ފުރަތަމަ މި މޫނު އާންމުވީ ފޭސްބުކްގައި އާންމު ވި ވީޑިއޯ ތަކަކުންނެވެ. ގިނަ ބައެއްގެ ހިތްތައް އަތުލި "އެމިއުޒާސް" ގެ މަޖާ ވީޑިއޯތަކުންނެވެ. އެހެންނަމަވެސް މިހާރު "އެކްޓިން" ދޫކޮށް ފޮޓޯ ނެގުމުގެ ދާއިރާގައި ކުޅުދުއްފުށިން ފެންނަ އެންމެ ޒުވާން މޫނަކީ މިއީ އެެވެ.
ރިޒްހާން (19އ) އޭ ބުނުމުން ނޭނގޭނެ މީހަކު މި ކުޅުދުއްފުއްޓަކު ނޫޅޭނެއެވެ. މިއީ ރަށުގައި އެންމެ ހަރަކާތްތެރި އެއް ސްޓޫޑިއޯ އައިވެލް ޕޯޓްރޭޓްގެ ފޮޓޯ ގްރާފަރެކެވެ. ރަށުގައި ބާއްވާ އެކިކަހަލަ އިވެންޓުތަކުން އެންމެ އާންމުގޮތެއްގައި ފޮޓޯ ނެގުމަށް ހަރަކާތްތެރިވާ އެއްފަރާތަކީ ރިޒްހާންނެވެ.
އިންސްޓަރގްރާމް، ފޭސްބުކަށް ރިޒްހާން ދޫކޮށްލާ ފޮޓޯތަކަކީ ޔަގީނުންވެސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނާނެ ފޮޓޯތަކެވެ. އެޑިޓިންގނާއެކު ފޮޓޯތައް އެެހާވެސް ސަޅިއެވެ.
ޑީއެސްއާރުއެލް ކެމެރާއަކުން ފެށި މި ދަތުރުގައި މޮޅު ފޮޓޯގްރާފަރަކަށް ވާން ރިޒްހާން ފެށި މަސައްކަތުގައި ފުރަތަމަ އެނާގެ އަތުގައި ހިފީ ދެބެއިންގެ ދެދަރި ބޭބެ އެކެވެ. ބޭބެގެ އެހީގައި ފޮޓޯ ނަގަން ދަސްކޮށް ފޮޓޯޝޮޕްގެ ބޭސިކްގެ މަސައްކަތް ވެސް ދަސްކުރިއެވެ.
މަދު ދުވަސް ކޮޅެއްގެ ތެރޭގައި ރިޒްހާން ވަނީ އެކި ކަހަލަ އިވެންޓުތަކުގައި ފޮޓޯ ނަގާފަ އެެވެ. އެގޮތުން ކުޅިވަރުގެ ހަރަކާތްތަކާއި، ޖަލްސާތައް އަދި ކައިވެނި ހަފްލާތައް ރަށާއި ރަށުން ބޭރުގައިވެސް ވަނީ ހަރަކާތްތެރި ވެފައެވެ.
އެއްވެސް އިވެންޓަކީ ފޮޓޯ ނަގަން އުނދަގު އިވެންޓެއް ނޫންކަން ފާހަގަ ކުރަމުން ރިޒްހާން ބުނީ ކުޅިވަރު ހަރަކާތްތަކަށް ގޮސް ފޮޓޯ ނަގާއިރު ޓައިމިންއަށް ވަރަށް ވިސްނާކަމަށެވެ. ރިޒްހާންގެ ކުޅިވަރު ފޮޓޯ ތަަކަކީވެސް ފާހަގަކޮށްލެވޭ ހާ ރީތި ތަފާތު ފޮޓޯތަކެކެވެ. ޒުވާން އުމުރުގައި ރަށުގައި އުޅޭ ސީނިއަރ ޕޮޓޯގްރާފަރުންނާއެއް ހަމައެއްގައި ރިޒްހާން ފައިހަމަކޮށްފައިވާއިރު މިހާ ހިސާބަށް އާދެވިފައި މިވަނީ އޭނާގެ ބުރަ މަސައްކަތާއި އަދި އެތައް ބައެއްގެ އެހީ ތެރިކަމާއިއެކުކަން ރިޒްހާން ފާހަގަ ކުރިއެވެ.
އެގޮތުން ރިޒްހާންގެ އެންމެ ހާއްސަ ޝުކުރެއް ރައްދުވަނީ ފޮޓޯ ނެގުމުގެ ދާއިރާއަށް އެނާ ނެރެދިން އައިވެލް ޕޯޓްރޭޓަށެވެ. އައިވެލްގެ ވެރިޔާ ސަމީރު އަދި ފޮޓޯގްރާޕަރު ނަވާޒްގެ ނަން ހާއްސަކޮށް ރިޒްހާން ފާހަގަކުރިއެވެ. މީގެ އިތުރުން އާއިލާގެ މެންބަރުންގެ ނަންވެސް ރިޒްހާން ފާހަގަ ކުރީ ޝުކުރުވެރިކަމާއެކުއެވެ.
މިހާރު އަލަށް ކުދިން މިދާއިރާއިން ފެންނަ ކަން ފާހަގަ ކުރަމުން ރިޒްހާން ބުނީ މިއީ ހޮބީއެއްގެ އިތުރުން ވަޒީފާއެއް ގޮތަށް ވެސް ރަށުގައިވެސް ކުރަން ހަމަ ވަރަށް ރަނގަޅު މަަސައްކަތެއްކަމަށެވެ. މިއީ ބުރަ މަސައްކަތަކަށް ވިއަސް އެކަށީގެންވާ ފައިދާއެއް ލިބޭ މަސައްކަތެއްކަމަށް ރިޒްހާން ބުންޏެވެ. އަދި އަޒުމަކާއެކު ކުރަން ކެރިއްޖެނަމަ މިއީ ކުރިއަރައިގެން ދެވޭނެ މަގުފަހިވެފައި އޮތް ދާއިރާއެއްކަން ވެސް ފާހަގަ ކުރިއެވެ.
އެކްޓަރެއްގެ ގޮތުން ރިޒްހާން އަހަރެމެން އެންމެން ހެއްވާލީ އެވެ. ފޮޓޯ ގްރާފަރެއްގެ ހައިސިއްޔަތުން މިއީ އެންމެންގެ ލޯބި ހޯދާފައިވާ ޒުވާނެކެވެ. ފޮރުވިފައިވާ ހުނަރުތަކުން އަދި މިއީ މޮޅަށް ލަވަވެސް ކިޔާ ޒުވާނެކެވެ. އެހެންނަމަވެސް އެކްޓިންނާ ލަވަކިޔުން ހޮބީއެއްގެ ގޮތުގައި ބާއްވާފައި ރިޒްހާން ފެންނާނީ ފޮޓޯ ނެގުމުގެ ދާއިރާއިންނެވެ.