މަޖިލީހުން ފުރުސަތު ލިބިއްޖެނަމަ މުހިންމު ތިން ޤާނޫނަކަށް އިސްލާހު ހުށަހަޅާނެކަމަށް ނަސްރުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގައި ފުރުސަތު ލިބިއްޖެނަމަ ރައްޔިތުންނާ ގުޅުން ބޮޑު މުހިންމު ތިން ޤާނޫނަކަށް އިސްލާހު ހުށަހަޅުއްވާނެކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ނަސްރުﷲ އިސްމާއިލު ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ނަސްރުﷲ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ބޯހިޔާވަހިކަމަކީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެކަން ހައްލުކުރުމަށް ދެ ތިންކަމެއް ކުރެވިދާނެކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ބިމާ ބެހޭ ޤާނޫނު އިސްލާހުކުރަން ޖެހޭކަމަށާއި މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ރަށުގެ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ގާއިމުނުކުރެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރުވެސް މާލޭ ސަރަހައްދަށް ގެދޮރު ބިނާކުރުމަށް ހާއްސަ އުސޫލެއް އޮންނަ ކަމަށާއި އެއީ ދިގު މުއްދަތަކަށް ބަހާލައިގެން ދައްކާލެވޭ ވަރަށް ލުއި ލޯނުތަކެއް ކަމަށެވެ. އަދި އެކަން ކަނޑައަޅާފައި އޮތީ ހަމައެކަނި ޤާނޫނަކު މާލޭ ސަރަހައްދަށް ކަމަށްވިދާޅުވަމުން ނަސްރުﷲ ވިދާޅުވީ އެހެންވީމަ މަސައްކަތްކުރާ އެކަންތައް ކުޅުދުއްފުއްޓަށްވެސް ގާނޫނޫގައި ހިމެނޭގޮތަށް އެކަން ކުރުމަށްޓަކާ ކަމަށެވެ.
އޭގެ ސަބަބުން ގެދޮރު ނޭޅި ތިބި ފަރާތްތަކަށް ފަސޭހަކަމާއެކު ގެދޮރު އެޅިގެންދާނެކަން ނަސްރުﷲ ފާހަގަކުރެއްވި އެވެ. ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ސަރުކާރާ ގުޅިގެން ދެވެން އޮތް މިންވަރަކު ގޯތިދޫކުރުމަށް މަސައްކަތްކުރާނެ ކަމަށާއި އަދި ރަނގަޅު ފެންވަރުގެ ފުލެޓްތަކެއް ހަދަންވެސް މަސައްކަތްކުރާނެ ކަމަށެވެ. ފުލެޓްތަކުގެ ކުލިތައް ވެގެންދާންޖެހޭނީ އަތްފޯރާފަށުގައި ރައްޔިތުންނަށް ދެއްކޭވަރުގެ ކުއްޔަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޒުވާނުންނަށް ހުރި ވަޒީފާ ފުރުސަތުތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ، ކުޅުދުއްފުށީ ސަރަހައްދުން ޒުވާނުންނަށް ވަޒީފާ ފުރުސަތުތައް ލިބެން ޖެހޭނެ ކަމަށާއި އެ މައްސަލަތައް ހައްލުކުރުމަށްޓަކާ ގާނޫނުތަކުގެ ތެރެއިން މަސައްކަތްކުރާނެކަމަށެވެ. އަދި މިހާރުވެސް ސަރުކާރުންވަނީ އިގްތިސޯދީ ޓެކްސް ފްރީ ޒޯންތަކެއް ގާއިމުކުރާނެ ވާހަކަ އިއުލާންކޮށްފަކަމަށާއި އެފަދަ ޒޯންތަކެއް ކުޅުދުއްފުށީ ސަރަހައްދު ހިމެނިއްޖެނަމަ އެ ސަރަހައްދުތަކުގައި އިޤްތިސޯދީ އާ މަސައްކަތްތަކެއް ފެށި ވަޒީފާގެ ބާޒާރު ބޮޑުވެގެންދާނެ ކަމަށް ނަސްރުﷲ ފާހަގަކުރެއްވި އެވެ.
މީގެ ނަތީޖާއަކަށް ވެގެންދާނީ ސަރުކާރުން އަޅައި އެކިއެކި ހައުސިންގ މަޝްރޫއުތަކުން ދޫކުރާ ފުލެޓްތަކުގައި އުޅެވޭނެ މާލީ ގާބިލުކަން ރައްޔިތުންނަށް ލިބުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހދ ގައި ފަތުރުވެރިކަން ނެތް ވާހަކަ ދައްކާތާ ވަރަށް ގިނަ ދުވަސް ވެއްޖެކަން ފާހަގަކުރައްވަމުން ނަސްރުﷲ ވިދާޅުވީ ހދ އަށް ފަތުރުވެރިކަން ގެނައުމަށް ފަތުރުވެރިކަމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާނެ ކަމަށެވެ. މާލޭއާ ކިތަމެއް ދުރަސް ފަތުރުވެރިކަމުގެ ދާއިރާއިން ނަގައި ފީ ތައް ހުންނަނީ އެއް ހަމައެއްގައި ކަމުން އެންމެ އުތުރާއި ދެކުނުގައި ފަތުރުވެރިކަމުގެ ހަރަކާތަށް ވަރަށް މަދުވެގެންދާ ކަމަށެވެ.
ކަމުން ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހަޅައި އެހެންކަމުން ޓޫރިޒަމަށް ދޫކުރާ ރަށްތަކާއި ފަޅުތައް އަދި އެހެނިހެން ބިންތައް ދޫކުރަންވާނީ އެ ސަރަހައްދެއްގައި ޓޫރިޒަމް ކުރިއަރާފައިވާ މިންވަރަކަށް ބަލައިގެންކަމަށާއި އެކަން އިސްލާހުކުރަން ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހަޅާނެކަމަށް ނަސްރުﷲ ވިދާޅުވި އެވެ. އެހެން ވެއްޖެނަމަ ޓޫރިޒަމް ނެތް ސަރަހައްދުތަކުގައި ފަތުރުވެރިކަމަށް ދޫކުރާ ތަންތަނުގައި އެހެނިހެން ފީތައް ކުޑަވެ، އިންވެސްޓަރުން އެ ސަރަހައްދުތަކަށް އައުމުގެ ޝައުގުވެރިކަން ބޮޑުވެގެންދާނެ ކަމަށް ނަސްރުﷲ ފާހަގަކުރެއްވި އެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ނަސްރުﷲ ފާހަގަކުރެއްވީ މިހާރު މިއޮތް ޓެކްސް ނިޒާމެވެ. އެ ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށާއި ޓެކްސް ނިޒާމު އޮތް ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދަނީ ބަނގުރޫޓްވަމުން ކަމަށެވެ. މިހާރު ޓެކްސް ގާނޫނޫ އޮތް ގޮތުން މީރާއިން އަންގާ ކޮންމެ އަގެއްވެސް ދައްކަން ޖެހޭ ކަމަށާއި މައްސަލައެއް އުޅޭނަމަ ވިޔަފާރިވެރިޔާއަށް ޓެކްސް އެޕީލް ޓްރައިބިނަލްއަށް ދެވޭނީ ޓެކްސް ފައިސާ ދައްކައިގެން ކަމަށެވެ.
އެކަން އިސްލާހްކޮށް ބަދަލުކުރާނެ ކަމަށާއި ޓެކްސް ދައްކަން ޖެހޭ ފަރާތުން އެ ދައްކަން ނުޖެހޭ އެއްޗެއްކަން ދެކިއްޖެނަމަ އެ ފައިސާ މީރާއަށް ދެއްކުމުގެ ކުރިން އެމީހަކަށް ޓެކްސް އެޕީލް ޓްރައިބިނަލްއަށް ދެވޭނެގޮތަށް ގާނޫނު ބަދަލުކުރުމަށް އިސްލާހު ހުށަހަޅާނެކަމަށް ނަސްރުﷲ ވިދާޅުވި އެވެ.