އެޖެންޑާ 19 ގައި ކުޅުދުއްފުއްޓަށް މުހިންމު ހަތަރުކަމެއް ހިމެނިފައިވާ ކަމަށް ކުޅުދުއްފުށީ އެމްޑީޕީ ދެކުނު ދާއިރާގެ ކެންޑިޑޭޓް ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޖަމްޝީދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިއަދު ހަވީރު ކުޅުދުއްފުށީގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޖަމްޝީދު ވިދާޅުވީ އެޖެންޑާ 19 ކާމިޔާބުކުރަން ބަލާއިރު ކުޅުދުއްފުއްޓަށް ނުހަނު ބޭނުންވާ ހަތަރުކަމެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ހަތަރު ކަންތައް ކޮށްދެއްވާނެކަމަށް އޭނާ ވަނީ އިއުލާންވެސް ކޮށްދެއްވާފަ އެވެ.
އެޖެންޑާ 19 ކާމިޔާބު ކުރެއްވިއްޖެނަމަ ކޮށްދެއްވަން ކަނޑައަޅާފައިވާ ކަންތައްތައް އިއުލާންކުރައްވަމުން އޭނާ ވިދާޅުވީ ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވެގެންދާއިރު ރަށުގެ ރިވެތިކަމާއި ތާހިރުކަމުގެ ސިޓީއަކަށް ހެދުމަށް ކުޅުދުއްފުށީގެ ކުނި މެނޭޖުކުރުމަކީ ނުހަނު މުހިންމުކަމެއް ކަމަށްވާތީ ރަށުގެ ކުނިކޮށި ރިސައިކަލް ސެންޓަރަކަށް ބަދަލުކުރާނެ ކަމަށެވެ.
މިއީ ވަރަށް މުހިންމުކަމެއްކަން ފާހަގަކުރައްވަމުން ޖަމްޝީދު ވިދާޅުވީ އެކަމުގެ ސަބަބުން ކުނީގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ރަށުގައި ހުރި ފަޅު ގޯތިތަކުގައި އެގެތަކުގެ ވެރިންނަށް ފަސޭހަކަމާއެކު ގޯއްޗެއް އެޅޭނެ މަގު އެޖެންޑާ 19 އިން ފަހިކޮށްދޭނެ ކަމަށެވެ.
“ރަށުގައި ގިނަ އަދަދެއްގެ ފަޅު ގޯތިތައް ހުރުމާއެކު އެގޯތިތަކުގެ ވެރިންނަށް އެޖެންޑާ 19 ގެ ދަށުން ލުއި ފަސޭހަކަމާއެކުގައި ބޭނުންވާ ފަދަ ރިވެތި ގެޔެއް އެޅުމުގެ ފުރުސަތު ހޯދައިދިނުން.” ކުޅުދުއްފުށީ ކައުންސިލްގެ ރައީސްކަންވެސް ކުރައްވާފައިވާ ޖަމްޝީދު ވިދާޅުވި އެވެ.
ތިންވަނަކަމެއްގެ ގޮތުގައި ޖަމްޝީދު ފާހަގަކުރެއްވީ އާންމު ރައްޔިތުންގެ އަތްމަތި ތަނަވަސްކޮށްދިނުން ކަމަށެވެ. އެގޮތުން އެޖެންޑާ 19 އިން ރައްޔިތުން މީހާގެ ޖީބުތައް މުއްސަނދިކޮށްދިނުން ހިމެނިފައިވާ ކަމަށާއި އެއީ ފުއްދުންތެރި، އުފާވެރި އާއިލާއެއް ހޯދާ ދިނުމަށްޓަކާ ކަމަށެވެ.
ތެރޭގައި ސަރުކާރުގެ ތެރެއިން އެކަން ކުރުމަށް ގަސްތުކުރެވިފައިވަނީ ހުއިފިލަނޑާގެ މަސައްކަތް އަލައިކޮށް ދިރުވާ ބާޒާރާ ނެރެގެން ކަމަށެވެ. އެގޮތުން ރަށުގެ އެ މަސައްކަތް ފަށައި ދުވަހުން ދުވަހަށް އާންމުދަނީ ލިބޭނެ ގޮތް ހޯދައިދޭނެކަމަށެވެ.
ޖަމްޝީދު ވިދާޅުވީ ކުޅުދުއްފުށީގައި މިހާރު މޫދަށް އެރެން ބޭނުންކުރާ ސަރަހައްދު އެކަށީގެންވާ މިޒަމާނުގެ މޫދަށް އެރޭ ތަނެއް އެތަނުގައި ހަދައިދޭނެ ކަމަށެވެ. އަދި އެތަން ތަރައްގީކުރެވިގެންދާއިރު އައުޓްޑޯ ޖިމެއްވެސް ގާއިމުކުރާނެކަމަށް ޖަމްޝީދު ވިދާޅުވި އެވެ. އެކަމަކީ ދުޅަހެޔޮ ސިއްހަތެއްގެ ހުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރުމަށް ނިންމާފައިވާ ކަމެއްކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެޖެންޑާ 19 ކާމިޔާބުކުރެއްވިއްޖެނަމަ މިކަންތައްތައް ހާސިލުވެގެންދާނެ ކަމަށާއި އެމްޑީޕީއަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް ހުރިހާ ރައްޔިތުން މަސައްކަތްކޮށްދިނުމަށް ޖަމްޝީދު ވަނީ އެދިލައްވާފަ އެވެ.
ޖަމްޝީދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި މި ހަފްލާގައި ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބުދުލް ލަތީފް ހަސަން އާއި އަތޮޅު ކައުންސިލް މެމްބަރު އަހުމަދު އާތިފްގެ އިތުރުން ރަށުގައި އެމްޑީޕީގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.