twitterviber whatsapp telegramfacebookyoutube instagram
28th May 2025

ނަފްސާނީ ދުޅަހެޔޮ ކެންޕެއިން އިފްތިތާހުކޮށްފި

ނަބީލާ އިސްމާޢީލް
Apr 15, 2019

ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށް ގެންދާ "ނަފްސާނީ ދުޅަހެޔޮ" ކެންޕެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

އެކަމަނާ މި ކެންޕެއިން އިފްތިތާހްކޮށްދެއްވީ މިއަދު ހެނދުނު ހޮޓެލް ޖެންގައި މި ކެންޕެއިން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ކެންޕެއިން އިފްތިތާހްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އާދަޔާ ހިލާފަށް ކަންކަމާ ދެރަވެ، ހާސްވެ، ބިރުގަނެ، ރޮވި، ގިނަ ދުވަސްތަކެއް ވަންދެން ކޮޓަރިން ނުވަތަ ގެއިން ނުނުކުމެ، އާއިލާއާއި ރަހުމަތްތެރިންނާ ދުރުގައި، އާންމުކޮށް ސްކޫލަށް ނުވަތަ އޮފީހަށް ސަލާން ބުނެ، އެކަނިވެރި ދިރިއުޅުމެއް އުޅެ، ކުރަން ބޭނުންވާ އެތައްކަމެއް ނުކުރެވިފައިވާ އެތައްބަޔަކު ދިވެހިރާއްޖޭގައި ދިރިއުޅެމުން އަންނަކަމަށެވެ.

އަދި މި ކަންކަމަކީ ނަފްސާނީ ބައްޔެއްގެ ސަބަބުން ކުރިމަތިވާ ކަންތައްތައްކަން މީގެތެރެއިން މީހުންނަށްވެސް އަދި އެމީހުންގެ އާއިލާގެ މެންބަރުންނާއި ރައްޓެހިންނަށް ވެސް ނޭނގޭކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިފަދަ ބައްޔެއް ހުރިކަން އެނގުނު ނަމަވެސް އެމީހެއްގެ އެފަދަ ބައްޔެއް ހުރިކަމަށް ބުނަން ބޭނުންވަނީ މަދުބައެއް ކަން ފާހަގަކުރައްވާ ނަފްސާނީ ބަލިތަކާމެދު ހޭލުންތެރިކުރުމުގެ ވާހަކަ ގައުމީ ފެންވަރެއްގައި ދަންކަންޖެހޭ މައިގަނޑު ސަބަބަކީ ވެސް އެއީކަން ފާހަގަކުރެއްވިއެވެ.

ނަފްސާނީ ބަލިތަކުގެ ހާލަތު ދުނިޔޭގައި އޮތް މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ ދުނިޔޭގައި ކޮންމެ 4 މީހުންގެ ތެރެއިން އެކަކީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހެއްކަމަށް ބެލެވޭކަމުގައެވެ. އަދި ރާއްޖޭގައި މިދާއިރާއިން ކުރެވިފައިވާ މަދު ދިރާސާތަކުން ލަފާކުރެވޭގޮތުގައި ރާއްޖޭގައި ވެސް މި ނިސްބަތް އެހާވަރުގައި ހުރިކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޖިސްމާނީ ބަލިތަކާ އަޅާބަލާއިރު ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާގެ ވަސީލަތްތައް މަދުކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ ގިނަ ބަލިތަކަކީ ހަމައެކަނި ބޭހެއް ކައިގެން ރަނގަޅުކުރެވޭ ބަލިތައް ކަމުގައި ވީ ނަމަވެސް ހަކުރުބަލި ފަދަ ބަލިތައް ފަދައިން ނަފްސާނީ ބައްޔަކީ ބޭހާއެކު ތެރަޕީވެސް ބޭނުންވާ ބައްޔެއްކަމަށެވެ. މީގެ އިތުރުން މިފަދަ ބަލިތަކަށް ފަރުވާ ހޯދުމަށްފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު އެމީހަކު އަދާކުރާ ޒިންމާތަކުން ލުޔެއް ދިނުންފަދަ ކަންކަން ފަހި ކުރަންޖެހޭކަންވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ނަފްސާނީ ދުޅަހެޔޮ ކެންޕެއިން" އަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް އެއް އަހަރު ދުވަހަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކެންޕެއިން އެކެވެ. ނަފްސާނީ ބަލިތަކަށް ފަރުވާލިބޭނެ ހާއްސަ އިންތިޒާމުތައް ހަމަޖައްސައި ދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ މުހިންމު ވައުދެކެވެ.

މިގޮތުން ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ނެޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދަވައި ނަފުސާނީ ބަލިތަކަށް އާސަންދައިގެ ދަށުން ހިދުމަތް ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖައްސަވައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355