އަންނަ އަހަރުން ފެށިގެން އެސްއެސްސީ އިމްތިހާންގައި ޤުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ހިމަނައި އެއީ އިމްތިހާން ހަދާ މައްދާއަކަށް ހަދަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ރަޝީދު ހާމަކުރައްވައިފިއެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ ތައުލީމީ ދާއިރާގެ އާ ކަރިކިއުލަމް ތަންފީޒް ކުރާއިރު މިއަހަރު ގްރޭޑް ނުވައެއްގައި ތައުލީމް ހާސިލް ކުރަމުންދާ ކުދިން އަންނަ އަހަރު ގްރޭޑް ދިހައެއްގައި އެކުދިންގެ ފައިނަލް އިމްތިހާނު ހަދާއިރު ޤުރުއާން ވަކި މާއްދާއެއްގެ ގޮތުގައި އިމްތިހާން ހަދާނެ ކަމަށެވެ.
އެ ގޮތުން އިމްތިހާން ކުރެވޭނީ މާކްސް ދެބަޔަކަށް ބަހާލައިގެން ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ސްކޫލްގައި ނެގޭ އިންޓާނަލް އެސެސްމަންޓްތަކުން 60 އިންސައްތަ އަދި 40 އިންސައްތައަކީ ޕަބްލިކް އެގްޒެމިނޭޝަން ނުވަތަ ޕްރޮޖެކްޓް އެސައިންމަންޓުން ނެގޭ 40 އިންސައްތަ ކަމަށެވެ.
މިހާރު އެސްއެސްސީ އިމްތިހާން ހަދަމުން އަންނަނީ ހަމައެކަނި ދިވެހި އިސްލާމް ދެމާއްދާއިން ނަމަވެސް މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި އެގޮތަށް އަމަލުކުރަން ފެށުމުން ކުދިން ޤުރުއާނަށް ހުންނަ ލޯބި އިތުރުވެގެންދާނެ ކަމަށެވެ.
ޤުރުއާން ކިޔަވާއިރު އެއީ ދެއްކުންތެރިކަމުގެ ގޮތުގައި ކުރާ ކަމެއްގެ ބަދަލުގައި ﷲއަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި ދެކިގެން ޤުރުއާން ކިޔެވުމަށްވެސް ސްޓޭޓް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ. އެހެންކަމުން ތައުލީމު ހާސިލްކުރާ ހުރިހާ ދަރިވަރުންނަކީވެސް ޤުރުއާނުގެ އިލްމު އުނގެނޭ ދަރިވަރުންނަށް ވުމަށް ސްޓޭޓް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.