twitterviber whatsapp telegramfacebookyoutube instagram
7th May 2024

ހޮސްޕިޓަލުގެ ތަރައްގީއަށް 60 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ގެންނާނަން: ނަސްރުﷲ

Mar 29, 2019

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ތަރައްގީއަށް ފަސް އަހަރުގެ ތެރޭގައި 60 ނުވަތަ 50 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ގެންނާނެކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ނަސްރުﷲ އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ނަސްރުﷲ ކެމްޕެއިން ޖަގަހާގައި ރޭ ބޭއްވި ހަރަކާތެއްގައި ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ވިދާޅުވީ ކޭއާރުއެޗުގައި އެކަށީގެންވާ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އާ އިންވެސްޓްމަންޓްތަކެއް މިހާރުން މިހާރަށް ގެންނަ ޖެހިފައިވާ ކަމަށެވެ. ކިތަމެއް ރަނގަޅު ޑޮކްޓަރެއް ހުރިކަމުގައިވިޔަސް ވަސީލަތްތައް ނެތި ފަރުވާ ނުދެވޭނެކަން ފާހަގަކުރައްވަމުން ވިދާޅުވީ ހޮސްޕިޓަލަށް ތަރައްގީއަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކޭއާރުއެޗަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރުމަށް މަޖިލީހުގެ ތެރެއިން ބަޖެޓުގައި ކޮންމެ އަހަރަކުވެސް ކޮންމެ އަދަދަކަށް ފައިސާ ހިމަނަމުންގޮސް ފަސް އަހަރުގެ ދައުރު ނިމޭއިރު 60 ނުވަތަ 50 މިލިއަން ރުފިޔާގެ އާ އިންވެސްޓްމަންޓްތައް ހޮސްޕިޓަލަށް ގެންނާނެ ކަމަށެވެ.

ހޮސްޕިޓަލަށް ބޭނުންވާ އެކި މެޝިނަރީ އާއި ވަސީލަތްތައް ގާއިމުނުކޮށް ބޭނުންވާ ފަރުވާއެއް ނުދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ހޮސްޕިޓަލުގެ ކަންކަމާ އިހުމާލުވެއްޖެނަމަ ހެލްތް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވާނެކަމުގެ ޔަގީންކަންވެސް ނަސްރުﷲ ވަނީ ރޭ ރައްޔިތުންނަށް ދީފަ އެވެ.

ކުޅުދުއްފުށީގެ ސިއްހީ ދާއިރާއާ ބެހޭ ގޮތުން އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ނިސްބަތުން ނުކުޅެދުންތެރިކަން ހުންނަ ކުދިން ކުޅުދުއްފުށީގައި ގިނަ ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި އެ ކުދިންނަށް ބޭނުންވާ ތަފާތު ތެރަޕީތައް ދެވޭނެ އިންތިޒާމު ރަށުގައި ގާއިމުވެނުވާތީ ބޮޑެތި އެފަދަ އާއިލާތަކަށް މާލީގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި އެކަމަށް ހައްލު ހޯދުމަށް ވޭތުވެ ދިޔަ ދިގު ތާރީހުގައި ސަރުކާރުތަކުން ހައްލެއް ހޯދާދީފައިނުވާކަން ނަސްރުﷲ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ކުދިންނަށް ތެރެޕީ ދޭނެ ސެންޓަރެއް ފަސް އަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި ގާއިމުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އެގޮތުން އެމަސައްކަތް ކުރާނީ ސަރުކާރުގެ ތެރެއިންނާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355