ރައިސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.
މި ދަތުރުފުޅަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީފީން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދެއްވުމަށް ފެއްޓެވި ދަތުރުފުޅެކެވެ.
ރައީސް ސޯލިހާއި ކުރީގެ ރައީސް ނަޝީދު މިއަދު ހެނދުނު ވަނީ ހދ ހަނިމާދޫއަށް ވަޑައިގަންނަވާފައެވެ. ދެ ބޭފުޅުންނަށްވެސް ހަނިމާދޫއިން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ހަނިމާދޫއަށް ކުރެއްވި ދަތުރުފުޅަކީ ހަނިމާދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އަބުދުލް ޤަފޫރު މޫސާގެ ކެމްޕެެއިން ޖަލްސާއަކަށެވެ. މި ޖަލްސާގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ އިތުރުން ދާއިރާގެ ކެނޑިޑޭޓުވެސް ވަނީ ވާހަކަފުޅުދައްކަވާފަ އެވެ.
ދެ ރައީސުން ބައިވެރިވެވަޑައިގަންނަވާ މި ދަތުރުފުޅުގައި ރައީސް ސާލިހު ހއ. ގެ ބައެއް ރަށްތަކަށް އަދި ރައީސް ނަޝީދު ހދ. އަތޮޅުގެ ރައްތަކަށް ވަނީ ވަޑައިގަންނަވަން ހަމަޖެހިފައެވެ. އަދި ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލަސާއެއް ހއ. ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލަސާއެއް ހދ. ކުޅުދުއްފުށީގައި މިރޭ އޮންނާނެއެވެ.