twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރަށު މީހާ ރަށަށް ކެމްޕެއިންނަށް ނަޝީދުގެ ވަރުގަދަ ހަމަލާތަކެއް !

Mar 17, 2019

އެ ބޭފުޅާގެ އުފަން ރަށާ ހެދި ތަފާތުކުރަން މީހުންނަށް ބުނެދިނުމަކީ އެންޓި ކެމްޕެއިންކުރުން ކަމަށާއި އެއީ އިންތިހާބުގައި އެ ބޭފުޅާ އާއި އެހެން ކެންޑިޑޭޓުންނާ ތަފާތުކުރުމަށް ބޭނުންކުރެވޭނެ ހަންޖަރެއް ނޫންކަމަށް ވިދާޅުވެ ” ރަށު މީހަ ރަށަށް” ކެމްޕެއިންނަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު ވަރުގަދަ ހަމަލާތަކެއް ފޮނުވާލައިފި އެވެ.

ނަޝީދުގެ ކެމްޕެއިން ޖަގަހާގައި ރޭ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އެބޭފުޅާއާއެކު 7 ކެންޑިޑޭޓުން ވާދަކުރައްވާއިރު ކުޅުދުއްފުއްޓަށް އުފަން ނޫން ހަމައެކަނި ކެންޑިޑޭޓަކީ އެ ބޭފުޅާކަމަށްވާއިރު “ރަށު މީހާ ރަށަށް ” ކެމްޕެއިން އަމާޒުވެގެންދަނީ ހަމައެކަނި އެބޭފުޅާއަކަށް ކަމަށެވެ. އަދި އުފަން ރަށާ ހެދި ތަފާތުކުރުމަށް މީހުންނަށް ބުނެދިނުމަކީ ގާނޫނީ ކުށެއް ކަމަށާއި އެކަން އެގޮތަށް ނުކުރެއްވުމަށް އޭނާ އެދިލެއްވި އެވެ.

“މިރޭހުގައި 7 މީހުން ވާދަކުރާއިރު އަޅުގަނޑު އެކަނި ހުރީ ކުޅުދުއްފުއްޓަށް އުފަން ނޫން މީހަކަށް. އެހެންވީމަ އަޅުގަނޑުގެ އުނި ސިފައެއްގެ ގޮތުގައި ނޫންނަމަ އަޅުގަނޑާ ދެކޮޅަށް ދެކެވޭ ވާހަކައެއްގެގޮތުގައި އަޅުގަނޑުގެ އުފަން ރަށާ ހެދި ތަފާތުކުރަން މީހުންނަށް ބުނެދިނުމަކީ އެންޓި ކެމްޕެއިން ކުރުން. އެންޓި ކެމްޕެއިން ކުރުމަކީ ގާނޫނީ ކުށެއް. އިންތިހާބީ ކުށެއް. އެ އެއްޗެއް ނުގެންގުޅެވޭނެ އިންތިހާބުގައި މީހެއްގެ ގައިގައި ޖަހަން ބޭނުންކުރާ ބޯޅައެއް ގޮތުގައިއެއް. އެ އެއްޗަކީ އަޅުގަނޑު  އެހެން މީހުންނާ ތަފާތުކުރުމަށް ހަމަލާއަކަށް ބޭނުންކުރެވޭނެ ހަންޖަރެއް ނޫން.” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އިންތިހާބުތައް ބާއްވާ މީހުން މަގާމުތަކަށް ހޮވައި މަޖިލިސްތައް އެކުލަވާލައި މި ހަދަނީ ގާނޫނު އަސާސީއެއްގެ ތެރެއިން ކަމަށްވާއިރު ގާނޫނު އަސާސީގައި އެންމެންނަށްވެސް ހަމަހަމަ ފުރުސަތުތަކެއްދީފައިވާ ކަމަށެވެ. އަދި ހަމަ ގާނޫނު އަސާސީގައި އެމީހަކު ބޭނުން ދާއިރާއަކަށް ކުރިމަތިލުމަށާއި އެމީހަކަށް ވޯޓްލާން ބޭނުން މީހަކަށް ވޯޓްލުމުގެ މިނިވަންކަންވެސް ދީފައި އޮންނަކަން ނަޝީދު ފާހަގަކުރެއްވި އެވެ.

“އަދި ހަމަ އެ ގާނޫނު އަސާސީގައި 17 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބުނެފައިވެއޭ މީހެއްގެ އުފަން ރަށަށް ބިނާކޮށް. މީހަކު ނިސްބަތްވާ އާއިލާއަށް ބިނާކޮށް. މީހެއްގެ މާލީ ފުދުއްތެރިކަމަށް ބިނާކޮށް. މީހަކާ މެދު ތަފާތެއް ނުކުރެވޭނެއޭ. އެހެންވެ އެކަން (ރަށު މީހަ ރަށަށް) ކުރައްވާ ބޭފުޅުންނަށް އެކަން ކުރަނީ އޮޅިގެން ނަމަވެސް ގާނޫނު އަސާސީގެ 26 ވަނަ މާއްދާ 17 ވަނަ މާއްދާ އާއި މި ދެ މާއްދާއާ ހިލާފަށް.” ނަޝީދު ވިދާޅުވި އެވެ.

ރަށު މީހަ ރަށަށް މަޢުލޫގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެ މަޢުލޫ ގެންގުޅުއްވާ ގިނަ ބޭފުޅުން ނިސްބަތްވަނީ ވަކި ސިޔާސީ ޕާޓީއަކަށް ކަމަށާއި އެ ޕާޓީ ވުޖޫދަށްއާ ސަބަބާއި އެޕާޓީން މިހާތަނަށް ކޮށްފަ އޮތް ކޮންމެ ޖިހާދެއްކޮށްފައި އޮތީވެސް އަދި ހުރިހާ މަސައްކަތެއް އަމާޒުކޮށްފައި އޮތީވެސް އިންސާނީ ހައްގުތައް ކުރިއަރުވާށައި އިންސާނީ މިނިވަންކަން ދިފާއުކުރުމަށާއި ހައްގުތައް ހަމަހަމަ ފުރުސަތުތައް މީހުންނަށް ހޯދައިދިނުމަށް ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީއަށް އިޝާރާތްކޮށް އެ ޕާޓީގެ ނަން ވިދާޅުނުވެ ނަޝީދު ފާހަގަކުރެއްވީ އެހެންވުމުން އެބޭފުޅާއާ ދެކޮޅަށް އެކުރެވޭ މަސައްކަތްތަކަކީ އަސްލުގައި އެ ޕާޓީގެ މެމްބަރުން އެ ނިސްބަތްވާ ޕާޓީގެ މައިގަނޑު ސިޔާސަތުތަކާއި މައިގަނޑު މަސައްކަތުތަކާއި މައިގަނޑު ވިސްނުމާވެސް ދެކޮޅަށްކަމަށް ނަޝީދު ވިދާޅުވި އެވެ.

“ރައީސް ނަޝީދު ކުރިމަތިލައްވަނީ އަމިއްލަފުޅު ދާއިރާއަކަށް ނޫން. އުފަން ދާއިރާއަށް ނޫން. އިއްތިފާގަކުން ނަމަވެސް އެ ނަޝީދު( ރައީސް ނަޝީދު) ކުރިމަތިލައްވަނީ މި ނަޝީދުގެ އުފަން ދާއިރާއަށް. އަޅުގަނޑަށް އެކަމަކު ދެންނެވޭނެ ތޯ އެ ބޭފުޅާގެ އުފަން ދާއިރާއެއް ނޫނޭ. އެ ބޭފުޅާގެ އުފަން ދާއިރާއަށް ކުރިމަތިލައްވާށޭ. އަޅުގަނޑަކަށް އެހެން ރައީސް ނަޝީދުގެ އަރިހުގައިއެއް ނުދެންނެވޭނެ.” މިސަރުކާރާވެސް ގާތްގުޅުމެއް އޮންނަ ނަޝީދު ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަށް އުފަން ނޫން މީހަކަށް ވުމުން ބައެއް ފަރާތްތަކުން އެ ބޭފުޅާއަށް ކުޅުދުއްފުށިން ޖާގަ ދީގެން ނުވާނެ ކަމަށާއި ކުޅުދުއްފުށީ ފަސްގަނޑު ބޭރުކުރުމަށް އަދި ހޮވިޔަދީގެން ނުވާނެކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ސީރިއަސްކަމެއް ކަމަށާއި އެކަންތައް އެހާ އާދައިގެ ކަމަކަށް ހަދައިގެން ނޫޅުމަށް ނަޝީދު ގޮވާލެއްވި އެވެ

“އަޅުގަނޑު ދުށިން ރައީސް ނަޝީދު ވަރަށް ގިނަ ދުވަސްވަންދެން ރާއްޖޭއިން ބޭރުގައި އުޅުއްވާފަ ވަޑައިގެންނެވިއިރު މިރަށުގެ ބައެއް ބޭފުޅުން ފިހާރައެއް ކައިރީގައި އެތުރިވަޑައިގެން ތިއްބެވިތަން ރައީސް ނަޝީދާ ބައްދަކުރެވޭތޯ ސަލާމްކުރެވޭތޯ މަރުހަބާ ދެންނެވޭތޯ. ރަށުން އަމިއްލަ ހަރަދުގަ މާލެ ވަޑައިގެން ރައީސް ނަޝީދާ ސަލާމްކުރެވޭތޯ އެތިއްބެވީ މިރަށުގައި އެބޭފުޅުންނާއެއްކޮށް ކުޅެން އުޅުއްވި ބޭފުޅެއް ތޯ އެއީ،. ނޫން، ލޯބިވާތީ އެ ދިޔައީ. އެޔަށް މިކިޔަނީ ހިތާހިތުގެ ގުޅުމޭ . އެ ބޭފުޅުންނަށް ކީއްވެތޯއޭ ގަބޫލުނުކުރެވެނީ މިރަށުގައިވެސް ތިބެދާނެކަން އަޅުގަނޑު ދެކެ ހަމަ އެއްގޮތަށް ލޯބިވާ ބަޔަކު. ހަމަ މިރަށުގައިވެސް އެކަށީގެންވޭ އަޅުގަނޑު ދެކެ ލޯބިވާ ބަޔަކު ނުވަތަ އަޅުގަނޑު ލޯބިވާ އިހްތިރާމުކުރާ ގަދަރުކުރާ ބަޔަކު ތިބެދާނެ. އެހެންވީމަ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެއީ މާ ހަމަޖެހޭ އުސޫލެއްކަމަކަށް. މެމްބަރު ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ “ރަށު މީހަ ރަށަށް” ޝުއޫރަށް އިހްތިރާމުކުރާ ކަމަށާއި އެކަމަކު ކޮންމެ ދާއިރާއަކަށް ކޮންމެ މީހަކަށްވެސް ކުރިމަތިލެވޭނެކަމަށް ގާނޫނު އަސާސީ ހުރަސް ނާޅާކަމަށެވެ. ކުޅުދުއްފުށީ އުތުރު ދާއިރާއިން ކުރިމަތިލައްވާފައިވާ ދެ ކެންޑިޑޭޓުންނަށް ތައުރީފުކުރައްވާ ނަޝީދު ވިދާޅުވީ އެ ދެ ބޭފުޅުންނަކީވެސް ވަރަށް އިލްމީ ގާބިލު ދެ ބޭފުޅުން ކަމަށެވެ. އ

“މަޖިލީހުގައި ވާދަކުރަން ނިންމި ސަބަބު ބަޔާންކުރައްވައި ނަޝީދު ވިދާޅުވީ އުތުރު ދާއިރާއަށް ގާބިލު އިލްމީ ޒުވާނުން ގާތްގާތުން ވާދަކުރާތަން ފެންނަށްއިރު އެކަހަލަ ދެ ޒުވާނުން ދެކުނު ދާއިރާއިން ފެނުނު ނަމަ ހަމަ ސާފުކޮށް އަޅުގަނޑު މިދަންނަވަނީ މި އިންތިހާބަކު އަޅުގަނޑު ވާދައެއް ނުކުރީމުސް. އެ ބޭފުޅުންނަށް ފުރުސަތު އަރުވާނަން.” ނަޝީދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355