މީހަކު ވޯޓު ގަންނަން އަޔަސް، އެއްވެސް ރައްޔިތަކު ވޯޓު ނުވިއްކުމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ސަޤީފް އިލްތިމާސް ކުރައްވައިފިއެވެ.
ސަޤީފް ވިދާޅުވީ އިންތިހާބުތަކާއި ދިމާކޮށް އަބަދުވެސް ވޯޓު ގަތުމަށް ރައްޔިތުންގެ ގާތަށް ހިނގާ ބަޔަކު އުޅޭކަމަށާއި އެފަދަ މީހަކު އަޔަސް ވޯޓު ވިއްކުމުގެ ދަށު ދަރަޖައިގެ އަމަލެއް ނުކުރުމަށް ވައިކަރަދޫ ދާއިރާގެ ރައްޔިތުންނާއި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ އިލްތިމާސްކުރާ ކަމަށެވެ.
އަދި ވޯޓަކީ އަމާނާތެއް ކަމަށާއި ކޮންމެ މީހަކާވެސް ހަވާލުވެފައިވާ އަމާނަތާއި ގުޅޭގޮތުން ސުވާލުވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާހަގަކުރެއްވި ގޮތުގައި ރައްޔިތުން މަޖްލީހަށް ހޮވާ މެމްބަރަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ އަޑު މަޖްލީހުގައި އިއްވުމަށް ފޮނުވާ މަންދޫބެއް ކަމަށާއި ވޯޓު ވިއްކުމުގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންގެ އަޑު މަޖްލީހުގައި ކެނޑިގެން ދިއުން ކަމަށެވެ.
އަދި މިކަމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ފޯރާކަމަށާއި އެގޮތުން އެދާއިރާއެއްގެ ރައްޔިތުންގެ ފަރާތުން ވަކާލާތު ނުކުރެވި ރައްޔިތުންގެ އަޑު ނީއްވުމުގެ ނަތީޖާއަކަށް ވެގެންދާނީ ޙައްޤުތަކުން ރައްޔިތުން މަހްރޫމްވެގެން ދިއުން ކަމަށެވެ.
ސަޤީފް ވިދާޅުވީ ވޯޓު ގަންނަން އަންނަ މީހަކީ ރައްޔިތުންނަށް ތެދުވެރިވާނެ މީހެއް ނޫންކަމަށާއި އެފަދަ ކަމެއް ކުރަނީ ކޮންމެފަދަ މީހެއް ކަމުގައި ވިޔަސް އެފަދަ މީހުންނަށް ސަމާލުވެ ރައްކާތެރިވާންޖެހޭ ކަމަށެވެ.
ސަޤީފްއަކީ ކުރިން ހދ އަތޮޅު ކައުންސިލްގައި ވައިކަރަދޫ ދާއިރާ ތަމްސީލްކުރެއްވި ކައުންސިލަރެކެވެ. އެދައުރުގައި ސަޤީފްވަނީ ހދ އަތޮޅު ކައުންސިލްގެ ރައީސްކަންވެސް ކުރައްވާފައެވެ.