ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ހުސައިން ސަޤީފްއަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް އިލްޔާސް ޖަމާލު ތާއީދުކުރައްވައިފިއެވެ.
ޘަޤީފްއަށް ތާއީދުކުރައްވާ ޝައިޚް އިލްޔާސް ޖަމާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސަޤީފްއަކީ ރައްޔިތުންގެ މަޖްލީހުގައި އިސްލާމްދީން ދިފާއުކުރައްވާ ދީނާއި ފުށުނާރާގޮތަށް ޤާނޫނުތައް ހެދުމަށް ވަކާލާތުކުރައްވާނެ ކެނޑިޑޭޓެއްކަމުގެ މައްޗަށް ހެކިވާ ކަމަށެވެ. އަދި މިފަދައިން ހެކިވަނީ ސަޤީފްއަކީ ކޮން ބޭފުޅެއްކަން ރަނގަޅަށް އެނގިހުރެކަމަށް ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވެފައިވެއެވެ.
ޝައިޚް އިލްޔާސް ޖަމާލްވަނީ ސަޤީފްއަށް ކާމިޔާބު މިންވަރުކުރެއްވުމަށް އެދި ދުޢާކުރައްވާފައެވެ.
ހދ އަތޮޅުގެ ކައުންސިލްގެ ރައީސްކަން ކުރެއްވި ސަޤީފްވަނީ ކައުންސިލްކަމުގެ ދައުރުގައިވެސް ކައުންސިލް މެދުވެރިވެގެން ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން ހދ. އަތޮޅުން ޕާސްޕޯޓު ލިބޭނެ ގޮތް ހެދުމާއި ތިލަދެކުނު ޝަރަފުވެރިކަމުގެ އެވޯޑު ދިނުމާއި ލޭ ހަދިޔާކުރާ ދަފްތަރެއް ހެދުމާއި ވައިކަރަމުރައިދޫގެ އެއްފަޅި ޕިކްނިކަށް ހާއްސަކުރުމަށް ކުރި މަސައްކަތުގައި ސަގީފުގެ ހިއްސާ ބޮޑެވެ.