19 ވަނަ މަޖިލީހުގައި މަކުނުދޫ ދާއިރާގެ ގޮނޑި ވެގެންދާނީ ރަންގޮނޑިއަކަށް ކަމަށާއި އެދާއިރާ ދުވަހަކުވެސް ނުދެކޭވަރުގެ ތަރައްގީ ފަސް އަހަރުގެ ތެރޭގައި ގެންނާނެކަމަށް މަކުނުދޫ ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓް މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.
މަކުނުދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ މަޖިލީހުން ފުރުސަތު ލިބިއްޖެނަމަ ދާއިރާ މީގެ ކުރިން ނުދެކޭވަރުގެ ތަރައްގީ ގެންނާނެ ކަމަށާއި ދާއިރާ އެންމެ ބޮޑަށް ތަރައްގީވެގެންދާނީ މި ފަސް އަހަރުގެތެރޭގައި ކަމަށެވެ. މަކުނުދޫ ދާއިރާގެ ގޮނޑިއަކީ ސަރުކާރަށް މުހިންމު ގޮނޑިއެއް ކަމަށާއި ރައީސް ސޯލިހާއި ރައީސް ނަޝީދު ކޮންމެ ދުވަހަކުމެ ފޯނުން ގުޅުވައި ހިއްވަރުދެއްވާ ކަމަށް ރާއީ ވިދާޅުވި އެވެ.
މިޖަލްސާގައި ވާހަކަދައްކަވަމުން ރާއީ ވަނީ ނުސީދާކޮށް އެ ދާއިރާގެ މިހާރުގެ މެމްބަރު އަނާރާ ނައީމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް މަކުނުދޫއަށް ވަޑައިނުގަތީ އަނާރާގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ.
"ރައީސުލް ޖުމްހޫރިއްޔާ މިރަށަށް ނޭރުވުމަކީ އަޅުގަނޑަށް ދިން ދެރައެއް ނޫނޭ. ތިޔަ ބޭފުޅުންނަށް ދެވުނު ދެރައެއް. އެ ދެރަ ދެއްވީ މިހާރު މެމްބަރުކަން ކުރައްވާ ބޭފުޅާ. ރާއީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ވަޑައިގަންނަވައި ކޮންމެ ރަށަކަށްވެސް ކުރައްވާނެ ކަންތައްތަކެއް ނުވަތަ ވައުދުތަކެއް ވެވަޑައިގަންނަވާނެ ކަމަށާއި އެކަމަކު މަކުނޫދުއަށް ވަޑައިނުގަނެވުނީ މެމްބަރާ ހުރެ ކަމަށެވެ. އެހެންކަމުން އެއީ މެމްބަރު ސީދާ އެރަށަށް ދިން ނިކަމެތިކަމެއްކަމަށެވެ.
މި ޖަލްސާގައި ރާއީ ވަނީ މަޖިލީހަށް ހޮވިއްޖެނަމަ ސަރުކާރުގެ ތެރެއިންނާއި އަމިއްލަގޮތުން ދާއިރާގެ ތަރައްގީއަށް ގިނަ ކަންތައްތަކެއްކޮށްދެއްވާނެކަމަށް ވައުދުވެލައްވާފަ އެވެ. މަކުނުދޫ އާއި ކުމުންދޫ އަދި ނޭކުރަންދޫ ހިމެނޭ އެ ދާއިރާއަށް އެންމެ ގިނަ ވައުދުވީ މަކުނުދޫއަށެވެ.
އެގޮތުން އެންމެ ފުރަތަމަވެސް ވިދާޅުވީ ސަރުކާރުން މިހާރު މަކުނުދޫގައި ގާއިމުކުރަން އިއުލާންކޮށްފައިވާ ފެނާއި ނަރުދަމާގެ ވާހަކަ އެވެ. އޭނާ ވިދާޅުވީ މަޖިލިސް ހުޅުވުމާއެކު އެ މަޝްރޫއުތައް ފެށި މިއަހަރުގެ ތެރޭގައި ނިންމާނެ ކަމަށެވެ. މަކުނުދޫގައި ހަދަން ފަށާގައިވާ ސިލިޕްވޭ މިއަހަރުތެރޭގައި ނިންމާނެކަމުގެ ޔަގީންކަން އޭނާވަނީ އެރަށުގެ މަސްވެރިންނަށް ދީފަ އެވެ. އަދި ސިލިޕްވޭގެ ހިދުމަތަށް ހއ، ހދ އިން ދޯނިތައް އަންނާނެކަމުގެ ޔަގީންކަންވެސް ދީފައިވެ އެވެ.
މަކުނުދޫއަކީ މަސްވެރިން ރަށެއްކަން ފާހަގަކުރައްވަމުން ރާއީ ވިދާޅުވީ އެޖެންޑާ 19 ގެ ތެރެއިން މަހަށް ހަމައަގު ހޯދުމަށްކުރާ މަސައްކަތް ތަންފީޒުކުރާނެކަމަށެވެ. ގިނަ އަދަދެއްގެ ޒުވާނުން މަސްވެރިކަމުގައި ހަރަކާތްތެރިވާ މަކުނުދޫގެ ޒުވާނުންނަށް ސީދާ ޑޮލަރުން ޕޭ ކުރެވޭގޮތް ހަދައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މަހުގެ ހަމައަގު ލިބި، މަސްވެރިންގެ އުންމީދުތައް ހާސިލުކޮށްދޭނެކަމަށް ތަކުރާރުކުރައްވައި ރާއީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަޖިލިސް ފެށުމާއެކު ގާނޫނަކަށް ހެދުމަށް އެބިލް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
މަކުނުދޫ އެއާޕޯޓަކީ ބޮޑުތިލަދުންމައްޗަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަންނެވި އެންމެ ބޮޑު ވައުދުކަމަށާއި އެވައުދު ސަރުކާރުން ފުއްދަވާނެކަމަށް ރާއީ ވިދާޅުވި އެވެ. މަޖިލީހަށް ވަންނަތާ ފުރަތަމަ 6 މަސްތެރޭގައި މަކުނުދޫގައި އޭޓީއެމް ބަހައްޓާނެ ކަމަށެވެ. އަދި ކުޅުދުއްފުއްޓަށް ދިޔުމަށް މަކުނުދޫ ރައްޔިތުން ހޭދަކުރާ ދިގު ދަތުރުކުރުކޮށް ކޮންމެ ދުވަހަކުވެސް ސީދާ ކުޅުދުއްފުއްޓަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށާއި އެކަން ނުކުރެވިއްޖެނަމަ މަޖިލީހަކު ނުހުންނާނެކަމަށްވެސް ރާއީ ވިދާޅުވި އެވެ.
މަކުނުދޫ ދާއިރާގެ ތިން ރަށުންވެސް ފާހަގަކުރެވިފައިވަނީ އާންމު ބަލިތަކަށާއި ދާއިމީ ބަލިތަކަށް ބޭސް ކުރާ ފަރާތްތަކުގެ ބޭސް ނުލިބޭކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި މަޖިލީހަށް ހޮވުމާއެކު ތިން ރަށުގެވެސް ހެލްތް ސެންޓަރުގައި އެފަދަ ބޭސްތައް ދާއިމީކޮށް ސްޓޮކް ހުންނާނެކަމުގެ ސަތޭކަ ޕަސެންޓްގެ ޔަގީންކަންދޭކަމަށެވެ.
މަކުނުދޫ ދާއިރާގެ އެއްވެސް ރަށެއްގައި ކުޑަކުދިން ޕާކެއް ނެތް ކަމަށާއި 8 މަސްދުވަހުގެ ތެރޭގައި ތިން ރަށުގައިވެސް އެންމެ މިޒަމާނުގެ ކުޑަކުދިންގެ ޕާކު ހަދައިދޭނެކަމަށް ރާއީ ވައުދުވި އެވެ.
"މަކުނުދޫ ދާއިރާގެ އެއްވެސް ރަށެއްގައި ފާއިތުވި ދުވަސްތަކުގައި އެމްޕީ ކަޕެއް ބޭއްވިފައެއްނެތް. އެކަމަކު އަޅުގަނޑު ޔަގީންކަން މިދެނީ ކައުންސިލްތަކާއި ކުލަބު ޖަމިއްޔާތަކާ ގުޅިގެން ކޮންމެ ރަށެއްގައި އެއްލައްކަ ރުފިޔާގެ ކަޕެއް ފެށިގެންދާނެ އަޅުގަނޑު ހޮވުމާއެއްކޮށް. ދެ ޖިންސަށް ވަކި ތަފާތެއް ނެތި. އެއްވަރަކަށް ފައިސާގެ އިނާމު ހުށަހެޅިގެން." މަކުނުދޫގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވި އެވެ.
މަކުނުދޫގައި އަންހެނުން ވަރަށް ފޯރިއާއެކު ހޭންޑް ބޯލް ކުޅެ އެވެ. ރާއީ ވިދާޅުވީ އެރަށުގެ ހޭންޑް ބޯލް ކުޅޭ ކޯޓް 8 މަސްދުވަހުގެ ތެރޭގައި ފުޓްސަލް ދަނޑާއެއްވަރަށް ނިންމާނެ ކަމަށެވެ.
ވިޔަފާރިވެރިޔާ ރާއީ ވިދާޅުވީ ދާއިރާގެ ޒުވާނުންނަށް ސިޔާސީގޮތުން ހޯދަން ޖެހޭ ވަޒީފާތައް ހޯދުމަށް މަސައްކަތްކުރާނެ ކަމަށާއި ވަޒީފާތައް ތިން ރަށުގެ ކުދިންނަށް ހަމަހަމަ އުސޫލެއްގެ ތެރެއިން ހޯދަ ދޭނެކަމަށެވެ.
ރާއީ ވިދާޅުވީ މަޖިލީހަށް ހޮވުމަށްފަހުވެސް ދާއިރާއަށް ޒިޔާރާތްކޮށް ގޭބިސީތަކަށް ޒިޔާރާތްކުރާނެ ކަމަށެވެ. އަދި ތިން ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް މާލޭގައި ކޯޕަރޭޓިވް އޮފީހެއް ގާއިމުކުރާނެކަމަށެވެ.
" އަޅުގަނޑުމެން ވައުދުވަނީ ސިއްރަކުން ނޫން. އެވައުދު ވަނީ ފުއްދޭނެތީ އެއީ ސަރުކާރުގެ ތެރެއިންނާއި އަޅުގަނޑު އަމިއްލަ ކުރާނެ ކަންތައްތަކުގެ ވައުދުތަކެއް. އެވައުދުތައް އަޅުގަނޑު ވަނީ ސީދާ ރައީސުލް ޖުމްހޫރިއްޔާ އަޅުގަނޑަށް ގުޅާފަ ވިދާޅުވުމުން" ރާއީ ވިދާޅުވި އެވެ.