ކުޅުދުއްފުށީ ބިމުން ނަގައި ފެނުގައި ގިނަ އަދަދަކަށް ކެމިކަލުގެ އަސަރު ހުންނަކަމަށް ހދ އެޓޯލް ހެލްތް ސާވިސަސްއިން ބުނެފި އެވެ.
ހދ އެޓޯލް ހެލްތް ސާވިސަސްގައި މިދިޔަ މަހު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ވާހަކަދައްކަވަމުން، އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިޝަލް މުހައްމަދު އަބުދުއްރަހުމާނު ވިދާޅުވީ، ކުޅުދުއްފުށީ ބިމުން ނަގައި ފެނުގައި ގިނަ އަދަދަކަށް ކެމިކަލް ހުންނަކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ކެމިކަލުގެ ގޮތުގައި ހުރީ ތަފާތު ވައްތަރުގެ ބުލީޗާއި ހޯމޯ ފަދަ ބާވަތްތައް ކަމަށެވެ. އެތަކެތީގެ އަސަރު ގިނަ އަދަދަކަށް ފެނުގައި ހުރީ ގިނަ ބަޔަކު ދޮންނަ މެޝިނުގެ ފެންގަނޑު ބިންމަށް ހިނދޭގޮތަށް ދޫކޮށްލައިފައި ހުންނާތީ ކަމަށެވެ.
ސަޕްލައި ފެނުގެ ހިދުމަތް ކުޅުދުއްފުށިން ލިބެން ހުރިކަމުގައި ވިޔަސް ގިނަ ބަޔަކު އަދިވެސް ފެންވެރުމާއި ތަފާތު އެކި ބޭނުންތަކަށް ބިމުން ނަގައި ފެން ބޭނުންކުރާ ކަމަށާއި އެކަމުގެ ސަބަބުން ހަމުގެ ތަފާތު ބަލިތައް ޖެހޭ ކަމަށެވެ. ހަމުގެ މައްސަލަތަކުގައި ހޮސްޕިޓަލަށް ދައްކާ ގިނަ މީހުންނަށް ހަމުގެ މައްސަލަ ކުރިމަތިވެފަ ހުންނަނީ ބިމުން ނަގައި ފެން ބޭނުންކުރާތީކަމަށް އޭނާ ވިދާޅުވި އެވެ.
ކެމިކަލުގެ އަސަރު ގިނަ އަދަދަކަށް ރަށުގެ ފެން ފަށަލައަށްކޮށްފައިވާއިރު ފެންވެރުން ފަދަ ކަންކަމުގައި ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބިމުން ނަގައި ފެން ތަހުލީލްކުރެވޭނެ ނިޒާމެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުވެފައިނުވާއިރު އެފަދަ ނިޒާމެއް ހދ އެޓޯލް ހެލްތު ސާވިސަސްގައިވެސް ނުހުރެ އެވެ.