twitterviber whatsapp telegramfacebookyoutube instagram
25th April 2024

މިނިމަމް ވޭޖް ކަނޑައަޅައި ހުރިހާ ދާއިރާއެއް މުވައްޒަފުންނަށް އެކަށީގެންވާ އުޖޫރައެއް ލިބެން ޖެހޭ: ޝަހުދީ

Mar 11, 2019

މިނިމަމް ވޭޖް ކަނޑައަޅައި ހުރިހާ ދާއިރާއެއްގައި ހިދުމަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާ އުޖުރައެއް ލިބެން ޖެހޭކަމަށާއި މަޖިލީހުގެ ތެރެއިން އެކަމަށް ވަކާލާތުކުރައްވާނެކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ މަޖިލިސް ބަހުސްގައި ވާހަކަދައްކަވަމުން މެމްބަރު ޝަހުދީ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް އެފަރާތްތަކުން އެކުރާ ބުރަ މަސައްކަތުގެ އުޖޫރަ އެކަށީގެންނުވާ ކަމަށެވެ. އަދި އެފަރާތްތަކަށް އެކަށީގެންވާ އުޖުރާއެއް ލިބެން ޖެހޭކަމަށެވެ.

“ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށޭނެ އާންމުދަނީ ލިބެން ޖެހޭ. ސިވިލް ސާވިސްގެ މުވައްޒަފުންނާއި ސްކޫލުތަކާއި މިސްކިތްތަކުގައި އަދި ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށޭނަ އުޖޫރަ ލިބެން ޖެހޭ. މުދައްރިސުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި އަދި މިފަދަ އެންމެހާ ހިދުމަތްތެރި ފަރާތްތަކަށް އެކަށޭނަ އުޖޫރަ ލިބެން ޖެހޭ.” ޝަހުދީ ވިދާޅުވި އެވެ.

ރައްޔިތުން މަޖީލީހުގެ މުސާރަ އާއި އިނާޔާތްތައް މުރާޖާކުރެވެން ޖެހޭކަމަށާޢި އަދި އެކަމަށް ރައްޔިތުން އެދޭކަހަލަ ރަނގަޅު ހައްލެއް ގެންނަން ޖެހޭ ކަމަށްވެސް ޝަހުދީ ފާހަގަކުރެއްވި އެވެ.

ޝަހުދީ ވިދާޅުވީ ދާއިރާ އާއި އަތޮޅުގެ ވިންދު އެނގޭކަމަށާއި އަތޮޅުގެ ހައްގުގައި މިދިޔަ ދައުރުގައިވެސް އެންމެ ތަންކޮޅެއްވެސް ދޫނުދީ ވަކާލާތު ކުރެއްވި ކަމަށެވެ. އަދި އަތޮޅަށް ދިމާވެފައިވާ ހިޖުރަކުރުމުގެ މައްސަލައަށް ހައްލުހޯދުމަށް އެކަށީގެންވާ ތައުލީމާއި ސިއްހީ އަދި ވަޒީފާގެ ފުރުސަތުތައް އަތޮޅުން އުފައްދަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހުދީ ވިދާޅުވީ ދައުލަތުގެ ބަޖެޓަށް ނުފިލައި ވޯޓް ދިނުމުގެ ގާބިލުކަން އެބަހުރި ކަމަށެވެ. އަދި އިސްލާމްދީނާއި ގާނޫނު އަސާސީއާ ހިލާފުނުވާ ކޮންމެކަމެއްވެސް މި ސަރުކާރާ ގުޅިގެން ކުރަން ތައްޔާރަހުންނެވިކަމަށާއި ރައްޔިތުން އެކަން ގަބޫލުކުރެއްވުމަށެވެ.

ދާއިރާގެ ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް އިހްތިރާމްކުރައްވާނެ ކަމަށް ވިދާޅުވަމުން ޝަހުދީ ވިދާޅުވީ ދާއިރާގެ ރައްޔިތުން ރަށުގައި ތިބެގެން ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށާއި ހދ އަށް ފަތުރުވެރިކަން ގެނައުމަށް ވަކާލާތުކުރެއްވުމުގައި ދެމިހުންނަވާނެކަމަށެވެ.

ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ހަނިމާދޫ އެއާޕޯޓް ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވެގެންދިޔުމުގައި އޭނާގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެ ކަމަށެވެ. އަދި ދާއިރާގެ އެހެން ރަށްތަކުގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުވެގެން ދިޔުމާއި ދާއިރާގެ ހުރިހާ ރަށެއްގައި އޭލެވަލްއަށް ކިޔެވޭނެ ގޮތް ބަދަލުވެގެން ދިޔުމަށް އެދޭކަމަށް ޝަހުދީ ވިދާޅުވި އެވެ. އަދި އެކަންކުރުމަށް މަޖިލީހުގައި ވަކާލާތުކުރުމުގައި ދެމިހުންނަވާނެކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355