twitterviber whatsapp telegramfacebookyoutube instagram
31st May 2025

ނިރު އެކްސެލެރޭޓަރގެ ފުރަތަމަ ޑެމޯ ޑޭ ބާއްވާ، ތިން ސްޓާޓް-އަޕް ކުންފުންޏެއްގެ ހިދުމަތްތައް ދައްކާލައިފި

Mar 18, 2019

ނިރު އެކްސެލެރޭޓަރގެ ފުރަތަމަ ޑެމޯ ޑޭ ބާއްވައި 16 ހަފްތާގެ އެކްސެލެރޭޓަރ ޕްރޮގްރާމު ފުރިހަމަ ކޮށްފައިވާ ތިން ސްޓާޓް-އަޕް ކުންފުނިތަކުގެ ހިދުމަތްތައް ދައްކާލައިފިއެވެ.

މި އިވެންޓުގައި މި ތިން ކުންފުންޏަށް އިތުރަށް އިންވެސްޓުކޮށް އުރީދޫ މޯލްޑިވްސްގެ ފަރާތުން ސީޑް-ފަންޑިންގ ފޯރުކޮށްދޭނެކަމަށް ވަނީ އިއުލާންކޮށްފައެވެ. މި އެހީތެރިކަން ލިބިފައިވަނީ:

އައިޑިއަނައިޒް: ފަސޭހައިން ދޭހަވާނޭ ގޮތަށް ޖަވާބު ފޯރުކޮށްދޭ ކޮންވަސޭޝަން އޭޖެންޓު ނުވަތަ ޗެޓްބޮޓުތައް ފަރުމާކޮށް، ވިޔަފާރިތައް ޑިޖިޓަލައިޒްކޮށްދޭ ކުންފުންޏެއް.

ކުނބު: ފަސޭހަކަމާއި އެކު އުޅަނދުތައް ހޯދައި، ދަތުރުތަކަށް ޓިކެޓްނަގައި، އުޅަނދުތައް ކުއްޔަށް ނެގުމަށް ބޭނުންކުރާނެ ސެންޓްރަލައިޒް ކޮށްފައިވާ ސީ ޓްރާންސްފާ މެނޭޖްމަންޓް ސިސްޓަމެއް.

ބީ2ބީ މޯލްޑިވްސް: އިންޓެގްރޭޓެޑް ލޮޖިސްޓިކްސް އަދި ސަޕްލައި ސޮލިއުޝަންތައް ފޯރުކޮށްދޭ ބީ2ބީ ޕްލެޓްފޯމެއް.

މިރޭ ކުރިއަށްދިޔަ ނިރު އެކްސެލެރޭޓަރގެ ޑެމޯޑޭ ގައި، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލް؛ ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހްމަދު؛ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ، އަހުމަދު ސައީދު މުހައްމަދު، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން އަދި ރާއްޖޭގެ ކުދިވިޔަފާރިތަކާއި އެންޓްރަޕްރިނިއާޝިޕްގެ ދާއިރާއިން ފުންނާބުއުސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

ނިރު އެކްސެލެރޭޓަރ އަކީ ދިވެހި މުޖުތަމައަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި ކުރިއަރަމުން އަންނަ މިފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި އެކްސެލެރޭޓާރ ޕްރޮގްރާމުގައި ބައިވެރިވެވެނީ އުރީދޫ އާއި ޑައިލޮގް އެކްޒިއާޓަރ ޕލސ. ގެ އައިޑިއާމާޓް ގުޅިގެން ކުރިއަށްގެންދިޔަ ނިރު ހެކަތަންގައި ވާދަކޮށް ހޮވުނު ޓީމްތަކަށެވެ.

މިގޮތުން އެކްސެލެރޭޓަރަށް ހޮވާލެވުނު ޓީމް ތަކަށް ވަނީ 12 ހަފްތާގެ އިންޓެންސިވް މެންޓަޝިޕް ޕްރޮގްރާމެއްގެ އިތުރުން މަސައްކަތް ކުރާނެ ކޯ-ވޯކިން ސްޕޭސް ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި ދާއިރާގެ ފަންނުވެރިންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވިފައެވެ.

ޓްރެއިނިންގް ޕްރޮގްރާމް ނިމުމަކަށް އައުމާއި އެކު ސީޑް ފަންޑިންގ ފޯރުކޮށްދިނުމުގެ އިތުރުން އެހެނިހެން އިންވެސްޓްމަންޓު ހޯދުމަށްޓަކައި ސަރުކާރުގެ އޮފިޝަލުން އަދި ރާއްޖެއާއި ރާއްޖޭން ބޭރުގެ ބޮޑެތި ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ސްޓާޓްއަޕްތައް ޕިޗްކޮށް އިތުރު ކުރިއެރުން ފަހިކޮށްދިނުމަށް އުރީދޫ އިން ދަނީ މަސައްކަތްކުރަމުންނެވެ.

ނިރު އެކްސެލެރޭޓަރ ފުރިހަމަ ކުރާ އެންމެހާ ޓީމުތަކަށްވެސް އުރީދޫގެ ޕާޓްނަރެއްގެ ގޮތުގައި ދިގުމުއްދަތަށް ދެމިގެންދާނެ އެހީތެރިކަމާއި ފުރުސަތުތައް ލިބިގެންދާނެއެވެ. އަދި މުސްތަގްބަލުގައި މި ބައިވެރިން ވެގެންދާނީ މުޖުތަމައުގެ މަންފާއަށް މަސައްކަތް ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވާނެ ގިނަ ސްޓާޓް-އަޕް ތަކެއް ހިމެނޭ ކޮމިއުނިޓީއެއްގެ ތަމްސީލުވެރިންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355