އަންނަ ރައްޔިތުން މަޖިލިސް އިންތިހާބާ ގުޅިގެން އިންތިހާބީ ޝަކުވާ ހަމަ އެ ދުވަހު ހައިކޯޓަށް ހުށަހެޅޭނެ ގޮތް އެ ކޯޓުން ހަމަޖައްސައިފިއެވެ.
ހައިކޯޓުން ހާމަކުރެއްވި ގޮތުގައި އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތހާާބާ ގުޅޭ އިންތިހާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަ ޖެއްސުމަށްޓަކައި ވޯޓުލާ ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00އަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރެޖިސްޓްރޭޝަން ހުޅުވިފައި ހުންނާނެ ކަމަށެވެ.
ހައިކޯޓުން ވިދާޅުވީ އެ ކޯޓު ހުޅުވިފައި ހުންނަ ގަޑިތަތައް ފިޔަވައި އެހެން ގަޑިއެއްގައި އެފަދަ މައްސަލައެއް ހުށަހަޅާ ނަމަ ހައިކޯޓުގެ ރެޖިސްޓްރޭޝަނާއި ގުޅުއްވައިގެން ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
އިންތިހާބީ މައްސަލަތައް ހުށަހެޅުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ކަމަކީ ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް މައްސަލައިގެ ލިޔުންތަކާއި އެކު މައްސަލަ ހުށަހެޅުން ކަމަށް ހައިކޯޓުން ވިދާޅުވެއެވެ. އެގޮތުން މައްސަލަ ހުށަހަޅުއްވާ ސަބަބާއި އެކަމުގެ ތަފްސީލް އަދި މައްސަލައާއި ގުޅޭ ހެކިތައް ހުށަހެޅުއްވުމަށް ސަމާލުކަން ދިނުމަށްވެސް ހައިކޯޓުން ހާމަކުރެއެވެ.
އިންތިހާބީ ޝަކުވާގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިދީފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ. އިންތިހާބީ މައްސަލަތައް ހައިކޯޓަށް ހުށަހެޅުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 14 ދުވަހެވެ. އަދި ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިހާބީ ހުރިހާ މައްސަލައެއް ބަލާ ނިންމަން ޖެހެއެވެ.