އިބްރާހިމް ހަމީދު
ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި އަޅަން ހަމަޖެހިފައިވާ ކުލާސް ރޫމް ބަރިއާއި ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި އެޅުމަށް ހަމަޖެހިފައިވާ ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މެއި މަހު ބިޑް ހުޅުވާލެވޭނެކަމަށް މަތިއުތުރުގެ އެޑިޔުކޭޝަން ޔުނިޓުން ބުނެފިއެވެ.
އެދެއިމާރާތުގެ އަމަލީ މަސައްކަތް ނުފެށި ލަސްވެގެންދަނީ ކީއްވެގެންތޯ ކުޅުދުއްފުށީ އޮންލައިނުން ދެއްނެވުމުން މަތިއުތުރުގެ އެޑިޔުކޭޝަން ޔުނިޓް ހިންގެވުމާއި ހަވަލުވެ ހުންނެވި އިބްރާހިމް އާސިފް ވިދާޅުވީ އެދެއިމާރާތުގެ މަސައްކަތް ކުރިއަށްދާކަމަށާއި އެގޮތުން އެދެއިމާރާތުގެ ސްޓްރަކްޗާއަށް ގެންނަންޖެހޭ ކުދި ބަދަލުތަކެއް ހުރުމުގެ ސަބަބުން ކުޑަ ތަންކޮޅެއް ލަސްވެއްޖެކަމަށެވެ. އެހެން ނަމަވެސް މިހާރު އެކަންތައްތައް ހަމަޖެހިއްޖެކަމަށާއި މެއިމަހުގެ ތެރޭގައި އެދެއިމާރާތުގެ އަމަލީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލެވޭނެކަމަށް އާސިފް ވިދާޅުވިއެވެ.
އެދެއިމާރާތަކީ ކުޅުދުއްފުށީގައި ސަރުކާރުން ބޭއްވިކެބިނެޓް ބައްދަލުވުގައި ބައިވެރިވުމަށް އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ކުޅުދުއްފުއްޓަށް ކުރި ޒިޔާރަތުގައި ބިންގާ އެޅުއްވި ދެއިމާރާތެވެ.
އެޑިޔުކޭޝަން މިނިސްޓަރ ޝިފާ މުހައްމަދު ބިންގާ އަޅާދެއްވުމަށްފަހު އެދެއިމާރާތުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށާއި އެދެއިމާރާތް އެޅުމަށް ފައިސާގެ ދައްޗެއް ނުފޯރާނެކަމަށާއި ، އަދި އެމަސައްކަތް ފެށީ ފައިސާގެ ކަންތައްތައް ހަމަޖެހިގެންކަމަށް އަދި ފައިސާގެ ކަންތައް ހަމަޖެހިގެން ނޫނީ ނުފަށާނެކަމަށް ވިދާޅުވެފައިވެއެވެ.
ކުޅުދުއްފުށީގެ ތަރައްގީއަށް މަޝްރޫއުތަކެއް ފެށިގެން ކުރިއަށްދާ މިފަދަ ދަނޑިވަޅެއްގައި، މިދެއިމާރާތުގެ ބިންގާ އަޅުއްވައިދިން ފަހުން މިއަދާއިހަމައަށް ތިންމަސް ވެގެން ދިޔައިރު މަސައްކަތުގެ ސައިޓްގައި އެއްވެސް މަސައްކަތެއް ކުރާތީއެއް ނުފެނެއެވެ.