕާކު، ކުޑަކުދިންނަށްޓަކާ ތައްޔާރުކުރީ މީގެ ސާޅީސް އަހަރު ކުރިންނެވެ!

ޕާކެއް ނޫން… އެކަމަކު، “ޕާކެއް”

ޕާކެއްގެ ބޭނުމާއި ފަންކްޝަނަށް ބަލާއިރު، ކުޅުދުއްފުށީގައި ހުސްބިންތަކާއި ބޯކޮށް ގަސްގެހާގެހި އޮތްއިރު، ޕާކަކީ އެހެން ރަށްރަށެކޭ އެއްގޮތަށް މުޅި ރަށެވެ. މަގުތަކަކީ، އާދަކާދައިގެ ގޮތުން ބަލާއިރު، އިޖުތިމާއީ ޖާގައެކެވެ. ނުވަތަ ސޯޝަލް ސްޕޭސް އެކެވެ. މަގުމަތީގައި އަންހެނުން ރޯނުވެށުމާއި ވާހަކަދައްކާލަން ތިބުމާއި، ފިރިހެނުން ބައެއް ކަހަލަ މަސައްކަތްތައް ކުރުމަށް ތިބުމުގެ އިތުރުން މަގުތަކަކީ ކުޅިވަރުވެސް ކުޅެއުޅުނު ތަނެކެވެ. މިޒަމާނުގައި މިކިޔާ ޕާކުތަކަކީ ވެސް މި ބޭނުންތަކަށް ތައްޔާރުކުރެވޭ ތަންތަނެއް ނޫންހެއްޔެވެ؟

އެންމެ ފުރަތަމަ ޕާކު

‘ޕާކު’ މިއި ކުޅުދުއްފުއްޓަށް، ގާތްގަނޑަކަށް 1979 ހިސާބުގައި ތަޢާރަފުވި ކޮންސެޕްޓެކެވެ. ނުވަތަ ހިޔާލެކެވެ. އެންމެ ފުރަތަމަ މިރަށުގައި ޕާކެއް ތައްޔާރުކުރެވުނީ 1979 ގައި އޭރުގެ ކޮމިޔުނިޓީ ސްކޫލް ( މިހާރުގެ އަތޮޅު ތައުލީމީ މަރުކަޒު) ގެ އިރުން އޮތް ސަރަހައްދު ސާފުކުރުމަށްފަހު އެތަނުގައެވެ. މިއީ ފޮތި ގާ ޖައްސައި، ވޯކްވޭތައް ހަދައި ވިނަޔާއި، ގަސްއިންދާފައި އޮތް ޕާކެކެވެ. ޕާކުގެ އިން ވަކިކޮށްފައިވަނީ ވެސް ފެންސްގެ ބަދަލުގައި ގަސްހައްދައިގެންނެވެ.

ޕާކު އުފެއްދި އަހަރަކީ ކުޅުދުއްފުށީގެ ކުޑަކުދިންގެ މުސްތަގުބަލަށް، އަދި ފަހުން މުޅި ރަށަށް އައި ސޯޝަލް ރިފޯމްގެ މައި ސަބަބުކަމުގައިވާ، ކޮމިޔުނިޓީ ސްކޫލް ވެސް ހުޅުވި އަހަރެވެ. ވީމާ، 1979 އަހަރަކީ ކުޅުދުއްފުށީގެ ކުޑަކުދިންނަށްޓަކާ، ވަރަށް ރަނގަޅު ދެކަމެއްކުރި އަހަރެކެވެ.

މިތާނގައި ނޯޓްކޮށްލަން ޖެހޭ ކަމަކީ 1979 ވަނަ އަހަރަކީ ޔުނެސްކޯގެ ފަރާތުން ‘ބައިނަލް އަގުވާމީ ކުޑަކުދިންގެ އަހަރު’ ނުވަތަ އިންޓަރނޭޝަނަލް އިޔަރ އޮފް ދަ ޗައިލްޑްގެ ގޮތުގައި ފާހަގަކުރި އަހަރު ކަމެވެ. މި އަހަރަށް ކުރުކޮށް ކިޔާއުޅުނީ އައި. ވައި. ސީ އެވެ. މީގެ ސާޅީސް އަހަރު ކުރިން ތައްޔާރުކުރެވުނު މިޕާކާއި، މިވާހަކަ ގުޅޭ ހިސާބަކީ، ޕާކު ތައްޔާރުކުރެވުނީ ކުޑަކުދިންނަށްޓަކާ ކަމަށް ވާކަމެވެ. ޕާކުގައި އައި.ވައި.ސީ ލޯގޯ، ފޮތި ގާ ޖައްސައި، އެތެރޭގައި ވިނަ ހައްދައިގެން ތައްޔާރުކޮށްފައި އޮތެވެ.

މީގެ އިތުރުން މަހެއްގެ ސިފައިގައި ހަމަ މިގޮތަށް، ވިނަ ހައްދާފައިވެސް އޮތެވެ. ނަމަވެސް މި ޒަމާނުގެ ޕާކުތަކުގައި ހުންނަ ޒާތުގެ ސީސޯ އާއި ސްލައިޑް ފަދަ އެއްޗެއްސެއް ނެތެވެ. ހުރީ ގަހެވެ. ދެން އޮތީ ވިނަ ހައްދާފައި އޮތް ކުޅޭނެ ހުސް ޖާގައެވެ. މި ޕާކް މިއީ، އާންމު މައިދާނެއްގެ ގޮތުގައި ބޭނުން ކުރެވޭގޮތަށް އޮތްތަނެއްކަމުގައި ވިޔަސް، އާންމުގޮތެއްގައި ޕާކް ބަލަހައްޓާ، ބޭނުންކުރަމުން ދިޔައީ ސްކޫލްކުދިންނެވެ.

މި ޕާކް އުވިގެންދިޔައީ އަޅައިނުލެވިގެންނެވެ. ބުނެވޭގޮތުގައި ޕާކް އޮތް ބިމުން ގެވަޅުދޫކުރުމަށް ވެސް އޭރުގެ ރަށު އޮފީހުގެ ފަރާތުން ވިސްނި އެވެ. ޕާކު އޮތް ބިން މިހާރު އޮތީ ތައުލީމީ މަރުކަޒުގެ ގޯތިތެރޭގަ އެވެ.

މުސްތަފާ ޕާކު

ކުރިން ބުނި ޕާކަށް، ‘އެންމެ ފުރަތަމަ ޕާކޭ’ ކިޔާފައި އެވަނީ އެތަނަށް ވަކި ހާއްސަ ނަމެއް ކިޔާފައި ނެތީމައެވެ. ފަހަރެއްގައި މުސްތަފާ ޕާކަކީ ކުރިން ބުނި ޕާކާއި ދާދި އެކުއެކީ ތައްޔާރުކުރި ތަނަކަށް ވެދާނެއެވެ. ޔަގީންވާ ކަމަކީ، މުސްތަފާ ޕާކަކީ ހާއްސަ ނަމެއް ދީގެން ކުޅުދުއްފުށީގައި ތައްޔާރުކުރި ފުރަތަމަ ޕާކު ކަމެވެ.

މުސްތަފާ ޕާކަކީ ތައުލީމީ މަރުކަޒުގެ ގޯތިތެރޭގައި، މިހާރުގެ މައި ގޭޓާއި ދިމާލުން އެއޮތް ހުސްޖާގައިގައި ތައްޔާރުކޮށްފައި އޮތް ޕާކެކެވެ. މިއީ ކުޅުދުއްފުށީގައި އެންމެ ފުރަތަމަ އުނދޯއްޔާއި، ސީސޯ އާއި ސްލައިޑް އަދި ވެސް މިފަދަ އެއްޗެހި ބަހައްޓައިގެން ތައްޔާރުކުރި ޕާކެވެ. ސްކޫލްގެ ގޯތިތެރޭގައި މި ޕާކް ހަދާފައިވުމުން،  މިއީ ކުޅުދުއްފުށީގައި ތައްޔާރުކުރި އެހެން ޕާކުތަކާ ހިލާފަށް، އާންމުންނަށް ހުޅުވާލެވުނު ޕާކެއް ނޫނެވެ.

މުސްތަފާ ޕާކު އުވިގެން ދިޔައީ ސްކޫލްގެ ގޯތިތެރެއަށް ގެންނަމުންދިޔަ ބަދަލުތަކުގެ ސަބަބުންނެވެ. މި ޕާކުގެ ނަން ނިސްބަތްވަނީ ތައުލީމީ މަރުކަޒުގެ އޭރުގެ ހެޑްމާސްޓަރަށެވެ.

ޖޭ،އޯ،ސީ.ވީ ޕާކު

މިއީ، ޖަޕަނީސް އޯވަސީޒް ވޮލަންޓިއަޒްގެ ފަރާތުން ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ކުޅުދުއްފުއްޓަށް ފޮނުވާފައިހުރި ވޮލަންޓިއަރެއްގެ އިސްނެގުމާއެކު ޖޭ.އޯ.ސީ.ވީގެ ފަރާތުން ޖަޕާނުގެ ކުޑަކުދިންގެ ނަމުގައި ކުޅުދުއްފުށީގެ ކުޑަކުދިންނަށް ދިން ހަދިޔާއެކެވެ. ޖޭ.އޯ.ސީ.ވީ ޕާކު އޮތީ ‘މައިކްރޯ’ އޭ ކިޔާ ގޯތީގެ ހުޅަނގުން އޮތް ހުސްބިމުގައެވެ. މިއީ އެހާތަނަށް އެންމެ ފުރިހަމައަށް ތައްޔާރުކުރި ޕާކެވެ. މި ޒަމާނުގެ ކުޑަކުދިންގެ ޕާކެއްގައި އާއްމުކޮށް ހުންނަ ގިނަ ތަކެތި ބަހައްޓާފައި ހުއްޓެވެ. ނަމަވެސް، ނުބެލެހެއްޓުމުގެ ސަބަބުން ވީރާނާވެ ދިޔައީއެވެ. މި ޕާކު ހުރި ބިމުގައި މިހާރުވަނީ ގޯތިދޫކޮށް، އިމާރާތްކުރަން ފަށާފައެވެ.

ޖޭ.އޯ.ސީ.ވީ ޕާކު، ބޭނުންނުކުރެވޭ ވަރުވުމުން، މި ރަށަށް ކުޑަކުދިންގެ ޕާކެއްގެ މުހިންމުކަން ބައެއް މީހުންނަށް އިހްސާސްކުރެވި އެ ވާހަކަދައްކަމުން ގެންގޮސްފައި ވެއެވެ. އިންތިހާބީ މަގާމުތަކަށް އަންނަންބޭނުންވި ބައެއް މީހުން ވައުދެއްގެ ގޮތުގައިވެސް ކުޑަކުދިންގެ ޕާކު ހެދުން ހިމަނާފައި އެބަހުއްޓެވެ.

އާރާމް ބަގީޗާ

އާރާމް ބަގީޗާއަކީ 2016 ވަނަ އަހަރު ކުރި ވަރަށް ފާހަގަކޮށްލެވުނު ކޮމިޔުނިޓީ މަސައްކަތެކެވެ. ބަގީޗާގައި ބަހައްޓާފައިހުރި ލިޔުމުގައިވާގޮތުން، މިއީ އާރިފް އަލީ (ކޮކާހަނދުވަރުގެ) އާއި ހަމްޒާ ޙަސަން (ޕްލަމް) ގެ އިސްނެގުމާއެކު، ވަރަށް ގިނަ ބަޔަކު އެކުވެގެން ކުރި މަސައްކަތުން ތައްޔާރުކުރެވުނު ޕާކެކެވެ. ‘ކަރިންބެ ރުއްގަނޑު’ އޭ ކިޔާ ސަރަހައްދުގައި، ތަބީޢީ ސިފަތައް ލޭންޑް ސްކޭޕިންގް އާއި ފަރުމާގެ ތެރެއަށް މަހާލައިގެން ތައްޔާރުކުރި މި ޕާކު ވެގެން ދިޔައީ ހުރިހާ އުމުރު ފުރައެއްގެ މީހުންގެ ޝައުގުވެރިކަން ދަމައިގަތް ތަނަކަށެވެ. ޕާކު ހެދުމަށް އެއްގަމާއި، ގޮނޑުދޮށާއި މޫދު ބޭނުންކުރިއެވެ. ކުޑަކުދިންގެ ޕާކުތަކުގައި ހުންނަ ޒާތުގެ ބައެއް އެއްޗެހި މިޕާކުގައި ބެހެއްޓީ ލަކުޑި އާއި ދަނޑިން ތައްޔާރުކޮށްފައެވެ.

އާރާމް ބަގީޗާއަކީ މިރަށުގައި އެންމެ ފުރަތަމަ ތައްޔާރުކުރި ޕާކެކޭ އެއްގޮތަށް ކޮންމެ އުމުރުފުރާއެއްގެ މީހަކަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް އޮތް އާންމު މައިދާނެކެވެ. ޕާކު ތައްޔާރުކޮށްފައި އޮތް ލޮކޭޝަނަކީ ކުޅިއާއި ގޮނޑުދޮށާއި ކައިރި ލޮކޭޝަނަކަށްވުމުގެ އިތުރުން، ޕާކު ތައްޔާރުކޮށްފައި އޮތްގޮތް ލާސާނީވުމުން ރަށަށްއަރާ ބީރެއްޓެހިންނަށްވެސް މިތަނަކީ ކޮންމެވެސް ވަރެއްގެ އެޓްރެކްޝަނަކަށްވިއެވެ.

ޕާކުތަކަކީ އުނގަންނައިދިނުމަށް ވެސް ބޭނުންކުރާ ތަންތަންކަމަށްވުމުން ސްކޫލްތަކުން މި ޕާކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފިއެވެ. އާރާމް ބަގީޗާގެ ކުރު އުމުރުގައި، ސްކޫލްތަކުގެ ތަފާތު އިވެންޓްތައް މިތަނުގައި ބާއްވާފައިވެ އެވެ.

އާރާމް ބަގީޗާއިން ވަރަށް މުހިންމު މެސެއްޖެއްވެސް ދިނެވެ. އެއީ، ޕާކުތަކަށް ރައްޔިތުން ބޭނުންވެފައިވާކަމުގެ މެސެޖެވެ. މި ޕާކް ރޫޅާލީ އެއާޕޯޓް ހެދުމަށް ބިން ނަގަންޖެހުމުންނެވެ.

އަމީނީ މަގުގެ ދެކުނު ކޮޅު

އާރާމް ބަގީޗާ ހަދަމުން ދިޔަދުވަސްވަރު އަމީނީ މަގުގެ ދެކުނު ކޮޅުން އަތިރިމަތީގައި އޮތް ސަރަހައްދު ސާފުކޮށް މައިޒާނަކަށް ބަދަލުކޮށްލިއެވެ. މިއީވެސް ކޮމިޔުނިޓީ މަސައްކަތެއްގެ ގޮތުގައި ކޮށްފައިވާ މަސައްކަތެކެވެ. މިހާރު މި ސަރަހައްދުވެފައިވަނީ ހިތްހަމަޖައްސާލުމަށް އެންމެ ގިނައިން ހުރިހާ އުމުރެއްގެ މީހުން އެއްވާތަނަށެވެ.

ނޯޓުކޮށްލަންޖެހޭ ކަމަކީ މިއީ މި ސަރަހައްދު، ޕާކަކަށް ބަދަލުކޮށްލުމަށް މަސައްކަތްކުރެވުނު ފުރަތަމަ ފަހަރު ނޫންކަމެވެ. މީ ގެ ކުރިންވެސް، މިސަރަހައްދުގައި، އިންޖިނުގޭގެ ދެކުނުން އޮންނަ ފެންގަނޑުގެ ކައިރީގައި މައިޒާނެއް ހެދުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރެވުނެވެ.

ޝަހީދު ހުސައިން އާދަމް ޕާކު

ޝަހީދު ހުސައިން އާދަމް ޕާކަކީ، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މުހަންމަދު ނަޝީދުގެ ކެމްޕެއިން ވަދެއްގެ ގޮތުގައި ތައްޔާރުކުރެވުނު ޕާކެކެވެ. މިއީ، މިހާތަނަށް ކުޅުދުއްފުށީގައި ތައްޔާރުކުރި އެންމެ ފުރިހަމަ ކުޑަކުދިންގެ ޕާކެވެ. މިހާރަކަށް އައިސް، ރާއްޖޭގައި ހަދާ ކުޑަކުދިންގެ ޕާކުތަކުގައި ހުންނަ އާންމު ސިފަތަކާއި ތަކެތި، މި ޕާކުގައި އެބަހުއްޓެވެ. ވަރަށް ގިނަ ބަޔަކު މި ޕާކު، އުފަލާއެކު ބަލައިގަނެ ބޭނުންކުރަމުން ދޭވެސްމެއެވެ.

ތަރި ޕާކު

ތަރި ޕާކަކީ، ބޮޑަވަކި މަގުން އަތިރިއަށް ފައިބާއިރު، އެދިމާ އަތިރިމަތީ އަމިއްލަ ފަރާތަކުން މިހާރު ހަދަމުންދާ ޕާކެކެވެ.މި ޕާކަށް ‘ތަރި ޕާކު’ އޭ އަހަރެން ނަންދިން ސަބަބަކީ މި ޕާކުގެ ގޭޓްމަތީގައި ތަރިއެއް ހަރުކޮށްފައިވާތީއެވެ. ޕާކަށް ބަލާއިރު، މިއީވެސް ކުޑަކުދިންނަށް ޚާއްސަ ޕާކެކެވެ. ޕާކުގައި ހުރީ އާންމުކޮށް މިބާވަތުގެ ޕާކުތަކުގައި ދިވެހިން ޖައްސައިއުޅޭ ސިފަތަކެވެ.

އިތުރު ވާހަކައެއް

ހުރިހާ ޕާކުތަކުން ވެސް ފާހަގަކުރެވޭ އެއް ކަންތައްތަކެއް އެބަ ހުއްޓެވެ. ފުރަތަމަ ކަމަކީ މިހުރިހާ ޕާކަކީ ވެސް ރައްޔިތުންނަށް ވަރަށް ކަމުދިޔަ ތަންތަނަށް ވީކަމެވެ.  ދެވަނަ ކަމަކީ މި ތަންތަން އުވިދިޔުމުގައި، އާންމުންގެ މާބޮޑު ދައުރެއްނެތްކަމެވެ. ނަމަވެސް  ބައެއް ޕާކުތައް އުވިދިޔުމުގައި ރަށުގެ ވެރިކަމުގެ ދައުރު އޮތްކަމެވެ. އާރާމް ބަގީޗާ ރުޅާލީ، ސަރުކާރުން އެބިން ބޭނުންވުމުންނެވެ. އެހެން ޕާކުތައް އުވުނީ ނުބެލެހެއްޓުމުގެ ސަބަބުންނާއި ޕާކެއް އޮތުން އެއީ މުހިންމުކަމެއްގެ ގޮތުގައި ނުބެލީމައެވެ.

ރަށުގައި ތައްޔާރުކުރި ހުރިހާ ޕާކެއް ވެސް ތައްޔާރުކޮށްފައި ހުރީ ވަރަށް ބޮޑަށް ކުޑަކުދިންނަށް އަމާޒުކޮށެވެ. މިހެންވުމުން، އަދިވެސް ކުޅުދުއްފުށީގެ ގިނަ މީހުންނަށް ހީވެފައި އޮންނަނީ ޕާކުތަކަކީ ހަމައެކަނި ކުޑަކުދިން ކުޅެން ތައްޔާރުކުރާ ތަނެއް ކަމަށެވެ.

ހުރިހާ އުމުރުފުރައަކަށާއި ތަފާތު ކަންކަމަށް ބޭނުންކުރެވޭނެ ތަނަވަސް ޕާކެއް ރަށަށް އެބަ ބޭނުންވެއެވެ. އެކަމަށް ޖާގައެއް ކަނޑައަޅަންޖެހެއެވެ. ކުރިންވެސް ބުނިހެން، ‘ޕާކު’ މިއީ ކުޅުދުއްފުއްޓަށް އާ ޚިޔާލެއް ނޫނެވެ. އެކަމަކު، ސާޅީސް އަހަރުވެފައިވާ ދޮށީ ޚިޔާލެކެވެ.

——-

ނޯޓް: މި ލިޔުން ލިޔުނީ، މިއަށްވުރެ ތަފުސީލް މައުލޫމާތާއެކު ކޮންމެވެސް ފަރާތަކުން މި މައުލޫއަށް ތާރީޚީ ލިޔުމެއް ލިޔާނެކަމުގެ އުންމީދުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355