twitterviber whatsapp telegramfacebookyoutube instagram
24th April 2024

ބޮޑުތިލަދުންމަތީގެ އެއްގޮނޑި ފިޔަވާ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް!

އަބްދުލް ވާހިދު ޙަސަން
Apr 7, 2019

އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ބޮޑު ތިލަދުންމަތީގެ މެޖޯރިޓީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ހޯދައިފި އެވެ. އެގޮތުން ތިލަދުންމަތީގެ 15 ދާއިރާތަކުން 14 ދާއިރާއެއް ވަނީ އެމްޑީޕީން ކާމިޔާބުކޮށްފި އެވެ.

ހޯރަފުށީ ދާއިރާގެ ގޮނޑި އެމްޑީޕީގެ އަހުމަދު ސަލީމް ކާމިޔާބުކޮށްފައިވަނީ އެދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު އިސްމާއިލްއާ ވާދަކޮށް ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އިހަވަންދޫ ދާއިރާއަށް ހަތަރު ކެނޑިޑޭޓަކުން ވާދަކުރިއިރު އެދާއިރާ ކާމިޔާބުކޮށްފައިވާ އެމްޑީޕީގެ މުހައްމަދު ޝިފާއު އެވެ.

ހއ ގެ އިތުރު ދާއިރާތަކަކަށް ބަލާއިރު ބާރަށުގެ ދާއިރާގެ ގޮނޑި މިހާރުގެ މެމްބަރު އިބުރާހިމް ޝުޖާއު އާއި ވާދަކޮށް ހަނިތަފާތަކުން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ އަހުމަދު އަބުދުﷲ އެވެ. އޭނާ އެދާއިރާ ކާމިޔާބުކުރެއްވީ 45 ވޯޓްގެ ތަފާތަކުންނެވެ. އެމްޑީޕީގެ އަބުދުﷲ ވަހީދު 1201 ވޯޓާއެކު ދިއްދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވިއިރު ކެލާ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީވެސް އެމްޑީޕީގެ އިބުރާހިމް ޝަރީފެވެ.

ހދ ގައި މަޖިލިހުގައި 6 ގޮނޑި ހިމެނޭއިރު ފަސް ގޮނޑި ކާމިޔާބުކުރީ އެމްޑީޕީންނެވެ. ހަނިމާދޫ ދާއިރާ އެމްޑީޕީގެ އަބުދުލް ޤަފޫރު މޫސާ އާއި ނެގިއިރު އޭނާއާ އެންމެ ބޮޑަށް ވާދަކޮށްފައިވަނީ ކުރީގެ މެމްބަރު ހުސެއިން ޝަހުދީ އެވެ. ވައިކަރަދޫ ދާއިރާގެ ގޮނޑި 908 ވޯޓާއެކު އެމްޑީޕީގެ ހުސެއިން ޒިޔާދު ކާމިޔާބުކުރިއިރު އޭނާއާ އެންމެ ގާތުން އަދާލަތު ޕާޓީގެ ހުސެއިން ސަޤީފަށް ލިބުނީ 848 ވޯޓެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާއަށް 7 ކެނޑިޑޭޓުން ވާދަކޮށްފައިވާއިރު އެދާއިރާ ކާމިޔާބުކޮށްފައިވަނީވެސް އެމްޑީޕީގެ ކެނޑިޑޭޓް ޖަމްޝީދު މުހައްމަދެވެ. އޭނައަށް 820 ވޯޓް ލިބުނުއިރު އެފޮށިން ދެވަނަ ހޯދީ ކުރީގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ނަޝީދެވެ. އޭނައަށް ލިބިފައިވަނީ 484 ވޯޓެވެ. ކުޅުދުއްފުށީ އުތުރު ދާއިރާ ގޮނޑި ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ޔާސިރު އަބުދުއްލަތީފެވެ. ޖޭޕީ ކެނޑިޑޭޓް ނަސްރުﷲ އިސްމާއިލްއާ ވާދަކޮށް ޔާސިރު އެގޮނޑި ކާމިޔާބުކުރީ 478 ވޯޓްގެ ތަފާތަކުންނެވެ.

މަކުނުދޫ ދާއިރާއަށް ބަލާއިރު އެދާއިރާއަށް ތިން ބޭފުޅަކު ވާދަކޮށްފައިވެ އެވެ. އެ ދާއިރާގެ މެމްބަރު އަނާރާ ނައީމް ބަލިކޮށް ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ މުހައްމަދު ރާއީ އެވެ. އެއީ 872 ވޯޓެވެ. 721 ވޯޓާއެކު ދެވަނަ ޔަޝްފާ އަބުދުލްޢަނީ ހޯދިއިރު ތިންވަނައަށް ގޮސްފައިވަނީ 670 ވޯޓާއެކު އަނާރާ ނައީމެވެ.

ށ އަތޮޅުގެ ހަތަރު ދާއިރާވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ. އެގޮތުން އެދާއިރާގެ މެމްބަރުކަން ތިރީސް އަހަރު ވަންދެން ކުރެއްވި ޖޭޕީގެ މުހައްމަދު ހުސެއިންގެ މައްޗަށް ކުރި ހޯދައި ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ އަބުދުﷲ ޝަހީމެވެ. މިލަންދޫ ދާއިރާ އެމްޑީޕީގެ އަލީ ރިޒާ ހޯދެއްވިއިރު ކޮމަންޑޫ ދާއިރާ ކާމިޔާބުކުރެއްވީ އެމްޑީޕީގެ ހުސެއިން ވަހީދެވެ. ހުސެއިން ވަހީދު 1336 ވޯޓް ހޯދެއްވިއިރު ދެން އެ ދާއިރާއަށް ވާދަކުރެއްވި އިބުރާހިމް ރަޝީދަށް ލިބިވަޑައިގަތީ 1058 ވޯޓެވެ. ފުނަދޫ ދާއިރާއަށް ބަލާއިރު މިހާރުގެ މެމްބަރު އަލީ ސަލީމްގެ މައްޗަށް ކުރި ހޯދައްވައި އެ ދާއިރާ ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ޝާހިދެވެ. ޝާހިދަށް 921 ވޯޓް ލިބިވަޑައިގެންނެވިއިރު ސަލީމަށް ލިބިވަޑައިގަތީ 476 ވޯޓެވެ.

ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ 15 ގޮނޑީގެ ތެރެއިން ހަމައެކަނި އެމްޑީޕީއަށް ކާމިޔާބުނުވީ ނޮޅިވަރަމް ދާއިރާގެ ގޮނޑި އެވެ. އެދާއިރާއަށް 9 ފަރާތަކުން ވާދަކުރިއިރު ގޮނޑި ކާމިޔާބުކުރެއްވީ އަމިއްލަގޮތުން ވާދަކުރެއްވި މުހައްމަދު ނަޝީދު އަބުދުﷲ އެވެ. އޭނާއަށް 416 ވޯޓް ލިބުނުއިރު އެންމެ ގާތުން ވާދަކުރި އަމިއްލަ ކެނޑިޑޭޓް މުހައްމަދު ރަޝީދަށް ލިބިފައިވަނީ 390 ވޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355