twitterviber whatsapp telegramfacebookyoutube instagram
28th March 2024

މިހާރު ކުރަންޖެހިފައިވާ އެންމެ މުހިންމު އެއްކަމަކީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން: ރައީސް

އަބްދުލް ވާހިދު ޙަސަން
May 1, 2019
1

ވަޒީފާގެ ބާޒާރަށް ވީހާ ގިނަ ދިވެހީން ނެރުމަށްޓަކައި، މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއްކަމަކީ، ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުންކަން ކަމަށާއި ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރުމަށްޓަކާ ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލް އަގުވާމީ މަސައްކަތު ދުވަހާ ގުޅުވައިގެން ރައީސް ނެރުއްވި ހިތާބުގަ އެވެ. ރައީސް ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް 19 ވަނަ މަޖިލީހުގެ މަސައްކަތްތައް ފަށައިގަތުމާއެކު ހަލުވިމިނުގައި ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރާއިރު ޒުވާނުން މިއަދު އަޒުމު ކަނޑައަޅަންވީ ދިރިއުޅުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަމިއްލައަށް އުފުލުމުގެ މުހިންމުކަން ޤަބޫލުކޮށް، ކޮންމެވެސް މަސައްކަތަކުން އާމްދަނީ ހޯދަން ތެދުވުމަށް ކަމުގައި ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިޠާބުގައި ވިދާޅުވީ ދިރިއުޅުމަށްޓަކައި މަސައްކަތްކުރުމަކީ، އިންސާނަކަށްވީތީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ އަދި އިޖްތިމާއީ ވާޖިބެއްކަމުގައި ވީނަމަވެސް ވަކިކަހަލަ ވަޒީފާއެއް ނުލިބޭތީ މަސައްކަތެއްނުކޮށް ތިބޭ ޒުވާނުން މިހާރުވެސް ރާއްޖޭގައި ތިބިކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސް ވިދާޅުވީ ޙަލާލު ގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ، އޭގެ ޒާތުގައި ހުތުރު ނުވަތަ ދަށު ދަރަޖައިގެ މަސައްކަތެއް ނޫންކަމަށެވެ. އަދި ރާއްޖޭގައި ބިދޭސީން ކުރަމުންދާ މަސައްކަތްތަކާއި ދިވެހީން ޙަވާލުވުމަކީ، ޤައުމުގެ އިޤްތިޞާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ، ރާއްޖޭން ބޭރުވާ ބޭރު ފައިސާގެ މިންވަރު، ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމެއް ކަމަށެވެ.

މަސައްކަތްތެރިންނަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި މަސައްކަތްތެރީން ކުރި އެންމެ ހިތްދަތި ތަޖުރިބާއަކީ ނާޖާއިޒު ގޮތުގައި ސިޔާސީ ބާރާއި ނުފޫޒު ބޭނުންކޮށްގެން، މީހުން ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ އަދާކުރާ ތަން ބަދަލުކުރުންކަމަށެވެ. އެހެންކަމުން އެފަދަ ގޮތްގޮތަށް ވަޒީފާއިން ވަކިކޮށް ނުވަތަ ވަޒީފާ އަދާކުރާތަން ބަދަލުކުރި މަސައްކަތްތެރިންގެ ވަޒީފާ އަލުން އިއާދަކޮށްދިނުމުގެ މަސައްކަތް، ސަރުކާރުން ފަށައިގެން ކުރަމުން އަންނަ ކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. މިމައްސަލަތަކާއި ގުޅުންހުރި ތަފާސް ހިސާބުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ނުހައްގުން ވަޒީފާއިން ވަކިކުރުމުގެ، 300 އަށް ވުރެ ގިނަ މައްސަލަ، މިދިޔަ އަހަރުގެ ތެރޭގައި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާކަމަށާއި އޭގެ ތެރެއިން 90 އިންސައްތައަށް ވުރެ ގިނަ މައްސަލަ ނިންމާފައިވަނީ، އެމީހުންނަށް އަލުން އަނބުރާ ވަޒީފާ ދިނުމަށްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބިދޭސީ މަސައްކަތްތެރީންނަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ދަށު ދަރަޖައިގެ ތަންތަނުގައި ބިދޭސީ މަސައްކަތްތެރީން ނިންދެވުމާއި، މަސައްކަތް ކުރުވުމަށް ފަހު މުސާރަ ނުދިނުމާ، އަރާމުކުރުމަށް އެކަށީގެންވާ ވަގުތު ނުދީ މަސައްކަތް ކުރުވުމާއި، މަކަރާއި ޙީލަތުން އޮޅުވާލައިގެން އެމީހުން ލައްވައި މަސައްކަތް ކުރުވުމަކީ ވެސް، މިހާރުން މިހާރަށް ހުއްޓުވައި ހައްލުކުރަންޖެހިފައިވާ ކަންތައްތައް ކަން ރައީސުލްޖުމްހޫރިއްޔާގެ ހިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ އެންމެހައި މަސައްކަތްތެރީންނަށާއި އެމީހުންގެ ޢާއިލާތަކަށް ދުވަހުގެ މަރުޙަބާ އާއި ތަހުނިޔާ ފޮނުއްވާފައެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ މަސައްކަތްތެރީންގެ މަސައްކަތުގެ އަގު ވަޒަންކުރުމާއި، އެމީހުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހޯދައިދިނުމާއި، އެ ހައްގުތަކާއި މިނިވަންކަމުގެ ދިފާއުގައި ތެދުވުމުގެ ހިތްވަރު އާކޮށްދިނުން ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ހިޠާބުގައި ވިދާޅުވެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355