ތަރައްގީގެ މަޝްރޫއުތަކުން ފާއިތުވެގެން ދިޔަ ދުވަސްތަކުގައި އުތުރު ގެ އަތޮޅުތައް ބާކީކޮށްފައި އޮތުމަކީ ވަރަށް ކަންބޮޑުވާކަމެއް ކަމަށާއި މި ސަރުކާރުން ކުރިޔަށް އޮތް ތަނުގައި އެހެން މަންޒިލް ތަކުން ހަނިމާދޫއަށް ޑައިރެކްޓް ފްލައިޓްޖައްސާތަން ދައްކުވައި އެކަންތައް ކުރެއްވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މާރޗް މަަހުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ތަފާތު ހިސާބު ހިއްސާ ކުރުމަށް އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ޑައިރެކްޓްކޮށް މޯލްޑިވިއަން އިން ހަނިމާދޫއިން މިހާރު ދަތުރު ކުރަނީ އިންޑިޔާއަށް އެކަނި ކަމަށާއި އެހެން ސަރަހައްދުތަކުން ހަނިމާދޫ އެއާޕޯޓަށް ފްލައިޓު ޖައްސާތަން ދައްކަދޭނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ކުރިއެރުމާއެކު އެއާޕޯޓް ތަރައްގީ ނުވުން ކަމަށާއި އެ މިނިސްޓްރީގެ އަމާޒަކީ ކުރިޔަށް އޮތް ތަނުގައި ރާއްޖެއަށް އަންނަ ފަތުރުވެެރިން އިތުރުކުރުން ކަމަށެވެ.
އެގޮތުން މި ސަރުކާރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންނަ ތަރައްގީ ކުރިޔަށް އޮތް3 އަހަރެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.