twitterviber whatsapp telegramfacebookyoutube instagram
30th May 2025

ތަރައްގީގެ ތަސައްވަރެއް އެބައޮތް، ކުރިއަށް އޮތީ ކުޅުދުއްފުށީގެ ރަންޒަމާނެއް: ނަޝީދު

Apr 1, 2019

ކުޅުދުއްފުއްޓާއި ތިލަދުންމަތީގެ ތަރައްގީގެ ތަސައްވަރެއް އެބައޮތް ކަމަށާއި މިއަންނަނީ ކުޅުދުއްފުށީގެ ރަންޒަމާނެއްކަމަށް ކުރީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމުގެ ގޮތުން ތިލަދުންމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރޭ ކުޅުދުއްފުށީގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުޅުދުއްފުށީ ތަރައްގީކުރާނެ ގޮތް އެނގޭކަމަށާއި ކުޅުދުއްފުށީގެ ތަރައްގީ ކުރާނީ ބާރަށް ކުރިއަށް ކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ކުޅުދުއްފުށީގައި ފެށި ބޮޑެތި މަޝްރޫއުތައް ހުއްޓި، ރޯހައުސްތައް ވީރާނާވެފައިވާތީ އެކަމާ ކަންބޮޑުވުންފާޅުކުރައްވަމުން ވިދާޅުވީ ރަށުގެ ބިން އިތުރުކޮށް ބޯހިޔާވަހިކަން ގާއިމުކޮށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ހިއްކި ވެލިގަނޑުގައި އެއްތަކެއް އަހަރެއް ވެގެންދިޔައި ތަރައްގީގެ މަޝްރޫއުތައް ހިންގާފައިނުވުމަކީ ވަރަށް ބޮޑު އިހްމާލެއްކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު ވިދާޅުވީ މިތިބީ މަޝްރޫއުތައް ހުއްޓުނު ހިސާބުން މަސައްކަތްތައް އަލުން ފަށައި ތަރައްގީ ގެނައުމަށް ކަމަށެވެ. ކުޅުދުއްފުއްޓަކީ އުތުރުގެ ނާރެސްކަމަށް ވިދާޅުވަމުން ނަޝީދު ވިދާޅުވީ ސަރަހައްދުގެ ހުރިހާ ރަށެއްގެ ތަރައްގީއާ ކުޅުދުއްފުއްޓާ ގުޅިފައިވާ ކަމަށެވެ.

ހުއްޓިފައިހުރި މަސައްކަތް އަލުން ފަށައި ބޯހިޔާވަހިކަމަށާއި ސިނާއީ މަސައްކަތް އަދި މުނިފޫހިފިލުވުމާއި އިތުރު އާންމުދަނީ ހޯދަންވެސް ފެށިގެންދާނެ ކަމަށެވެ.

“ތިބޭފުޅުންނަށް ފެނިގެންދާނެ އަނެއްކާވެސް މިތަނުގެ ބަނދަރު ތަރައްގީވެގެންދާތަން، އެ ބަނދަރު ބައިނަލް އަގްވާމީ ބަނދަރަކަށް ވެގެންދާތަން. ތިބޭފުޅުންނަށް އަނެއްކާވެސް އިރާދަކުރެއްވިއްޔާ ފެނިގެންދާނެ ކޮށްޗޭއިން ކޮޅުނބުން ކުޅުދުއްފުއްޓަށް ބޯޓްފަހަރު އަންނަތަން. ތިބޭފުޅުންްނަށް ފެނިގެންދާނެ މިތަނަށް ބޯޓްފަހަރުން އެއްޗެހި ބާލައިގެން މިތަނަކީ މަރުކަޒަކަށްވެގެންދާތަން.” ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ކުޅުދުއްފުށީ ބަނދަރާއި އިންޑިޔާގެ ކޮޗިންނާ ފެރީގެ ނިޒާމަކު ގުޅުވާލުމުގެ ތަސައްވަރެއް ގެންގުޅުނެވެ. އެކަމަށް އިޝާރާތްކުރައްވައި ވިދާޅުވީ އަލުން އެމަޝްރޫއު ފެށިގެންދާނެ ކަމަށެވެ. އަދި މުދަލާއި ހިދުމަތް އެތަނުން އަނެއް ތަނަށް ފަސޭހަކަމާއެކީ ގެންދެވޭނެ ކަމަށެވެ. ކުޅުދުއްފުށީގައި ގެސްޓްހައުސް ވިޔަފާރި ހިންގި މާރުކޭޓްތައް އެޅި މިސަރަހައްދުގައި އުފައްދާ ހުރިހާ ތަކެއްޗެއް ކުޅުދުއްފުއްޓަށް ގަންނަމުންގެންދާނެކަމަށް ނަޝީދު ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ ކޮންމެ ރައްޔިތަކަށް ވަޒީފާއެއް ލިބޭނެ ކަމަށާއި ދިގު މުއްދަތުގައި ފައިސާ ދައްކާ ހަލާސްކުރާ އުސޫލުން ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކޮށް އެރެވަރީގައި ހުރި ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ބަދަލުކުރެވިގެންދާތަން ފެށިގެންދާނެކަމަށެވެ.

މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީގެ ދެ ދާއިރާއަށް ވާދަކުރައްވާ ޔާސިރު އަބުދުލްލަތީފާއި ޖަމްޝީދު މުހައްމަދަށް ވޯޓް ދެއްވައި އެބޭފުޅުން މަޖިލީހަށް ހޮވައިދެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355