މިއަދުންފެށިގެން މުސަރާއާއެކު 6 މަސްދުވަހުގެ “މެޓަރނިޓީ ލީވް” ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
އެގޮތުން މިހާރު ސަރުކާރުގެ ވަޒީފާ އަދާކުރާ މައިންގެތެރެއިން، އެމީހެއްގެ ތުއްދުދަރިފުޅަށް 6 މަސްނުވާ ކޮންމެ މަޔަކަށް ވެސް 6 މަހުގެ ޗުއްޓީ ލިބޭނެ އެވެ.
މިއަދު މާފުށީގައި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ވަޒީފާ އަދާކުރާ ކޮންމެ މަޔަކަށް މިއަދުން ފެށިގެން 6 މަސް ދުވަހުގެ މެޓާނިޓީ ލީވް ލިބިގެން ދާނެ ކަމަށާއި މީގެ އިތުރުން ބައްފައިންނަށް ވެސް 1 މަސް ދުވަހުގެ މެޓާނިޓީ ލީވް މުސާރައާއި އެކު ލިބޭނެ އެވެ.
ރައީސް ސާލިހް ވިދާޅުވީ އެންމެ ފަހުގެ ބޯހިމެނުމުން ދައްކަނީ ރާއްޖޭގައި ތިބި މަސައްކަތް ލިބިފައިވާ ދިވެހީންގެ %63 އަކީ ފިރިހެނުންކަމަށާއި އަންހެނުންގެ ނިސްބަތަކީ އެންމެ %37 ކަމަށެވެ. ވަޒީފާ އަދާކުރާ އަންހެނުންގެ ނިސްބަތް އެހާ ދަށްއިރު ވަޒީފާއެއް އަދާކުރަން ފެށުމަށްފަހު ވަކިހިސާބަކުން ވަޒީފާ ދޫކޮށްލައި އަންހެނުންގެ ނިސްބަތް މަތިންކަން ވެސް ރައީސް ފާހަގަ ކުރިއެވެ.
މީގެކުރިން ވަޒީފާ އަދާކުރާ މައިންނަށް ވިހައިގެން ލިބެމުން އަންނަނީ ތިންމަސްދުވަހުގެ ޗުއްޓީ ހަމަކަށް ބަދަލުކޮށްދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.