ކުޅުދުއްފުށީ ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވައިދޭނެކަމަށް ދެކުނުދާއިރާއަށް ކުރިމަތިލާފައިވާ ޕީޕީއެމް ކެންޑިޑޭޓް އަބްދުއްރަހުމާން އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަމުން އަބްދުއްރަހުމާނު ވިދާޅުވީ ރައްޔިތުން މަޖިލީހުގެތެރޭގައި ސަރުކާރުގެ ވުޒާރާތަކުގަޔާއި ކުންފުނިތަކުގަޔާއި ރައްޔިތުންގެ ހުރިކަންބޮޑުވުންތަކުގެ ވާހަކަދައްކާނެކަމަށެވެ.
އަބްދުއްރަހުމާން ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީގައި ލިޔެވިފައިވަނީ ދިވެހި ކޮންމެ ރައްޔިތަކީ ހަމަހަމަބައެއްގެ ގޮތުގައި ކަމަށާއި އަދި ދެވޭ އަސާސީ ހިދުމަތަކީ އެންމެނަށް އެއްވަރަކަށް ދޭންޖެހޭ ހިދުމަތެއްގެ ގޮތުގައި އޮންނަންޖެހޭނެކަމަށާއި އެހެންނަމަވެސް ރާއްޖެތެރެއަށް އެއްވެސް ކަމެއް ގާނޫނުއަސާސީގައި ބުނެފައިވާ ހަމަހަމަކަމާއެކު ލިބިގެންނުދާކަމަށާއި އެކަންކަމާއި މަޖިލީހުގެ ތެރޭގައި، ސަރުކާރުގެތެރޭގައި މަސައްކަތް ކޮށްދޭނެކަމަށެވެ .
ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ހިދުމަތްތަކެއްކޮށްދީ ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދޭން މަސައްކަތް ކޮށްދޭނެކަމަށް އަބްދުއްރަހުމާން ވިދާޅުވިއެވެ .
ދާއިރާގެ ލޮބުވެތި ރައްޔިތުންނާއި ޕީޕީއެމް ދެކެ ލޯބިވާ އެންމެހާ ރައްޔިތުންގެ ވޯޓް ލިބިގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށާއި ދެކުނު ދާއިރާއިން ޕީޕީއެމް ޓިކެޓްގައި ނިކުންނަ ކެންޑިޑޭޓަކީ އޭނާކަމަށް އަބްދުއްރަހުމާން ވިދާޅުވިއެވެ
އޭނާ ވިދާޅުވީ ކުޅުދުއްފުށީ އަވަށްތަކަކަށް ބެހިފައިއޮތްއިރު އަވަށު ސަރުދާރެއްގެ ގޮތުގައި ތަފާތު ހިދުމަތްތަކެއް ވަނީ ރައްޔިތުންގެ ހައްގުގައި ކޮށްދެވިފައިކަމަށާއި މިއަދު މިނިކުންނަނީ އެއަށްވުރެންބޮޑު ޒިންމާޔަކާއި މަސްއޫލިއްޔަތެއް ރައްޔިތުންގެ ލޯތްބާއެކު ކޮނޑުއަޅުވައިގެން ހިދުމަތް ކޮށްދިނުމުގެ މަގްސަދުގައިކަމަށެވެ .