އަފީފުއްދީން ސްކޫލްގެ 15 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެ ސްކޫލުން ކުރިއަށް ގެންދާ އެނިވާސަރީ ރަންގެ ބިބް މިމަހު 07 ގައި ވިއްކަން ފަށާނެ ކަމަށް އެސްކޫލުން ބުނެފި އެވެ.
މިމަހު 26 ވަނަ ދުވަހު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ މި ރަންގެ އެކި ވަނަތައްވެސް ހޮވުމަށް ހަމަޖެހިފައިވާއިރު ސްކޫލް ދަރިވަރުންގެ ތެރެއިން ކީސްޓޭޖް 2،3،4 ން އެންމެ ކުރިން ނިންމާ އަންހެން އަދި ފިިރިހެން 3 ދަރިވަރުން ހޮވާނެ އެވެ.
މުވައްޒަފުންގެ ތެރެއިން އެންމެ ކުރިން ނިންމާ އަންހެން އަދި ފިރިހެން 3 މުވައްޒަފު، އަފީފުއްދީން ސްކޫލް ބެލެނިވެރިންގެ ތެރެއިން އެންމެ ކުރިންނިންމާ އަންހެން އަދި ފިރިހެން 3 ބެލެނިވެރިން، އެހެން ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން އެންމެ ކުރިން ނިންމާ އަންހެން އަދި ފިިރިހެން 3 ދަރިވަރުން އަދި އާންމުގެ ތެރެއިން އެންމެ ކުރިން ނިންމާ އަންހެން އަދި ފިރިހެން 5 ބައިވެރިންގެ ވަނަތައް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ރަންގައި ބައިވެރިވާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ނަންތައްވެސް ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.
ރަންގެ ބިބް ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވިއްކަމުންދަނީ 25 ރުފިޔާއަށެވެ. އާންމުނަށް ބިބް ވިއްކަނީ 50 ރުފިޔާއަށެވެ. ހާއްސަ ނަންބަރުތަކުގެ ބިބް ވިއްކުމަށް ހަމަޖެހިފައިވަނީ 100 ރުފިޔާއަށް ވުރެ ކުޑަނޫން އަގެއްގަ އެވެ.
މިދިޔަ އަހަރުވެސް އެ ސްކޫލްގެ 14 ވަނަ ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ރަންއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން 500 ވުރެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.
މި އަހަރުގެ ދުވުން ފެށުމަށް ހަމަޖެހިފައިވަނީ އަފީފުއްދީން ސްކޫލް އަމީނީ މަގު ގޭޓް ކުރިމަތިންނެވެ. ދުވުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:30 އެވެ.