twitterviber whatsapp telegramfacebookyoutube instagram
30th May 2025

އެޖެންޑާ 19އަކީ ރައީސް ސޯލިހުގެ ވައުދުތައް ފުއްދުމުގެ އެންމެ ބޮޑު ވަސީލަތް: ނަޝީދު

Apr 1, 2019

އެޖެންޑާ 19 އަކީ ދުއްތަނާއި ތަޖުރިބާ އަދި ދެން ދާން އޮތްތަން އަންދާޒާކޮށް އެކުލަވާލައިފައިވާ ތަރައްގީގެ ތަރަހައެއްކަމަށާއި އޭގެ މައްޗަށް ބިނާކުރަން އޮތް ތަރަހައެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިހާރު ތިލަދުންމައްޗަށް ކުރަވަމުންގެންދަވާ ދަތުރުފުޅުގައި ރޭ ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ 19 އަކީ ގާނޫނީ އޮނިގަނޑެއް ކަމަށާއި އެއީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދުމުގެ އެންމެ ބޮޑު ވަސީލަތްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ސޯލިހުގެ ވައުދުތަކަކީ އެމްޑީޕީގެ ވައުދުތަކެއް، އެއީ ރައްޔިތުންގެ ބޭނުންތައް ކަމަށާއި ދޮރުން ދޮރަށް ހިނގައި ރައްޔިތުން ކައިރީގައި އަހައިގެން އެކުލަވާލައިފައިވާ ތަރައްގީގެ ތަސައްވުރެއް ކަމަށެވެ. ނަޝީދު ވިދާޅުވީ އެޖެންޑާ 19 އަކީ ރައްޔިތުން ބޭނުންވާ ކަންކަން ކަމަށާއި އެކަންކަން ފުއްދުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑެއް ކަމަށެވެ. އެމްޑީޕީ އެބުރި އައިސް މިތިބީ އެންމެ ބޭނުމަކު ކަމަށާއި އެއީ ރައްޔިތުންގެ ތަރައްގީ އާއި ދިވެހިންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކަމަށެވެ.

ނަޝީދު ވިދާޅުވީ ތަރައްގީއަކީ މަގުގައި އަޅައި ތާރެއް ނޫން ކަމަށާއި އަދި ކޮންކުރިޓެއްވެސް ނޫން ކަމަށެވެ. ތަރައްގީއަކީ އާއިލާއަށް ވަންނަ ފައިސާ އިތުރުވެގެންދިއުން ކަމަށާއި ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ ދެގުނަ ކުރާނެ ކަމަށެވެ. ތަރައްގީ އަކީ ރައްޔިތުން ފުދިގެން ދިރިއުޅުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

މިއަދު ރާއްޖެ އަކީ މެދު އާންމުދަނީގެ ގައުމެއް ކަމަށާއި ރާއްޖެ މިހާރު އޮތް ސަފުން ތަރައްގީ ވެފައިވާ ގައުމުތަކުގެ ސަފަށް ބަދަލު ކުރުމަކީ އެޖެންޑާގެ އަމާޒު ކަމަށެވެ. ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިސްރާބު ހުރީ ތަރައްގީވެފައިވާ ގައުމުތަކުގެ ސަފުގައި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއަހަރު 30 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ހުރީ 77 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި ބޮލަކަށް ޖެހޭ މިންވަރު 15،000 ޑޮލަރަށްވުރެއް މައްޗަށް އަރާފައިވާ ކަމަށާއި އެޖެންޑާ 19 އިން ރާއްޖެ ގެންގޮސް ތަރައްގީވެފައިވާ ގައުމުތަކުގެ ސަފުގައި ބާއްވަދޭންނެކަމަށް ނަޝީދު ވިދާޅުވި އެވެ..

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355