ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ހުސައިން ސަޤީފް ގެންގުޅުއްވާ ތިލަދުންމަތީ ފިކުރަކީ ތިލަދުންމައްޗަށް ތަރައްޤީއާއި ކުރިއެރުން ގެނެެސްދޭނެ ފިކުރެއްކަމުގައި ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަޤީފްގެ ކެމްޕެއިން ޓީމާއި ބައްދަލުކުރައްވާ ޝައިޚް އިމްރާން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިފަހަރުގެ ކެމްޕެއިން މިގެންދެވެނީ ވަރަށް ދާއިރާ ރޫހެއްގައި، އަތޮޅު ރޫހެއްގައި ކަމަށާއި ކެމްޕެއިންގައި އެންމެނަށް އެއްވެވިފައި މިތިބީ އެންމެން ޤަބޫލުކުރާ ހަމަތަކަކާއި އެންމެން ޤަބޫލުކުރާ އެއްވިސްނުންތަކެއް ހުރީތީ ކަމަށެވެ. އަދި ސަޤީފް އެވިދާޅުވާ ތިލަދުންމަތީ ފިކުރަކީ ތިލަދުންމައްޗަށް ތަރައްޤީއާއި ކުރިއެރުމާއި ފާގަތިކަން ގެނެސް އެންމެން އަކުގައި ދިރުޅުން ބައްޓަންކޮށްދޭނެ ފިކުރެއް ކަމުގައި ޝައިޚް އިމްރާން ވިދާޅުވިއެވެ.
"ސަޤީފް އެވިދާޅުވާ ތިލަދުންމަތީ ފިކުރަކީ މިހިސާބަށް މިސަރަހައްދަށް ތަރައްޤީ، ކުރިއެރުން، ފާގަތިކަން ގެނެސް އެންމެން އަކުގައި ދިރުޅުން ބައްޓަންކޮށްދޭނެ ފިކުރު" ޝައިޅް އިމްރާން ވިދާޅުވިއެވެ.
ދާއިރާގެ ތިން ރަށުގައި ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވާ ޝައިޚް އިމްރާން ވިދާޅުވީ ހުރިހާ ޕާޓީތަކުގެ އެކިފިކުރުގެ އެންމެން އެއްރޫހެއްގައި މިނިކުތީ މިތަރައްޤީ ދާއިރާއަށް ގެނައުމަށް ކަމަށެވެ. ސަޤީފް ހޮވުމަށްފަހުގައި ހުރިހާ ޕާޓީތަކެއްގެ އެންމެންގެ ބައިވެރިވުމާއެކުގައި ދާއިރާގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތައް ކުރާނެކަމުގެ ޔަޤީންކަން ޝައިޚް އިމްރާން ދެއްވިއެވެ.
ޝައިޚް އިމްރާން ވިދާޅުވީ ދާއިރާގެ ތަރައްޤީއަށާއި މުޅި ޤައުމުގެ ތަރައްޤީއަށް ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށާއި ބޮޑެތި ޕްރޮޖެކްޓްތައް އަންނާނީ ސަރުކާރުގެ ތެރެއިން ކަމަށެވެ. ސަރުކާރު އެކުލެވިފައިވާ ގޮތުން ސަރުކާރުގެ 15 އިންސައްތައިގައި އަދާލަތު ޕާޓީއިން ޙިއްސާވާކަން ފާހަގަކުރައްވާ ޝައިޚް އިމްރާން ވިދާޅުވީ އަދާލަތުން ކުރިމަތިލާފަވާ 9 ދާއިރާގެ ތެރެއިން 6 ނުވަތަ 7 ދާއިރާގެ ކާމިޔާބުވުން ވަރަށް ގާތްކަމަށާއި ކުރިއަށް އޮތް 5 އަހަރު ތަރައްޤީއަށް ކުރާ މަސައްކަތްތައް ހުރިހާ ރައްޔިތުންނާއެކު މިދާއިރާތަކުގައި ފުޅާކުރާނެ ކަމަށެވެ.