މަޖިލިސް އިންތިހާބުގެ ކެމްޕެއިންއަށް ދާއިރާގެ ގެތަކަށް ދޮރުން ދޮރަށް ހިނގާފައިވާ ކަމަށާއި އެކަން ވަރަށް ކާމިޔާބުކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވައި ކެނޑިޑޭޓް އަލްއުސްތާޒް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރޭ ނަޝީދުގެ ސަޕޯޓަރުންނާ ބައްދަލުކޮށް ވާހަކަދައްކަވަމުން ވިދާޅުވީ ޑޯޓު ޑޯޓު ހިންގިއިރު ގިނަ ރައްޔިތުންތަކަކާ ބައްދަލުވެ އެ ފަރާތްތަކުގެ ޝަކުވާ އާއި ހިޔާލު އަޑުއަހާފައިވާނެ ކަމަށެވެ. އަންނަ މަޖިލީހުގައި އެކަންކަމަށް ހައްލުހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
ނަޝީދުގެ ބައްޕައަކީ ނޮޅިވަރަމަށް ނިސްބަތްވާ މީހަކަށްވާއިރު ކާފަ ދިރިއުޅުއްވީ ކުޅުދުއްފުށީގަ އެވެ. ދޮރުން ދޮރަށް ހިންގިއިރު ކާފަގެ ދަންނަ މީހަކާވެސް ބައްދަލުވި ކަމަށާއި އަދި ކާފަ ދިރިއުޅުއްވި ގެއަށްވެސް ދިޔައިން ކަމަށެވެ. ނަޝީދު ވިދާޅުވީ އެކަންކަން އެނގުމުން ވަރަށް އުފާވެރި އިހުސާސްތަކެއް ކުރެވުނު ކަމަށެވެ.
ނަޝީދު ވިދާޅުވީ އެ ބޭފުޅުން އެންޓި ކެމްޕެއިން ނުކުރައްވާނެ ކަމަށާއި ކުރައްވާނީ ކެމްޕެއިން ކަމަށެވެ. ބައެއް ފަރާތްތަކުން އެ ބޭފުޅާއާ ދެކޮޅަށް ތަފާތު ދޮގު ވާހަކަތައް ފަތުރާތީ ހިތާމަކުރައްވާ ކަމަށެވެ. ނަޝީދު ވިދާޅުވީ ކޮންމެ ކެނޑިޑޭޓަކާ ދެކޮޅަށްވެސް ދެއްކޭނެ ވާހަކަ އެނގިވަޑައިގަންނަވާ ކަމަށާއި އެހެންނަމަވެސް ދުވަހަކުވެސް ޒާތީވެ އެންޓި ކެމްޕެއިން ނުކުރައްވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ނަޝީދު ވަނީ މަޖިލީހަށް ހުށަހަޅުވާނެ ބައެއް ބިލްތަކާ ބެހޭގޮތުންވެސް ވާހަކަދައްކަވާފަ އެވެ. އެގޮތުން އެއްމެދު އިމާރާތް ކުޅުދުއްފުއްޓަށް ތަންފީޒުކުރެވޭނެ ގޮތެއް ހޯދައި ބޯހިޔާވަހިކަމަށް ފުޅާ ދާއިރާއެއްގައި ހައްލު ހޯދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ. ހަމައެކަނި ގެވަޅު ނުވަތަ ފުލެޓް ދިނުމަކުން ބޯހިޔާވަހިކަން ހައްލުނުވާނެ ކަމަށާއި އެތަންތަނުގައި އިމާރާތްތައް ކުރެވި ފުލެޓްތަކަށް ހޯދޭނެ ފަސޭހަގޮތެއް ގާނޫނުތަކުގެ ތެރެއިން ހޯދަވައިދެއްވާބެކަމަށެވެ.
ކަނޑުމަތީގައި ވަޒީފާ އަދާކުރާ މީހާ އާއި ހިކިފަސްތަނުގައި ވަޒީފާ އަދާކުރާ މީހާގެ ބޮޑު ފަރަގެއްވާ ކަމަށާއި އެކަމަށްވެސް މަޖިލިސް ތެރެއިން ހައްލު ހޯދައިދެއްވާނެކަމަށެވެ. މިދިޔަ ދައުރުތަކުގައި ނަޝީދު ވަނީ ގިނަ ބިލުތަކެއް އަމިއްލައަށް ހައްދަވައި ހުށަހަޅަފަ އެވެ. އޭގެ ތެރެއިން ގިނަ ބިލުތަކެއް ގާނޫނުތަކަށް ބަދަލުވެފައިވާއިރު ބައެއް ބިލްތައް ވަނީ މަޖިލިސް ތެރެއިން ތާއިދު ނުލިބުމުން ފާސްނުވެފަ އެވެ. އެގޮތުން މިނިމަން ވޭޖްގެ ބިލް ނަޝީދު ފާހަގަކުރެއްވި އެވެ.
ނަޝީދު ފާހަގަކުރެވިފައިވަނީ ވޭތުވެދިޔަ ދައުރުގައި ރައްޔިތުންނާއި އަދި ކައުންސިލާ ވަރަށް ގާތުން މަސައްކަތްކުރެއްވި ފަރާތެއްގެ ގޮތުގައި އެވެ. އަދި ރަށުގެ ތައުލީމީ ހާލަތާއި އިޖުތިމާއި އަދި ތަރައްގީގައި ނަޝީދު ވަނީ ފާހަގަކުރެވޭވަރުގެ ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ.