ކުޅުދުއްފުއްޓާއި ހަނިމާދޫ އަދި ދިއްދޫ ލޯންޗު ފެރީގެ ނިޒާމަކުން ގުޅުވާލުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
މިކަމާ ބެހޭގޮތުން ކޭއޯއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ ލޯންޗު ފެރީގެ ނިޒާމުން ކުޅުދުއްފުއްޓާއި ހަނިމާދޫ އަދި ހއ ދިއްދޫ ގުޅުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިމަހުގެ 15 ގެ ކުރިން އެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ލޯންޗު ފެރީގެ ހިދުމަތް ފަށަން ތިން ރަށުގެ ކައުންސިލުތަކާ ވާހަކަދައްކާ ހިޔާލު ހޯދާފައިވާ ކަމަށެވެ. އަދި އިތުރަށް ރަނގަޅުކުރަން ހުރި ކަންކަމާ ބެހޭގޮތުންވެސް ކައުންސިލަތަކުގެ އެއްބާރުލުން ހޯދަމުންދާ ކަމަށެވެ.
ހުކުރުދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހަކު ލޯންޗު ފެރީގެ ހިދުމަތް ތިން ރަށުން ލިބިގެންދާނެ ކަމަށެވެ. ދަތުރުތައް ފަށާނީ 47 މީހުންގެ ޖާގައިގެ ލޯންޗެއްގައި ކަމަށާއި ފުރަތަމަ ބޭނުންކުރާނީ 1 ލޯންޗު ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ޑިމާންޑަށް ބަލާފަ ޖާގައިގެ ގޮތުން ބޮޑެތި ލޯންޗުތަކުގެ ހިދުމަތްވެސް މިސަރަހައްދުގައި ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޯތް ސްޕީޑްގެ ނަމުގައި ފަށައި މި ލޯންޗު ދަތުރުތައް ކޮންމެ ދުވަހަކުވެސް ރަށަކަށް ދެ ބުރު ޖަހާނެ އެވެ. ޓިކެޓްގެ އަގު އުޅެނީ 150-250ރ އަށެވެ. މި ލޯންޗު ފެރީގައި ދެ އަހަރުން ދަށުގެ ކުދިންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.