އެމްޑީޕީން މަސައްކަތް މިކުރަނީ ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައިދިނުމަށްކަމަށް ވިދާޅުވެ ހުރިހާ ރައްޔިތުންވެސް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް ހދ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް ހުސެއިން ޒިޔާދު(ފިއްޓޭ) އެދިވަޑައިގަންނަވައިފި އެވެ.
އާދިއްތަ ދުވަހުގެ ރޭ ރައީސް ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވައި ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފިއްޓޭ ވިދާޅުވީ އޭނާއަކީ ރައްޔިތުންގެ އަދި އެމްޑީޕީގެ ކެންޑިޑޭޓެއްކަމަށް ވިދާޅުވެފަ އެވެ.
އެޖެންޑާ 19 ގައި ހިމެނެނީ ރައްޔިތުންގެ ބޭނުންތަކަށް ބަލައި އެކުލަވައިލި 19 ބިލެއް ކަމަށެވެ. 19 ބިލު ގާނޫނަކަށް ހަދައި އޭގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައިދޭނެކަމަށް ފިއްޓޭ ވިދާޅުވި އެވެ.
” އަޅުގަނޑުމެން ގަބޫލުކުރަނީ ރަށެއް ތަރައްގީ ވާނީ އެއަތޮޅެއް ތަރައްގީ ވެގެންނޭ. އެ އަތޮޅެއް ތަރައްގީ ވާނީ އެ ޤައުމެއް ތަރައްގީ ވެގެންނޭ. ޤައުމު ތަރައްގީ ވާން އޮތީ ރައްޔިތު މީހާ ތަރައްގީ ވެގެންނޭ. އެ ރައްޔިތު މީހާ ތަރައްގީ ވާނީ ޖީބަށް ވަންނަ އެއްޗެއް ބޮޑުވެގެންނޭ. އެކަން ކުރަން އަޅުގަނޑުމެން މިތިބީ.” ވައިކަރަދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ފިއްޓޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނުކުމެ މިތިބީ ޒުވާނުންނަށް ތައުލީމު ހޯދައިދީ ބޯހިޔާވަހިކަން ރައްޔިތު މީހާއަށް ކަށަވަރުކުރުމަށް ކަމަށެވެ. އަދި ފެރީ ނިޒާމާއި، ތައުލީމީ ނިޒާމު ރަނގަޅުކުރުމަށް ތަމްރީންތައް ބޭނުންވާ ދަރިވަރުންނަށް ޓްރެއިންގ ސެންޓަރުތައް ގާއިމުކުރާނެ ކަމަށެވެ.
މަސައްކަތްތަކީ ރައްޔިތު މީހާއަށް ހައްގުވާ މިންވަރު ހޯދައިދިނުން ކަމަށާއި އޭގެ ތެރޭގައި އިތުބާރު ހުރި ސިއްހީ ނިޒާމާއި ރައްޔިތުންނާ ގުޅުން ހުރި ހުރިހާކަމެއް ހިމެނޭ ކަމަށެވެ. މިހާރުވެސް އޭނާގެ ދާއިރާގެ ސިއްހީ މަރުކަޒުތަކުގައި އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެކަށީގެންވާ ފަރުވާ ލިބެން ނެތްކަމަށް ވަނީ ވިދާޅުވެފަ އެވެ.