ކުޅުދުއްފުށީ ކަނބޯރަނިހިޔާގެ ފުލެޓްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ހުރިކަމަށް އެރައްޔިތުންދަނީ ބުނަމުންނެވެ.
ނަންހާމަކުރަންބޭނުންނުވާފުލެޓްގައި ދިރިއުޅެމުންދާ ރައްޔިތަކު ކޭއޯއަށް މަޢުލޫމަތު ދެމުން ބުނީ ފުލެޓް ލިބި ތަޅުދަނޑި ހަވާލުކުރިއިރުވެސް ކަންބޮޑުވުންތައް އިންތިހާއަށް ހުރި ކަމަށާއި އެހެންނަމަވެސް ދަރިން ގޮވައިގެން ދިރިއުޅުމަށް އެހެން ގޮތެއްނެތުމުން ފުލެޓަށް ބަދަލުވީކަމަށެވެ.
ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ އެހެން ފުލެޓްތަކުގައި އިންވަކިކުރުމަށް ކޮންމެވެސް ވަރެއްގެ ފާރެއް ރޭނިފައި އެހެންނަމަވެސް މިފުލެޓްތަކުގައި ފާރުނެތުމުގެ ސަބަބުން ދުއްވަން ގެންގުޅޭ އަގުބޮޑެތި ވެހިކަލްވެސް ބަހައްޓަން ޖެހެނީ އިމާރާތަށް ވަންނަ ދޮރުމަތީގައި އަދި ދަރިންގޮވައިގެން ދިރިއުޅެމުންދާއިރު އެއްވެސް ވަރެއްގެ ރައްކާތެރިކަމެއް ނެތް ކަމަށެވެ. އަދި މަގަށް ވުރެން އިމާރާތް ކައިރި އަޑިވުމުގެ ސަބަބުންވެސް ތަފާތު އުނދަގޫތައްވެ ބައެއްމީހުންނަށް އަނިޔާވެސް ލިބިފައިވާ ކަމަށް އެމީހާ ބުންޏެވެ.
އަމިއްލަ ހަރަދުގައި އެތަނުގައި ހުރި މަރާމާތުތައް ކުރުމަށްފަހު ފުލެޓަށް ދިރިއުޅުން ބަދަލުވުމަށްފަހުވެސް އަމިއްލަ ހަރަދުގައި އިންފާރުރޭނުމަށް އެދުމުންވެސް ކައުންސިލުން ހުއްދަ ލިބިފައިނުވާކަމަށާއި އިމާރާތް ކައިރިއަށް ވެލިއަޅައިދިނުމަށްވެސް ކައުންސިލްގައި އެދިފައިވާނެ ކަމަށެވެ. އެކަމަކު މިއިން އެއްވެސް ކަމަކަށް އަދި ހައްލެއް ލިބިފައިނުވާތީ ފުލެޓްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެމީހާ ބުންޏެވެ.
މި ޝަކުވާތަކާ ގުޅިގެން ކޭއޯއިން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ ކަނބޯރަނިހިޔާގެ ފުލެޓްތަކުގައި ވަށާފާރު ރޭނުމަށް އެފުލެޓްތައް ލިބިފައިވާ ފަރާތްތަކުންވެސް އެދެމުންދާ ކަމަށާއި އެހެންނަމަވެސް އެހުއްދަނުދެވިގެން މިއުޅެނީ ސަރުކާރުން ވަކިގޮތްތަކެއް ކަނޑައެޅިފައި ނެތުމުގެ ސަބަބުން ކަމަށެވެ.
ފުލެޓްތަކަށް މީހުން ވެއްދީ ނިމިދިޔަ ރިޔާސީ އިންތިހާބަށް ކައިރިވެފައި ވަނިކޮށް ކަމަށްވާއިރު ޑައުންޕޭމަންޓާއި މަހު ކުއްޔަށް ދައްކަންޖެހޭ ފައިސާގެ އަދަދުވެސް ހަމަޖެހިފައި ނެތްކަމަށެވެ. ފުލެޓްތައް ހަދާފައި ބޭނުންނުކޮށް ގިނަދުވަސްތަކެއް ވުމުން އެތަންތަންވަނީ ވަރަށް ބޮޑަށް މަރާމާތުވެސް ކުރަންޖެހިފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
" ކައުންސިލާއި ފުލެޓް ލިބުނުފަރާތްތަކާއިއެކުވާނީ މަރާމާތުތައް ބަލާ އެކަމަށް ގޮތްތަކެއް ސަރުކާރުގެ ތެރެއިން ކަނޑައަޅާފައި އަދި މިހާރުވެސް ފުލެޓްލިބުނު ބައެއް ފަރާތްތަކުން އަމިއްލަ ހަރަދުގައި މަރާމާތު ކޮށްގެން އެތަންތަނުގައި ދިރިއުޅެމުން ދާކަމަށާއި އެމަރާމަތަށް ދިޔަ ހަރަދު އެފަރާތްތަކަށް ލިބިގެންދާނެ." ރައީސް ވިދާޅުވިއެވެ.
މާފަލުހިޔާގެ އިމާރާތް ކޮށްފައިވާ 40 ފުލެޓް ވަނީ ގުރުއަތުން ލިބުނު ފަރާތްތަކާއި ތަޅުދަނޑި ހަވާލުކުރެވީނަމަވެސް އެތަންތައްވެސް އަދި ހުރީ ރައްޔިތުންނަށް އެންމެ އެކަށީގެންވާގޮތެއްގައި ބޭނުންކުރެވޭ ހާލެއްގައި ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
މާފަލުހިޔާގެ ފުލެޓްތައް ރައްޔިތުންނާ ހަވާލުނުކޮށް ގިނަދުވަސްތަކެއްވުމުން ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުރުމާއި މަރާމާތުތައްވެސް ވަރަށް ބޮޑަށް ކުރަންޖެހިފައިވުމާއި އަދި ނަރުދަމާގެ މައްސަލަވެސް ދިމާވެފައި އެހެންނަމަވެސް ވަރަށް އަވަހަށް އެފުލެޓް ތަކަށް ސަރުކާރުގެ ތެރެއިން ގޮތްތަކެއް ކަނޑައެޅިގެންދާނެކަމަށް ވިދާޅުވިއެވެ.
"ބަންޑާރަ ހިޔާގައި އަޅަންފަށާފައިވާ 100 ރޯހައުސްގެ މަސައްކަތް ހުއްޓި ނުނިމި ގިނަދުވަސްތަކެއްވުމުގެ ސަބަބުން އެއިމާރާތްތައް ވަރަށް ބޮޑަށް ހަލާކުވެ ވީރާނާ ވެ ބައެއް އިމާރާތްތަކުގެ ފުރާޅުގެ ޓިނުތައްވެސް ނެތް." އަބްދުލްލަތީފު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގައި ރައްޔިތުންގެ ހުރިކަންބޮޑުވުންތައް މިވީ 5 މަސްދުވަހުގެތެރޭގައި ސަރުކާރާއި މަސްވަރާކޮށް ހައްލުލިބޭތޯ މަސައްކަތް ތަކެއް ކުރެވުންދާކަމަށް އެހެންނަމަވެސް ބަންޑާރަހިޔާގައި އަޅަން ފަށާފައިވާ ރޯހައުސްތަކުގެ މައްސަލާގައި އަދި ވަކި ޖަވާބެއް ސަރުކާރުން ނުލިބޭ ކަމަށާއި އުއްމީދު ކުރަނީ ވަރަށް އަވަހަށް އެރޯހައުސްތަކަށް ސަރުކާރުގެތެރެއިން ގޮތްތަކެއް ކަނޑައެޅި އެރޯހައުސްތަކުގެ ހައްގުވެރީންނަށް ލިބިގެން ދިއުން ކަމަށް ރައީސް އަބްދުއްލަތީފް ވިދާޅުވިއެވެ.