ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް ސަރުކަރުން ހުށަހަޅައިފި އެވެ.
ކުޅުދުއްފުށީގެ އާބާދީގައި ދިހަހާސް ހަމަވެސް މިހާތަަނަށް ސިޓީއެއްގެ ދަރަޖަ ދެވިފައިނުވާނީ ގާނޫނީ ގޮތުން ހުރި ގޮންޖެހުންތަކެއްގެ ސަބަބުންނެވެ.
ހދ އަތޮޅުގައި ވެރިކަން ކުރާ ރަށަކީ ކުޅުދުއްފުއްޓަށްވެފައި، ކުޅުދުއްފުށި ސިޓީއަކަށް ބަދަލު ވެއްޖެނަމަ ހދ އަތޮޅުގެ ވެރިކަންކުރާ ރަށް އެހެން ރަށަކަށް ބަދަލު ކުރަން ޖެހެއެވެ.
މިހާތަނަށް މިކަމަށް ގާނޫނީ ހައްލެ ހޯދިފަ އެއް ނުވެއެވެ. މިހާތަނަށް މާލެ ފިޔަވާ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ އައްޑޫ އާއި ފުވައްމުލަކަށް މި މައްސަލަ ދިމާވެފައި ނުވަނީ، ސިޓީއަކަށް ބަދަލުވެފައިވަނީ މުޅި އަތޮޅު އެއްކޮށްކަމަށް ވާތީ އެވެ. އެކަން އެހެން ދިމާވީ އެ ދެ އަތޮޅަކީވެސް ޤުދުރަތީގޮތުން އެއްފަސް ތަނަކަށްވުމުންނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށައެޅުމުން ސިޓީއެއްގެ ދަރަޖަ ދޭންޖެހޭ ޝަރުތުތައް އެރަށެއްގައި ނުވަތަ އަވަށެއްގައި ނުވަތަ ދާއިރާއެއްގައި ނުވަތަ ސަރަޙައްދެއްގައި ފުރިހަމަވާނަމަ އެ ހުށައެޅުމެއް ޤަބޫލުކޮށް އެރަށަކީ ނުވަތަ އެއަވަށަކީ ނުވަތަ ސަރަޙައްދަކީ ސިޓީއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންންވާނެކަމަށެވެ.
އަދި ސިޓީއަކަށް ބަދަލުވުމުން ކުރިން ހިންގަމުންދިޔަ ރަށު ކައުންސިލަށް ލާމަރުކަޒީ ގާނޫނުން ސިޓީ ކައުންސިލަށް ލިބިދޭ ހުރިހާ ބާރުތަކާއި މަސްއޫލިއްޔަތުތައް ލިބިގެންދާނެކަމަށްވެސް އިސްލާހުގައިވެއެވެ. އަދި ސިޓީއަކުން ލިބެންޖެހޭ ހުރިހާ ހިދުމަތްތަކެއްވެސް އެސިޓީން ލިބިދޭންވާނެކަމަށްވެސް އަލަށް ހުށައެޅި އިސްލާހުގައިވެއެވެ.
މީގެ އިތުރުން އިސްލާހުގައި ވާގޮތުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށައަޅާ ރަށަކީ މީހުން ދިރިއުޅޭ އެއްރަށަށްވުރެ ގިނަ ރަށުގެ މައްޗަށް އެކުލެވިގެންވާ އަތޮޅެއްގައި ހިމެނޭ ރަށެއްކަމުގައިވެފައި އެރަށަކީ އެ އަތޮޅުގެ ވެރިކަންކުރާ ރަށް ކަމުގައިވާނަމަ އެ ރަށް ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމުގެ ކުރިން އެ އަތޮޅުގެ ވެރިކަންކުރާނެ ރަށަކާމެދު ގޮތެއް ނިންމަންވާނެއެވެ.
މީގެ އިތުރުން އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށެއް ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށައަޅަނީ އެ ރަށް ހިންގުމަށް އިންތިހާބުވެފައިވާ ރަށު ކައުންސިލު އިންތިހާބުވުމަށްފަހު އެ ކައުންސިލުގެ ދައުރު ހަމަވުމުގެ ކުރިން ކަމުގައިވާނަމަ އެ ރަށަކީ ސިޓީއެއްކަމުގައި ކަނޑައަޅާ އެ ރަށް ސިޓީއަކަށް ބަދަލުވި ކަމުގައިވީނަމަވެސް އެ ސިޓީ ހިންގަމުންދާނީ އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށްޓަކައި އިންތިހާބުވެފައި އޮތް ރަށު ކައުންސިލުންކަމަށްވެސް މި އިސްލާހުގައި ބުނެފައިވެއެވެ.
އަދި އެ ހާލަތުގައި އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެރަށް ހިންގުމަށްޓަކައި އިންތިހާބުވެފައި އޮތް ރަށު ކައުންސިލުން އެ ސިޓީ ހިންގާނީ އެ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެންކަމަށްވެސް ބަޔާންކޮށްފައިވެއެވެ.