twitterviber whatsapp telegramfacebookyoutube instagram
7th May 2024

ރައީސާއި ނަޝީދުގެ ސަމާލުކަން ކުޅުދުއްފުއްޓަކަށް ނެތް !

Mar 23, 2019

މަޖިލިސް އިންތިިހާބަށް ބޯމަތިވެފައިވާއިރު ވެރިކަން ކުރާ އެމްޑީޕީއަށް މެޖޯރިޓީ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަތޮޅުތެރެއަށް ވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ވަރަށް ބުރަކޮށް ދަނީ މަސައްކަތްކުރައްވަމުންނެވެ.

ދެކުނު އަތޮޅުތަކުން ފަށައިގެން ބޮޑެތި ރަށްތަކަށް އެއްފަހަރަށްވުރެ ގިނަ ފަހަރުވެސް ދެ ބޭފުޅުން ވަނީ ވަޑައިގެންނަވާފަ އެވެ. ކެމްޕެއިން ފޯރިހަމަ އެހާމެ ގަދަ އެެވެ. އެޖެންޑާ 19 ގައި ހިމެނޭ ކަންތައްތައް ވިދާޅުވެ ދެއްވާ ތަފްސީލުކޮށްދެއްވަމުން ދެ ބޭފުޅުން ވެސް ބައެއް އަތޮޅުތަކުގެ ހުރިހާ ދާއިރާތަކެއްގެ ރަށްތަކަށް ވެސް ދަނީ ޒިޔާރާތްކުރައްވަމުންނެވެ.

އެމްޑީޕީގެ ސްޓައިލްގައި އެންމެ ފޯރިގަދަކޮށް ކެމްޕެއިން ކުރައްވަމުން ރައީސް ސޯލިހް އާއި ރައީސް ނަޝީދު ބުރަކޮށް އުޅުއްވާއިރު ރާއްޖޭގެ އެންމެ އުތުރުން ތިލަދުންމަތި އޮތީ ބާކީކޮށްލާފަ އެވެ. ދެކުނުގެ ބޮޑެތި އާބާދީތަކަށް ދެ ބޭފުޅުން އެކުގައި އާއި ވަކިވަކިން ވަޑައިގެން ކެމްޕެއިންކޮށް ވައުދުތައްވެފައިވާއިރު އުތުރުގެ އެންމެ ބޮޑު އާބާދީ ކުޅުދުއްފުއްޓެއް ޗާޓަކު ނެތް ކަހަލަ އެވެ.

ރައީސް އާއި ނަޝީދު އެކުގައި އައްޑޫ ސިޓީއަށް ވަޑައިގެން ވަރަށް ބޮޑު ކެމްޕެއިނެއް ކުރައްވާފައިވެ އެވެ. އޭގެ ކުރިން ވެސް އެ ދެ ބޭފުޅުން އައްޑޫ ސިޓީއަށް ހާއްސަ ދަތުރުފުޅުތައް ކުރެއްވި އެވެ. ރައީސް ނަޝީދުގެ ޝެޑިއުލް މި މަހުގެ ނިޔަލާ ހަމައަށް އެމްޑީޕީއިން ހާމަކޮށްފައިވާއިރު އޭގައި ވެސް ކުޅުދުއްފުއްޓެއް ނެތެވެ. މި މަހު ފަހު ކޮޅު ވެސް ނަޝީދު ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީއަށެވެ.

އިންތިހާބަށް އެންމެ ދެ ހަފްތާއަށް ކުޑަތަންވެފައިވާއިރު ރައީސް ސޯލިހް ވަޑައިނުގެންނެވިތާގައި ރައީސް ނަޝީދު ވެސް ވަޑައިނުގަތެވެ. ޖެހިގެން އޮތް ށ އަތޮޅަށް ވަޑައިގެން އުޅުއްވާފައިވެސް ހދ އަށް ވަޑައިނުގަންނަވާ އަވަސް އަރުވާލާފައި މާލެ ވަޑައިގެންނެވީ އެވެ. ހަމައެހެން ރައީސް ސޯލިހު މިހާރު ވެސް ހުންނެވީ ށ. އަތޮޅުގަ އެވެ. އެކަމަކު ހދ. އަތޮޅަށް ވަޑައިގަންނަވަން ޝެޑިއުލްގައި ނެތެވެ.

ކުޅުދުއްފުއްޓަށް އެމްޑީޕީގެ އިސް ބޭފުޅުން ވަޑައިގަންނަވާނެކަމުގައި ފޮނި އުންމީދުގައި އެތަކެއް ރައްޔިތުންނެއް ތިބިއިރު ރަށުގެ ވަސް ޖެހޭ ފަށުން ވެސް އެ ވަޑައިގެންނެވީ ކުޅުދުއްފުއްޓަށް ނާރަ އެވެ. އެންމެ ދެރަވެގެން މި ބޭފުޅުން ވަޑައިނުގެންނެވިތާގައި ސަރުކާރުގެ ވަޒީރުން ފެންވަރުގެ ބަޔަކުވެސް ކުޅުދުއްފުއްޓަށް ކީއްކުރަން ހދ. އަތޮޅަށް ވެސް ނަ އެވެ.

އިސްވެރިން އަތޮޅުތަކަށް ގޮސް، މުޅި އަތޮޅުގެ ހުރިހާ ކެންޑިޑޭޓުންނާ ބޮޑު ޖަލްސާ ބާއްވަ އެވެ. މިފަހުން ރައީސް ސޯލިހާއެކު އެފަދަ ބޮޑެތި ޖަލްސާތައް ރ. އަތޮޅާއި ނ. އަތޮޅާއި ޅ. އަތޮޅުގައި ބޭއްވި އެވެ. އެކަމަކު، ހދ. އަދި ހއ. އަތޮޅުގެ ބޮޑު ޖަލްސާ ބާއްވަން ހަމަޖެއްސީ މާލޭގަ އެވެ. ރައީސް ނަޝީދު ބައިވެރިވަޑައިގަންނަވާ ގޮތަށް އެ ޖަލްސާ ބާއްވަނީ މިރޭ މާފަންނު މަދުރަސާގަ އެވެ. ކުޅުދުއްފުއްޓަށް ވަޑައިގެން އެ ޖަލްސާ ނުބޭއްވެންވީ ސަބަބެއް އެބަ އޮތް ހެއްޔެވެ؟ މި ތަފާތުކުރުން ކީއްވެ ހެއްޔެވެ؟

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355