twitterviber whatsapp telegramfacebookyoutube instagram
9th May 2024

އަތޮޅު ކައުންސިލުން ހުސްވެފައިވާ ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރުކަމަށް ބޭފުޅަކުހޮވުމަށް ބާއްވާ ބައިއިލެކްޝަން ޖޫން 11 ގައި ބާއްވަން ހަމަޖައްސައިފި

Apr 26, 2011

އިބްރާހިމް ހަމީދު

ހދ. އަތޮޅު ކައުންސިލުން ހުސްވެފައިވާ ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރުކަމަށް ބޭފުޅަކުހޮވުމަށް ބާއްވާ ބައިއިލެކްޝަން ޖޫން 11 ގައި ބާއްވަން ހަމަޖައްސައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހދ. އަތޮޅު ކައުންސިލަށް ހޮވުނު އަލީ ނިފާޒް މަގާމުން އިސްތިއުފާ ދެއްވުމުގެ ސަބަބުން ހުސްވެފައިވާ މަގާމަށް މެމްބަރަކު ހޮވުމުގެ މަސައްކަތް ފެށުމުގެ ގޮތުން އިލެކްޝަން ކޮމިޝަނުން ނެރެފައިވާ އިއުލާނުގައި ވަނީ ބައި އިލެކްޝަން އޮންނާނީ  ޖޫން 11 ވާ ހޮނިހިރު ދުވަހުގެ ހެނދުނު  8:00 ން ހަވީރު  4:00 އަށްކަމަށެވެ.

އެއިއުލާނުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ކޮންމެ ބޭފުޅަކަށްވެސް ހދ. އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ. ހދ. އަތޮޅު ކައުންސިލަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމް ބަލައިގަތުން  މިއަދުން  ފެށިގެން  މެއި 10 ވާ އަންގާރަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް އިލެކްޝަން ކޮމިޝަނުގެ 05 ވަނަ ފަންގިފިލާގައި ކުރިޔަށްދާނެއެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަން ޖެހޭބައެއް ނުވަތަ ފޯމާއިއެކު ހުށައަޅަންޖެހޭ އެއްވެސް އެއްޗެއް މަދު ނަމަ އެފޯމް ބަލައެއް ނުގަނެވޭނެކަމަށް އިލެކްޝަން ކޮމިޝަންގެ އިއުލާނުގައި ބުނެފައިވެއެވެ.

އެމްޑީޕީއަށް ނިސްބަތްވާ އަލީ ނިފާޒް އަތޮޅު ކައުންސިލުން އިސްތިއުފާ ދިނުމުން މިހާރު އެކައުންސިލްގައި ތިއްބަވަނީ ޑީއާރުޕީ 02 މެމްބަރުންނާއި އަމިއްލަ 01މެމްބަރަކާއި އެމްޑީޕީގެ 06 މެމްބަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355