ވިލާ ކޮލެޖުގެ ނަރސިންގ ޕްރޮގްރާމްގެ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދުމަށްޓަކައި އޭ.ޑީ.ކޭ ހޮސްޕިޓަލުން ފުރުސަތުތަކަށް މަގުފަހު ކޮށްދިނުމަށް ދެފަރާތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއި ކޮށްފައިވަނީ ވިލާ ކޮލެޖުގެ ރެކްޓަރ އަހުމަދު އަންވަރެވެ. އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ސޮއި ކުރެއްވީ އޭޑީކޭ ކޮމްޕެނީގެ މެނޭޑިންގ ޑިރެކްޓަރ އަހުމަދު އަފްއާލެވެ.
އޭ.ޑީ.ކޭ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ނަރސިންގ އަދި ހެލްތް ސައިންސް ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ކުދިންނަށް މުހިންމު ދާއިރާތަކެކެވެ. އަދި އޭ.ޑީ.ކޭ ހޮސްޕިޓަލަކީ ދާއިރާގެ ގިނަގުނަ ކުރިއެރުންތަކެއް ހޯދަމުން އަންނަ ތަނަކަށް ވެފައި އަދި މީހުން ބިނާކުރުމަށް ބާރުއަޅާ ފަރާތެއްކަމަށް ވުމުން ވިލާ ކޮލެޖުގެ ނަރސިންގ އަަދި ހެލްތް ސައިންސްގެ ޕްރޮގްރާމްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެހޮސްޕިޓަލުން ލިބޭ ތަޖުރިބާއަކީ ދާއިރާގައި މުޙިއްމު ބިންގަލެއް އެޅޭން ތަޖުރިބާއެކެވެ.
މި އެމްއޯޔޫގެ ސަބަބުން ވިލާ ކޮލެޖުގެ ނަރސިންގ އަދި ހެލްތް ސައިންސް ޕްރޮގްރާމްތަކުގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ދާއިރާއިން ފަންނީގޮތުންނާއި އިލްމީގޮތުން އެތައް ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވިލާކޮލެޖުން ބުނެއެވެ. އަދި މިއީ ވިލާ ކޮލެޖުގެ މި ދާއިރާގެ ދަރިވަރުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށެވެ.
ވިލާ ކޮލެޖާއި އޭ.ޑީ.ކޭ ހޮސްޕިޓަލާއި ދެމެދު ވެވޭ އެއްބަސްވުމުގައި އަމަލީ ތަޖުރިބާ ހޯދުމުގެ މަސައްކަތުގައި އުޅޭ ދަރިވަރުނަށް ބޭނުންވާ އެންމެހައި ކަންކަން ކޮށްދިނުމަށް ދެފަރާތުގެ ދައުރު ކަނޑައެޅިފައިވެއެވެ.