މިސްކިތްތައް އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރުމުގެ މަސްރޫއު މިއަދު ފަށައިފިއެވެ.
ފ.ދަރަނބޫދޫގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ފާހަގަ ކުރެއްވިގޮތުގައި މިއަދަކީ ރައްޔިތުންނަށް އުފާވެރި ދުވަހެއް ކަމަށާއި މިއަދު ފެނިގެން ، މިދިޔައީ އަޅުގަނޑުމެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
މިސްކިތްތަށް އޭސީ ކުރުމުގެ މަސައްކަތް ފަށަން ގަސްތުކުރި އިރު ބަލާފައިވަނި މިސްކިތުގައި އޭސީ ނެތް ރަށްތައް ކަމަށާއި އެއަށްފަހު އެރަށްތަކުގެ ތެރެއިން އެންމެ ގިނަމީހުން އަރާ މިސްކިތްތަށް ބެލިކަމަށެވެ.
އިސްލާމިކް މިނިސްޓަރ ފާހަގަ ކުރެއްވިގޮތުގައި މިސްކިތަކަށް ނަމާދަށް އަންނަ މީހުންނަށް ހޫނުވެ ދާހިއްލުން އިހުސާސް ކުރަންޖެހޭނަމަ ނަމާދު ކުރާއިރު ލިބެންޖެހޭ ހުޝޫއަތްތެރިކަމެއް ނުލިބޭނެ ކަމަށާއި މިއަދުގެ ސަރުކާރުން އަންނަނީ މިސްކިތްތަކާ މީހުން ގާތް ގުޅުމެއް އުފެއްދަން މަސައްކަތް ކުރަމުން ކަމަށެވެ.
މިއަދު އޭސީކުރި މިސްކިތަކީ ފ ދަރަނބޫދޫ މަސްޖިދު ތަގްވާއެވެ. އެ މިސްކިތް އޭސީ ކުރީ ސޯލާ ޕެނަލް ހަރުކޮށް އިއާދަ ކުރަނިވި ހަކަތަ ލިބޭ ގޮތް ހަދައި މިސްކިތް އޭސީ ކުރުމާ އެކު އެވެ. ތިން އަހަރަށް ބަހާލައިގެން އެ ޕްރޮގްރާމްގެ ދަށުން 553 މިސްކިތް އޭސީކުރުމަށް ވަނީ ހަމަޖެހިފައެވެ.