twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދެ ކައުންސިލު ގުޅިގެން ކުރިނބީގައި ހަދައި ދެ ކޮޓަރީގެ އެޕާޓްމަންޓްގެ ބިންގާ އަޅައިފި

Mar 18, 2019

ދެ ކައުންސިލުގެ ހަރަދުގައި ހދ ކުރިނބީގައި ހަދައި ދެ ކޮޓަރީގެ އެޕާޓްމަންޓްގެ ބިންގާ އަޅައިފި އެވެ. މިއަދު ކުރިނބީގައި އޮތް ރަސްމިއްޔާތެއްގައި މި ދެ ކޮޓަރި އެޕާޓްމަންޓްގެ ބިންގާ އަޅުއްވާދެއްވީ ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ހަސަން އާއި އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އަފުރާޙް އެވެ.

އެރަށު ސްކޫލު ކައިރީގައި އޮންނަ ހުސްބިމެއްގައި ހަދައި މި އެޕާޓްމަންޓް އިމާރާތް ހެދުމަށް އަތޮޅު ކައުންސިލްގެ މާލިއްޔާއިން 175000ރ ހަރަދުކުރާނެ އެވެ. ކުރިނބީ ކައުންސިލުން 309450ރ ހަރަދުކުރާނެ އެވެ. މި އިމާރާތް ބޭނުންކުރާނީ ކައުންސިލަށް އާމްދަނީ އިތުރުކުރުމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުރިނބީ ކައުންސިލްގެ ރައީސް މުހައްމަދު އަފުރާހް ވިދާޅުވީ ލާމަރުކަޒީ ގާނޫނު ގިނަ ކަންތައްތަކެއް ކުރުމަށް ކައުންސިލްތަކަށް މަތިކޮށްފައިވީނަމަވެސް ކައުންސިލްތަކަށް ލިބޭ ބަޖެޓުން އެ ކަންތައްތައް ކުރުމަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

އެހެންކަމުން ކައުންސިލްގެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރަމުންދަނީ އާންމުދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދަމުން ކަމަށާއި މިއަދު ބިންގާ އެޅުނު މި ދެ ކޮޓަރީގެ އެޕާޓްމަންޓުން ކައުންސިލްގެ މާލިއްޔާއަށް އަހަރު 60،000ރ ވަންނާނެކަމަށް ލަފާކުރެވޭ ކަމަށް އަފުރާހް ވިދާޅުވި އެވެ. އެކަމުގެ މަންފާ ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިނބީ ދެ ކޮޓަރީގެ ބިންގާ އަޅުއްވައިދެއްވަނީ–

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ހަސަން ވިދާޅުވީ މިއީ ހދ އަތޮޅު އޮފީހުގެ ތާރީހުގައިވެސް އެންމެ ބޮޑު ހޭދައެއް ރަށްރަށަށް ކުރަނީ މި ދައުރުގައި ކަމަށެވެ. މި މަޝްރޫއު އަތޮޅުގެ 13 ރަށުގައި ހިންގުމަށް އަތޮޅު ކައުންސިލްގެ މާލިއްޔާއިން މިލިއަނުން ހަރަދުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރުމަށް މިމަސައްކަތް ހަވާލުކޮށްފައިވަނީ އެރަށު ހާވިލާ ކޮންސްޓަރަކްޝަން ކޮމްޕެނީއާ އެވެ.

ހދ އަތޮޅު ކައުންސިލާއި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މިދިޔަ އަހަރު ވަނީ ބައެއް ރަށްރަށުގައި ބިންގާ އެޅި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ނިންމާ ހިދުމަތް ދޭން ފަށާފަ އެވެ. މި މަޝްރޫއުގެ ދަށުން ގިނަ ރަށްތަކުގައި އިމާރާތްކުރަނީ ދެ ކޮޓަރީގެ އެޕާޓްމަންޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355