މިއަހަރުގެ މިހާތަނަށް ޑެންގީހުން ޖެހިގެން ހދ އަތޮޅުން 117 ކޭސް ރިޕޯޓްކުރެވިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
އެޗްޕީއޭ އިން ކޭއޯއާ ހިއްސާކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ހދ އަތޮޅުން 117 މީހަކަށް ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވާކަމަށެވެ.
ޑެންގީ ކޭސްތައް މިއަހަރު ހދ އަތޮޅުން ފެނިފައިވަނީ ކުޅުދުއްފުއްޓާއި ހަނިމާދޫ އާއި ވައިކަރަދޫ، ހިރިމަރަދޫ އަދި ނޮޅިވަރަމުންނެވެ. އެންމެ ހަލުވިކަމާއެކު ޑެންގީހުން ހދ އަތޮޅުގައި ފެތުރެމުންދަނީ ކުޅުދުއްފުއްޓާއި ހަނިމާދޫގައި އެވެ. އެގޮތުން މިއަހަރުގެ މިއަދާ ހަމައަށް ބަލާއިރު ކުޅުދުއްފުށިން ޑެންގީހުމުގެ 74 ކޭސް ރިޕޯޓްކޮށްފައިވާއިރު ހަނިމާދޫ ރިޕޯޓްކޮށްފައިވަނީ 37 ކޭސް އެވެ.
ވައިކަރަދޫން މިއަހަރު ދެ މީހަކަށް ޑެންގީހުން ޖެހިގެން ރިޕޯޓްކުރިއިރު ނޮޅިވަރަމުން ތިން މީހަކަށް އަދި ހިރިމަރަދޫއިން އެކަކު ވަނީ ރިޕޯޓްކޮށްފަ އެވެ.
ހދ އަތޮޅުގައި އެންމެ ހަލުވިކަމާއެކު ޑެންގީހުން ފެތުރެމުންދާ ކުޅުދުއްފުއްޓަށް ބަލާއިރު މާރޗުމަހު 34 މީހަކަށް ޑެންގީ ޖެހުނުއިރު އެޕްރީލްމަހުގެ މިހާތަނަށް 27 މީހަކަށް ޑެންގީ ޖެހިގެންވަނީ ރިޕޯޓްކޮށްފަ އެވެ. ހަނިމާދޫއަށް ބަލާއިރު މާރޗުމަހު ޑެންގީގެ 8 ކޭސް ރިޕޯޓްކުރިއިރު އެޕްރީލްމަހުގެ މިހާތަނަށް އެއަދަދު ވަނީ ދެގުނައަށްވުރެ އިތުރުވެފަ އެވެ. އެގޮތުން އެފްރީލްމަހުގެ މިއަދާ ހަމައަށް ޑެންގީ ޖެހިގެން 20 މީހަކު ވަނީ ހަނިމާދޫން ރިޕޯޓްކޮށްފަ އެވެ.
މިދިޔަ އަހަރުގެ ފެބުރުއަރީ އާއި މާރޗުމަހު ކުޅުދުއްފުށިން ޑެންގީ ހުމުގެ އެންމެ ކޭސްއެއްވެސް ރިޕޯޓްކޮށްފައިނުވާއިރު މިއަހަރު ފެބުރުއަރީމަހު ޑެންގީހުމުގެ 17 ކޭސް ކުޅުދުއްފުށިން ރިޕޯޓްކޮށްފައިވެ އެވެ. މިދިޔަ 2018 ވަނަ އަހަރު ކުޅުދުއްފުށީގައި އެންމެ ގިނައިން ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ ޖޫންމަހު އެވެ. އެއީ 13 ކޭސް އެވެ.
މިދިޔަ އަހަރުތަކާ އަޅާބަލާއިރު ކުޅުދުއްފުށީގައި ޑެންގީހުން ހަލުވިކަމާއެކު ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ އެދިލައްވާފަ އެވެ. އަދި އެކަމަށް ޓާސްކް ފޯހެއް އެކުލަވާލައިގެން ކުރިއަށްދާއިރު މަދިރި ކޮންޓްރޯލްކުރުމަށް އިއްޔެއިން ފެށިގެން ދަނީ ރަށުތެރެ ފޮގްކުރަމުންނެވެ. އަދި މުޅި ރަށުތެރެ ސާފުކޮށް މަދިރި އާލާވާގޮތަށް ހުރި ތަންތަން ނައްތާލުމަށް އަންނަ ހޮނިހިރު ވަނީ ހާއްސަ ޕްރޮގުރާމެއް ފަށަން ނިންމާފަ އެވެ.