ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް މިއަހަރުތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ސަރުކާރުގެ އޮފިޝަލަކު ހާމަކުރައްވައިފި އެވެ.
ހަމައެކަނި ރަންވޭ އަޅައި ނިމުނުތަނުން ރައީސް ޔާމީން ހުޅުވައިދެއްވި މި އެއާޕޯޓުގައި ހުރީ ފަޔަރ ލޮރީ ބާއްވާނެ ތަނަކާއި ޓާމިނަލެކެވެ. ޓާމިނަލުގެ މަސައްކަތްތައްވެސް އެއްކޮށް ނިންމާލެވިއެއް ނުވެ އެވެ. މި ސަރުކާރު އައި ފަހުން އެއާޕޯޓްގައި ކުރަމުންދިޔަ އަމަލީ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރައްވައި ކުޅުދުއްފުށީ ދެ ދާއިރާގެ މެމްބަރު، ޔާސިރު އަބުދުލް ލަތީފާއި ޖަމްޝީދު މުހައްމަދަށް ތާއިދު ހޯދުމަށް އިއްޔެ ރައީސް ސޯލިހް ވަނީ ކުޅުދުއްފުއްޓަށް ވަޑައިގަންނަވާފަ އެވެ. އަދި އެއާޕޯޓް ސަރަހައްދު ބައްލަވާލެއްވުމަށްފަހު އެތަނުގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންތަކަކާ ވާހަކަދައްކަވަމުން ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމާލެވޭ ތޯ މަސައްކަތްކުރަމުންދާ ކަމަށެވެ.
ރައީސްއާއެކު އެތަނުގައި ހުންނެވި ރައީސް އޮފީހުގެ އިސް ބޭފުޅަކު ވިދާޅުވީ އަންނަ ބޮޑުއީދަށް ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ނިންމާލެވޭނެކަމަށް ލަފާކުރެވޭ ކަމަށާއި އިދާރީ ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ.
ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް މިސަރުކާރުން ނިންމަވާދެއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިޙް ވަނީ މީގެ ކުރިންވެސް ވިދާޅުވެފަ އެވެ.
ކޭއޯއަށް އެނގިފައިވާގޮތުގައި ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތަށް އަލުން ފެށުން ލަސްވަމުންދަނީ މަކަރާއި ހިޔާނާތުގެ މައްސަލަތަކެއް އުޅޭތީ ކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީން އެމައްސަލަތައް މިހާރުވެސް ބަލަމުންދާކަން އެނގިފައިވެ އެވެ.