މަޖިލިސް މެމްބަރެއް ހުރިކަމުގެ އިހްސާސްކުރެއްވިއްޖޭ ރައްޔިތުން ބުނާވަރުކުރާ ވަރަށް ހިދުމަތްކުރައްވާނެކަމަށް ވިދާޅުވެ ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓް ޔާސިރު އަބުދުލް ލަތީފް ތަފާތު މެސެޖެއް ދޫކޮށްލައިފި އެވެ.
ޔާސިރު ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ގޭގެ ވަދެ ރައްޔިތުންގެ އިހްސާސްތައް އަޑުއަހާލުމުން މެމްބަރުން ވެފައިވާ އިހުމާލުން ހަގީގަތުގައިވެސް ރައްޔިތުން ތިބީ ނާއުންމީދުގައި ކަމަށެވެ. އެހެން އެދިމާވީ ރައްޔިތުންނަށް އެންމެ އެކަށޭނެ ކަންތައްތަކެއް ނުފެނި އެތަކެއް ކަންތައްތަކެއް ބޭގަރާރުވާގޮތަށް ހިނގާފައިވުމުން ކަމަށެވެ.
” ތިމަންނާމެންނަށް މެމްބަރެއް އިހްސާސްކުރެވިއްޖޭ. ދައުރު ނިމެމުންދާވަރަކުން ތިޔަބޭފުޅުންނަށް އެނގެމުންދާނެ އަޅުގަނޑުމެން ތިޔަ ބޭފުޅުންގެ ދުލުން އެ ބަސް ބުނާވަރަށް މަސައްކަތްކުރާނަން.” ޔާސިރު ވިދާޅުވި އެވެ.
އެބައެއްގެ ހާލަތު ބަދަލުކުރާކަމަށް އެހެން ބަޔަކު ނާންނާނެކަމަށާއި އެމަސައްކަތް ކުރާނީ މިރަށުގެ ހުރިހާ އެންމެން ކުރާ މަސައްކަތެއްގެ ގޮތުގައިކަމަށް ޔާސިރު ވިދާޅުވި އެވެ.
ޔާސިރު ވިދާޅުވީ ހޮސްޕިޓަލާއި ސްކޫލުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރާއެކު މަސައްކަތްކުރާނެ ކަމަށާއި އަދި އެއާޕޯޓްގެ މަސައްކަތް މި ސަރުކަރުން ނިންމާދޭނެކަމަށެވެ. އެއާޕޯޓްގެ މަސައްކަތް ނިންމާ ހިދުމަތްތަށް ގެނައުމަކީ އަދުގެ ރައީސުލް ޖުމްހޫރިއްޔާގެ ވައުދެއްކަންވެސް އޭނާ ފާހަގަކުރެވި އެވެ.
ތަފާތު ދާއިރާތަކުން ރަށަށް ކުރިއެރުން ގެނައުމަށް ސަރުކާރާއެކު މަސައްކަތްކުރާނެ ކަމަށާއި އެކަންތައްތައް ކުރެވޭނީ ސަރުކާރުގެ ކެނޑިޑޭޓަކަށް މަޖިލީހުން ފުރުސަތު ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާސިރު ވިދާޅުވީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުގައި ވަކާލާތުކުރެވޭނެ ހަމައެކަނި އެދާއިރާގެ ކެނޑިޑޭޓަކީ އޭނާ ކަމަށާއި ޓޫރިޒަމް އިންޑަސްޓްރީގެ މުވައްޒަފުންގެ ހައްގުގައި ވަކާލާތުކުރެވޭނެ އިތުރު ކެނޑިޑޭޓެއް އުތުރު ދާއިރާއަކުން ނާންނާނެ ކަމަށެވެ. ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުގައި ދައްކަން ޖެހުނު ކޮންމެ ވާހަކައެއްވެސް މަޖިލީހުގައި ދައްކާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
މެމްބަރެއްގެ ހައިސިއްޔަތުން އެންމެ ބޮޑަށް ކުރާނެ ކަމަކީ މީހުން ބިނާކުރުން ކަމަށާއި ފަސް އަހަރުގެ ތެރޭގައި މީހުން ބިނާކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޔާސިރު ވިދާޅުވީ ފައިސާ ކޮޅަކަށް އެބޭފުޅާގެ ގޮނޑިއެއް ނުވިއްކާނެ ކަމަށާއި އަދި ވޯޓް ނުވެސް ގަންނާނެ ކަމަށެވެ. އަދި މަޖިލީހަށް ވަންނާނީ ރައްޔިތުންގެ މެމްބަރެއްގެ ގޮތުގައި ރައްޔިތުން އަޑުއިއްވުމަށް ކަމަށްވެސް ޔާސިރު ވިދާޅުވި އެވެ.
ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެޖެންޑާ 19 ގައި ހިމެނޭ ބައެއް މުހިންމު ކަންތައްތައް ތަފްސީލުކޮށްދެއްވާފައިވެ އެވެ. އެޖެންޑާ 19 އިން އެންމެ ނިކަމެތި ރައްޔިތު މީހާއަށްވެސް ފައިދާކުރާނެ ކަމަށް ޔާސިރު ވިދާޅުވި އެވެ.