މިހާތަނަށް ރާއްޖެދުއް އެންމެ ބިރުވެރި ހާދިސާއެއް ކަމަށްވާ 2004 ވަނަ އަހަރު ޑިސެމްބަރު މަހު ރާއްޖެ އަށް ދިމާވި ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތަށް ފޫބެއްދުމަށް ސަރުކާރާއި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އަމިއްލަ ފަރުދުންނަށް ދޫކުރި ލޯނުތަށް މައާފު ކޮށްދެއްވައިފިއެވެ.
ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް އަމިއްލަ ފަރުދުންނަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް އަނބުރާ ނުދައްކާ ވަނީ 455 ލޯނެވެ. މި 455 ލޯނަށްވާ 30.4 މިލިއަން ރުފިޔާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގެ މަތީން ސަރުކާރުން މިއަދު 15.2 މިލިއަން ރުފިޔާ ދައްކަވައި ދެއވައިފިއެވެ.
އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ މި ލޯނުތައް ދޫކޮށްފައިވާ ފަރުދުން ލޯނު އަނބުރާ ދެއްކުމުގައި ދަތިތަކެއް ހުރުމާއި ލޯނު ނުދައްކައި ގިނަދުވަސްތަކެއް ވަމުންދާތީ މިކަމުގެ މައްޗަށް ރިއާޔަތްކުރެއްވުމަށް ފަހުއެވެ.
މި ލޯނުތަކަށް މިހާތަނަށް ނުދައްކާ ހުރި ފައިސާގެ 50 އިންސައްތަ ސަރުކާރުން ދެއްކުމާއެކު ބެންކް އޮފް މޯލްޑިވްސް އިން ވަނީ ބާކީ ހުރި 15.2 މިލިއަން ރުފިޔާ މައާފްކޮށްދިނުމާއެކު މި ލޯނުތަށް މިވަނީ މިހާރު ހަލާސްކުރެވިފައެވެ. އެހެން ކަމުން ސުނާމީ ކާރިސާއާ ގުޅިގެން ދޫކުރެވިފައިވާ ލޯނުތަކުގެ ތެރެއިން ފައިސާ ނުދައްކާ ހުރި އެއްވެސް ލޯނެއް މިހާރު ނެތެވެ.