twitterviber whatsapp telegramfacebookyoutube instagram
23rd April 2024

މިއަހަރުވެސް ބޮޑެތި ފައިސާގެ އިނާމުތަކާއެކު އުރީދޫ މަސްރޭސް ބާއްވަނީ

ނަބީލާ އިސްމާޢީލް
Apr 10, 2019

ކޮންމެ އަހަރެއްގެ ރަމަޟާންމަހު ބޮޑު ތަރުހީބަކާއެކު އޫރިދޫއިން ކުރިޔަށްގެންދާ އޫރިދޫ މަސްރޭހުގެ ދިހަވަނަ ސީޒަން ލޯންޗުކޮށްފިއެވެ.

ދިވެހިންގެ ރޯދަމަހުގެ ބަޔަކަށް ވެފައިވާ މި މުބާރާތް ފާއިތުވެދިޔަ އަހަރުތަކަށްވުރެވެސް ފޯރިގަދަކުރެވި، ދިހަ ވަނަ އަހަރުގެ މުނާސަބަތުގައި ވަރަށް ހާއްސަ ހަރަކާތްތަކެއްވެސް ހިމެނިގެންދާނެއެވެ.

އޫރިދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ހާމަކުރިގޮތުގައި ފާއިތުވެދިޔަ ދިހަ އަހަރުތެރޭގައި، އުރީދޫ މަސްރޭސް ވަނީ ދިވެހިންގެ ހިތްތަކުގައި ހާއްސަ ޖާގައެއް ހޯދާފައެވެ.

މި މުބާރާތް މެދުވެރިކޮށް ރާއްޖޭގައި ނެތެމުންދިޔަ ސަގާފަތެއް ދިރުވުމުގައި ބައިވެރިވެ، ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދިގެން ދިއުމަކީ، ލިބިގެންދިޔަ ހާއްސަ އުފަލެއްކަމަށެވެ. އަދި މަސްރޭހާއި މެދު ފަހުރުވެރިވާ އެންމެ ބޮޑު އެއް ސަބަބުކަމަށެވެ. އުއްމީދަކީ އަދި މަސައްކަތް ކުރަމުންދާނީ އުރީދޫ މަސްރޭހުގެ 10 ވަނަ ސީޒަން އަކީ ބައިވެރިންނާއި ބެލުންތެރިންނަށްވެސް ހަނދާނުންފޮހެނުލެވޭ ފަދަ ޝޯއަކަށް ވެގެންދިއުންކަމަށެވެ.

އުރީދޫ މަސްރޭހުގެ 10ވަނަ ސީޒަން ފާހަގަކުރުމުގެ ގޮތުން އަދި މަސްވެރިކަމުގެ ދާއިރާގައި އަންހެން ކަނބަލުންގެ ބައިވެރިވުމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން އަންހެން ޓީމްތަކަށް ހާއްސަ ބުރެއްވެސް މިފަހަރު ބޭއްވިގެންދާނެއެވެ. އެހެން ބުރުތަކާއި އެއްގޮތަށް މިބުރު ކާމިޔާބު ކުރާ ޓީމަކަށްވެސް ގްރޭންޑް ފިނާލޭގައި ވާދަކުރާ ހަތަރު ޓީމްގެ ތެރެއިން ޖާގައެއް ކަށަވަރުވެގެންދާނެއެވެ.

މަސްރޭހުގައި ބައިވެރިވުމަށް 11 އޭޕްރީލް 2019 ވާ ދުވަހު ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެއެވެ. ހަތަރު އަންހެން ޓީމް ހިމެނޭގޮތަށް ޖުމްލަ 16 ޓީމެއް މި މުބާރާތުގައި ވާދަކުރާނެއެވެ. ކަނޑައެޅިފައިވާ ޖާގައިގެ އިތުރަށް ޓީމްތަކުން ކުރިމަތިލައިފި ނަމަ ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ގުރުއަތުލުމަށް ފަހުއެވެ.

ވޭތުވެދިޔަ އަހަރުތަކާއި އެއްގޮތަށް މިއަހަރުގެ މަސްރޭސް ކާމިޔާބުކުރާ ޓީމްތަކަށްވެސް އުރީދޫ އާއި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން އަގުހުރި އިނާމްތަކެއްވަނީ ހުށަހަޅާފައެވެ.

މިފަހަރު ހޮވޭ ވަނަތަކުގެ ތެރޭގައި ހިމެނެނީ:

މުޅި މުބާރާތުން ހޮވާ ވަނަތަކާއި ލިބޭ އިނާމުތަކަކީ:
އެއްވަނަ ހޯދާ ޓީމަށް 50000 (ފަންސާސް ހާސް ) ރުފިޔާ
އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ"އަށް 5000 (ފަސް ހާސް ) ރުފިޔާ އާއި ރަންކޯރި
އެންމެ ބަރުމަސް ބޭނި ފަރާތަށް 5000 (ފަސް ހާސް) ރުފިޔާ
އެއްވަނަ އަންހެން ކެޔޮޅަށް 5000 (ފަސް ހާސް) ރުފިޔާ

އުރީދޫ މަސްރޭސް ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ފިޔަވައި ކޮންމެ ހޮނިހިރު ދުވަހެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ގްރޭންޑް ފިނާލޭ ފިތުރު އީދު ދުވަހަށް ފަހު ބޭއްވިގެންދާއިރު، އެ ދުވަހުގެ މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު އޮންނަ ބާބަކިއު އާއި ބޮޑުބެރުގެ އިތުރުން ވަނަތައް ކާމިޔާބު ކުރި ފަރާތްތަކަށް އިނާމްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން ދައުވަތު އަރުވައެވެ.

މިފަހަރުގެ އުރީދޫ މަސްރޭސް އެޕިސޯޑްތައް ކޮންމެ ހުކުރު ދުވަހެއްގެ ރޭ، 10:30 ގައި ރާއްޖެ ޓީވީއިން ދައްކާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355