twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދިރާގު މުވައްޒަފުންގެ މެދުގައި ބާއްވާ ފުޓްސަލް މުބާރާތް ޑެސްކަޕް ފަށައިފި

Mar 18, 2019

ކުޅިވަރުގެ ރޫހާއި މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަން އާލާކުރުމަށް ދިރާގު މުވައްޒަފުންގެ މެދުގައި 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ ފުޓްސަލް މުބާރާތެއް ކަމަށްވާ ދިރާގު އެމްޕްލޮއީސް ސޮކަރ ކަޕް ނުވަތަ “ޑެސްކަޕް” ފަށައިފިއެވެ.

“ޑެސްކަޕް” އަކީ ދިރާގު މުވައްޒަފުންގެ ޖަމިއްޔާ “އީކްލަބް” އިން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ. މި އަހަރުގެ މުބާރާތް ކުރިއަށް ދާނީ މިމަހު 16 އިން 22 ގެ ނިޔަލަށް އެފްއޭއެމް ޓާރފު 2 ގައި އެވެ.

މި އަހަރުގެ ޑެސްކަޕްގައި ޖުމްލަ 26 ޓީމުން ވަނީ ބައިވެރިވެފައެވެ. އެއީ 20 ފިރިހެން ޓީމާއި 6 އަންހެން ޓީމެވެ. އެގޮތުން ރާއްޖޭގެ 9 ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގެ މުވައްޒަފުން ގުޅިގެންވެސް ވަނީ 3 ޓީމު ހަދައި މުބާރާތުގައި ބައިވެރިވެފައިއެވެ. މި އަހަރުގެ މުބާރާތް ވެސް ފެށުމުގެ ގޮތުން ދިރާގު އެކްސްކޮމް އަދި ސީނިއަރ މެނޭޖްމަންޓް ގެ މެދުގައި ވަނީ ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފައިއެވެ.

މި މުބާރާތް ކުރިއަށްގެންދާނީ ލީގް ސިސްޓަމަށް ޖުމްލަ 3 ޑިވިޝަނަކަށް ބަހާލައިގެންކަމުގައި ދިރާގުން ބުނެއެވެ. އެއީ މެންސް ޕްރިމިއަރ ލީގް، މެންސް ސުޕަރ ލީގް އަދި ވިމެންސް ފިއެސްޓާ އެވެ.

ދިރާގު “އީކްލަބް” ގެ ޗެއަރމަން އަދި މެނޭޖަރ ހެލްތް އެންޑް ސޭފްޓީ މުހައްމަދު ޝަފީއު ހާމަކުރި ގޮތުގައި އީކަލްބުން މަސައްކަތް ކުރަމުން ދަނީ އަހަރަކަށް ވުރެ އަހަރެއް ޑެސްކަޕްގެ ފެންވަރު މަތިކޮށް މުވައްޒަފުން ހިންހަމަޖެހޭ ގޮތަކަށް މުބާރާތް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އެގޮތުން މި މުބާރާތް އިންތިޒާމު ކުރަން ވަކި ވަކި ކޮމިޓީތައް ހަދައި ވީހާވެސް ގިނަ މުވައްޒަފުން ޝާމިލު ކޮށްގެން މުބާރާތް ހިންގުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ސަބަބަކީ ޑެސްކަޕަކީ ދިރާގުން މުވައްޒަފުންނަށް ބާއްވާ ހުރިހާ ހަރަކާތްތަކުގެ ތެރޭގައިވެސް މުވައްޒަފުން އެކަމަށް އެންމެ އިންތިޒާރު ކުރާ ހަރަކާތް ކަމަށް ވާތީއެވެ. ކުޅެން ދަނޑަށް ނޭރި ކަމުގައި ވިޔަސް ކޮންމެވެސް އެއް ސިފައެއްގައި ދިރާގު ހުރިހާ މުވައްޒަފުންވެސް މި މުބާރާތުގައި ބައިވެރިވާ ކަމަކީ ވަރަށް އުފަލާއިއެކު ފާހަގަކުރާ ކަމެއްކަމުގައި ޝަފީއު ފާހަގަކުރެއެވެ. އަދި ހަމަ އެހެންމެ މެނޭޖެމަންޓްގެ ފަރާތުން ލިބޭ އެއްބާރު ލުމަކީ މިފަދަ ހަރަކާތްތައް ފުރިހަމަ ކަމާއި އެކު ކުރިއަށް ގެންދިޔުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް ކަމުގައިވެސް ފާހަކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355