twitterviber whatsapp telegramfacebookyoutube instagram
7th May 2024

ނަލަންދޫގައި ރިސޯޓެއް ތަރައްޤީކުރުމަށް ނިންމައިފި

Mar 25, 2019

ށ އަތޮޅު ނަލަންދޫގައި ރިސޯޓެއް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ނަލަންދޫގައި ފަތުރުވެރިކަން ތަރައްގީކުރުމަކީ އެއަތޮޅުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ.

ށ. މިލަންދޫގައި އޮތް އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ށ އަތޮޅުގައި އެއަރޕޯޓެއް ތަރައްޤީވެގެންދާއިރު އެކަމުގެ ސަބަބުން އެއަތޮޅުގައި ފަތުރުވެރިކަން ތަރައްޤީވެގެންދިއުމަށް މަގުފަހިވެގެންދާނޭކަމަށެވެ.

މިލަންދޫގެ ރައްޔިތުންނާއި އެދާއިރާގެ ރައްޔިތުން އަބަދުވެސް އެދެމުންދިޔަ ފަދައިން ށ. ނަލަންދޫގައި ރިސޯޓެއް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މިލަންދޫ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަން ރައީސް ފާހަގަކުރައްވާފައިވެއެވެ. އެގޮތުން މިލަންދޫގެ މަގުތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެމްޑީޕީގެ ސަރުކާރުގައި މީގެ އަހަރުތަކެއް ކުރިން މިލަންދޫގައި ފަށާފައިވާ ސަތޭކަ ހައުސިންގ ޔުނިޓްގެ މަސައްކަތް އަލުން ފަށައި އެ މަޝްރޫއު ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިލަންދޫ ދާއިރާގައި ހިމެނޭ ފީވަކާއި ނަރުދޫގެ ތަރައްޤީއަށްޓަކައިވެސް ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ފީވަކުގެ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއު މިއަހަރުގެ ބަޖެޓުގައި ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ފެނުގެ ނިޒާމް ޤާއިމްކުރުމަށްޓަކައި އެ މަޝްރޫއު މިހާރުވަނީ ބިޑަށް ހުޅުވާލާފައި ކަމަށާއި މަސައްކަތް ހުއްޓިފައިވާ ނަރުދަމާ ނިޒާމްގެ މަސައްކަތްވެސް ފަށާނެ ކަމަށް ވިދާޅުވިއެވެ.

ފީވަކުގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތްތާއި އެކު ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމެއް ހައްލެއް ގެނެވި ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މަސައްކަތް ފަށާނެކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނަރަދޫގައިވެސް ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމެނޭ ކަމަށާއި އެރަށުގެ އިންޖީނުގެ މިހާރު ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރާނެ ކަަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355