ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސަރުކާރުގެ އެންމެ މުހިންމު ފަށަލައަކީ ކައުންސިލްތައް ކަމަށް ހޯމް މިނިސްޓަރު އަދި ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްތަކުމުގައިވާ ލޯކަލް ގަވަރުމެންޓް އޮތޯރިޓީގެ ރައީސް ޝެއިހް އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ކުޅުދުއްފުށީގައި ހެދި ލޯކަލް މާރުކޭޓް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާނު ވިދާޅުވީ ސަރުކާރުން އެދިގެން މިތިބީ ކައުންސިލުތަކާއެކު ގިނަ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.
“ސަރުކާރުން އެދިގެން މިތިބީ ކައުންސިލުތަކާއެކު ގިނަ މަސައްކަތްތަކެއް ކުރުމަށް ކައުންސިލްތަކުގެ ބައިވެރިވުން އޮވެގެން ގިނަ މަސައްކަތްތަކެއް ކުރުމަށް. ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެންމެ މުހިންމު ފަށަލައަކީ ކައުންސިލްތައް.” ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
އެގޮތުން ރައްޔިތުންނާ ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުމަކީ މުހިންމު ގާތް ގުޅުމަކަށްވުމަށް ސަރުކާރުން ވަރަށް ބޮޑަށް އުންމީދުކުރާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރަށުގެ އިޖުތިމާއީ ހާލަތު ރަނގަޅުވެ އިގްތިސޯދީ ކުރިއެރުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެކަމުގެ ސަބަބުން ސަރުކާރަށް ޕްރޮޖެކްޓްތައް ހިންގުމުގައި ފަސޭހަވެ މަޝްރޫއުތައް ކާމިޔާބުކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.