ށ ފުނަދޫ ކައުންސިލުން މިރޯދަ މަހު އެރަށުގެ ހުރިހާ ގޭބީސީއަކަށް ކޭބަލް ޓީވީއާއި ކުނިއުކާލަދިނުމުގެ ހިދުމަތް އެކައުންސިލުން ހިލޭ ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.
ފުނަދޫ ކައުސިލްގެ ރައީސް އަހުމަދު އިބްރާހިމް މިއަދު ކޭއޯ އަށް މައުލޫމާތު ދެއްވަމުން ހާމަކުރެއްވީ މަގޭ ސާފު ފުނަދޫގެ ނަމުގައި 2014 ވަނަ އަހަރުން ފަށައިގެން ފުނަދޫ ކައުންސިލްގެ ބެލުމުގެ ދަށުން ކުރިޔަށްގެންދާ ކުނިއުކާލަ ދިނުމުގެ ޕުރޮގުރާމުގައި ފުނަދޫގެ 85 އިންސައްތަ ގޭބީސީން ބައިވެރިވެފައިވާކަމަށެވެ. މި ހިދުމަތް ކުރިއަށް ގެންދަނީ ކޮންމެ ގޭބީސީއަކުން މަހު ފީއެއްގެ ގޮތުގައި 150 ރުފިޔާ ނަގައިގެންނެވެ.
ނަމަވެސް މި ޕުރޮގުރާމުގައި ބައިވެރިނުވާ ފަރަތްތަކަށްވެސް މި ރޯދަމަހު ކައުންސިލުން ކުނިއުކާލަދޭނެކަމަށާއި އަދި އަމިއްލަ ފަރާތަކާ ފުނަދޫ ކައުންސިލާއި ގުޅިގެން ދެމުންދާ ކޭބަލް ޓިވީގެ ހިދުމަތްވެސް މެއި މަހު ހިލޭ ލިބޭނޭ ކަމަށެވެ.
ކައުންސިލުން ދެމުންގެންދިޔަ ކޭބަލްޓީވީގެ ހިދުމަތް މިދިޔަ ދުވަސްތަކުގައި އެރަށަށް ދިމާވި ކަރަންޓުގެ މައްސަލަތަކުގެ ސަބަބުން މެދުކަނޑާލާފައި ވީ ނަމަވެސް މިހާރު ކަރަންޓުގެ މައްސަލަ އެއްކޮށް ވަނީ ހައްލު ކުރެވިފަ އެވެ. އަދި ރަށަށް ކަރަންޓުގެ މައްސަލަތަށް ދިމާވި ދުވަސްކޮޅު ރައްޔިތުން ދެއްވި އެއްބާރުލުމަށް ކައުންސިލުން ވަނީ ޝުކުރުއަދާކޮށްފަ އެވެ.
ފުނަދޫގައި 500 އަށް ވުރެ ގިނަ ގޭބިސީންގައި މީހުން ދިރިއުޅެ އެވެ.