ފެނަކަ ހދ ރީޖަނަލް އޮފީހުގެ ހުރިހާ މުވައްޒަފުން ވަޒީފާއިން މިއަދު ވަކިކޮށްފި އެވެ. އެތަނުގައި މަސައްކަތް ކުރަނީ 8 މުވައްޒަފުންނެވެ. އެ ހުރިހާ މުވައްޒަފުންވެސް ވަޒީފާއިން ވަކިކުރިކަމުގައި ލިޔުން ފޮނުވާފައިވަނީ މިއަދު އެވެ.
މިސަރުކާރު އައިސް ފެނަކަ ރީޖަނަލް އޮފީސްތައް ވަނީ އުވާލާފަ އެވެ. ވަޒީފާއިން ވަކިކުރި މުވައްޒަފެއް ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ރީޖަނަލް އޮފީސް އުވާލުމަށްފަހު އެތަނުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުން ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ފެނަކަ ކުޅުދުއްފުށީ ބުރާންޗަށް ބަދަލުކޮށްފައިވަނިކޮށް މިއަދު ކުއްލިގޮތަށް ވަޒީފާއިން ވަކިކުރިކަމުގެ ސިޓީ ހުރިހާ މުވައްޒަފުންނަށް ފޮނުވާފައިވާ ކަމަށެވެ.
ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ފޮނުވާފައިވަނީ ކުރިން ވަޒީފާ އަދާކުރި ރީޖަނަލް އޮފީހުގެ ވަޒީފާގެ މަގާމުގަ އެވެ. ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާ ބަދަލުކުރުމަށްފަހު ކުއްލިގޮތަކަށް ވަޒީފާއިން ވަކިކުރި ސަބަބު އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ. ވަޒިފާއިން ވަކިކުރި ގިނަ މުވައްޒަފުންނަކީ އެތަނުގައި މަސައްކަތްކުރާތާ 5 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މުވައްޒަފުންނެވެ. އަދި އިންޖިނިއަރިންގެ ދާއިރާއިން ތަޖުރިބާ ހުންނެވި ވަރަށް ގިނަ އަހަރުތަކެއް ވަންދެން ވަޒީފާ އަދާކުރެއްވި މުވައްޒަފެއްވެސް ހިމެނެ އެވެ.
ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ކެމްޕެއިން ތެރޭގައި ވިދާޅުވެފައިވަނީ އެއްވެސް ރައްޔިތަކަށް ވަޒީފާގެ ބިރުވެރިކަމެއް ނޯނާނެ ކަމަށާއި އަދި ވަޒީފާއިން ވަކިނުކުރާނެ ކަމަށެވެ. ވަޒީފާގެ ބިރުވެރިކަން ނައްތާލުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްވެސް މެ އެވެ.