ކުޅުދުއްފުށީ ތަމްސީލުކުރުމަށް ވޭތުވެ ދިޔަ ދިހަ އަހަރު މަޖިލީހުގައި ބަޔަކު ބޭއްތިބިން ކަމަށާއި ނަމަވެސް އެކަމުން މަޖިލީހުގެ ފޮނިމީރުކަމެއް ރައްޔިތުންނަކަށް ނުލިބުނުކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް ކެންޑިޑޭޓް އަބުދުއްރަހުމާން އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރޭ އަދުރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ދިހަ އަހަރު ބަޔަކު މަޖިލީހުގައި ތިބި ކަމަށާއި ނަމަވެސް އެކަމުން މަޖިލީހުގެ ފޮނިމީރުކަމާއި ލައްޒަތު ރައްޔިތުންނަށް ލިބިގެން ނުދިޔަ ކަމަށެވެ،
“މިއަދު އަޅުގަނޑުމެން ނިކުމެ މިތިބީ ރައްޔިތުން މަޖިލީހުގެ ފޮނިމީރުކަމާއި އެކަމުގެ ލައްޒަތާއި އޭގެ ހަޤީޤީ އިސްވެރިންނަކީ ތިޔަބޭފުޅުންކަން ދައްކައިދިނުމަށް.” އަދުރޭ ވިދާޅުވި އެވެ.
މަޖިލީހުގައި މަސައްކަތް ކުރާނީ ރައްޔިތުން ބުނާ ގޮތަކަށް ކަމަށާއި އެނޫން އެއްވެސް ގޮތަކަށް މަޖިލީހުގައި މަސައްކަތް ނުކުރާނެކަމަށެވެ. ރައްޔިތުންނާ މަޝްވަރާކޮށް ރަށަށް ބޭނުންވާ ކަންތައްތައް ގެނައުމަށް މަޖިލީހުގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން މަސައްކަތް ކުރާނެކަމަށް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި ވަކި ފިކުރަށް ތަބާވެ ވަކި ބަޔަކު ބުނާހާގޮތަކަށް މަސައްކަތް ނުކުރާނެ ކަމަށެވެ. އަބަދުވެސް ތިބޭ ރައްޔިތުންނާ އެކުގައި ކަމަށެވެ.