twitterviber whatsapp telegramfacebookyoutube instagram
19th May 2024

ތިލަދުންމަތި ފަޚުރުވެރިވާނެ ގޮނޑިއަކަށް ވައިކަރަދޫ ދާއިރާގެ ގޮނޑި ހަދައިދޭނަން: ސަގީފް

Mar 11, 2019

ކުރިއަށް އޮތް ރައްޔިތުންގެ މަޖްލިސް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ މުޅި ތިލަދުންމަތި ފަޚުރުވެރިވާނެ ފަދަ ގޮނޑިއަކަށް ވައިކަރަދޫ ދާއިރާގެ ގޮނޑި ހަދައިދޭނެ ކަމަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ހުސައިން ސަގީފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖްލީހުގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދާ މަޖްލިސް ބަހުސްގައި ވާހަކަދައްކަވަމުން ސަގީފް ވިދާޅުވީ ރައްޔިތުންގެ މަޖްލީހުގެ އިންތިހާބަށް ކުރިމަތިލީއިރު ބައްޕަ ދިން ނަސޭހަތް އަބަދުވެސް ހަނދާން ބަހައްޓާނެ ކަމަށާއި އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ވާނީ ދާއިރާގެ ރައްޔިތުންނަށް ނަމޫނާއަކަށް ކަމަށެވެ.

އަދި އެނަމޫނާ ދައްކާ ތިލަދުންމަތި ފަޚުރުވެރިވާނެ ފަދަ ގޮނޑިއަކަށް ވައިކަރަދޫ ދާއިރާގެ ގޮނޑި ހަދައިދޭނެކަމަށް ޡަޤީފް ވިދާޅުވިއެވެ.

“އަޅުގަނޑު މަޖްލިސް އިންތިހާބަށް ނިކުންނަން ބައްޕަގާތު ދެންނެވީމާ ބައްޕަ ވިދާޅުވީ ދަރިފުޅާއޭ ހަރާމް ފައިސާއެއްގައި ނުޖެހެއްޗޭ، ދަރިފުޅާއޭ ހަރާމް ފައިސާއެއް ގެއަށް ނުވައްދައްޗޭ، ދަރިފުޅާއޭ ހަރާމް ފައިސާއެއް ދަރިންނަށް ކާން ނުދެއްޗޭ. އަޅުގަނޑު ބައްޕައަށް ދަންނަވާލަން އޮތީ ބައްޕާއޭ އަޅުގަނޑު މިހުރީ ބައްޕަދިން ފުރިހަމަ ނަސޭހަތުގެ މަތީގައެ. އިންތިހާބު ވެއްޖެނަމަ މިނަމޫނާ ދާއިރާގެ ރައްޔިތުންނަށް ދައްކަދޭނަށް. ތިލަދުންމަތި ފަޚުރުވެރިވާފަދަ ގޮނޑިއަކަށް ދާއިރާގެ ގޮނޑި ހަދައިދޭނަން” އަތޮޅު ކައުންސިލްގެ ރައީސްކަންވެސް ކުރައްވާފައިވާ ސަގީފް ވިދާޅުވިއެވެ.

ސަގީފް ވިދާޅުވީ ރާއްޖޭގެ އެހެން ސަރަހައްދުތަކާއި އަޅާބަލާއިރު ތިލަދުންމައްޗަކީ ވަރަށް ބޮޑަށް އިހުމާލުވެފައިވާ ސަރަހައްދެއް ކަމަށާއި ތިލަދުންމަތީ ރައްޔިތުން މާލެ ހިޖުރަކޮށްގެން ދިރިއުޅެނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. މީގެ 75 އަހަރުކުރިން ތިލަދުންމަތިން މާލެއަށް ކުރި ދަތުރުގެ ހަނދާން އައުކުރައްވާ ސަޤީފް ވިދާޅުވީ މާލެއަށް ހިޖުރަކޮށް މާލެއިން ވަރަށްގިނަ މައުލޫމާތުތަކެއް ލިބި، ބައިވަރު ކަންތައްތަކެއް ދަސްވެގެން ހިނގައްޖެކަމަށާއި މިއަދަކީ މިތަޖުރިބާތައް ހިފައިގެން ތިލަދުންމަތީ ރައްޔިތުން އަނބުރާ ތިލަދުންމައްޗަށް ދާންވީ ވަގުތު ކަމަށެވެ.

ފެނާއި ނަރުދަމާ ގާއިމުކުރާކަށް ރައްޔިތުން އާދޭސްކުރާކަށް ނުޖެހޭނެކަމަށާއި އެކަންތައްތަކަކީ ސަރުކާރުތަކުން ކުރަން ޖެހޭ އަސާސީ ހިދުމަތްތަކެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަތޮޅު ކައުންސިލްގައި މަސައްކަތް ކުރީ އާމާންތެރިކަމާއި އިޙްލާސްތެރިކަމާއެކު ކަމަށާއި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ތަޖުރިބާކުރި ކަމަށެވެ. ކައުންސިލްގެ މަގާމުން އިސްތިއުފާ ދެއްވީ  އެކަމުގައި ހުރި ގޮންޖެހުންތަކާއި އެޅިފައިހުރި ތަޅުތަކުގެ ސަބަބުން އިހްތިޖާޖްކުރުމުގެ ގޮތުން ކަމަށް ސަގީފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355