މިއަދު މުޅި ރާއްޖޭގައި ފިތުރު ޒަކާތް ބަލައިގަންނަ ފަށައިފިކަމަށް އިސްލާމިކް މިނިސްޓްރީ ބުނެފި އެވެ.
މިއަދު 09:30 ގައި ޒަކާތް ބަލައިގަންނަ ފަށާފައިވައިރު މާލޭގައި ޒަކާތް ބަލާގަންނަނީ ކޮންމެ ދުވަހެއްގެވެސް 13:30 ހަމައަށް އިސްލާމިކް މިނިސްޓްރީންނެވެ.
ރާއްޖެތެރޭ ރަށްރަށުގައި ޒަކާތް ބަލައިގަތުން ކުރިިއަށް ދާނީ އެރަށެއްގެ ރަށު ކައުންސިލުންކަމަށާއި އަދި ސިޓީތަކުގައި ސިޓީ ކައުންސިލުން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ފިތުރު ޒަކާތުގެ މިންވަރަކީ ބޮލަކަށް 2.4 ކިލޯ ހަނޑުލެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފިތުރު ޒަކާތް ނެރެންވާނީ އަހަރު ތެރޭގައި އެ ބަޔަކު އާއްމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތަކުންނެވެ. ރަށްރަށުގެ ކައުންސިލްތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯގެ ހަނޑޫ އެ ރަށަކުން ގަންނަން ލިބޭ އަގަކަށެވެ.
އެގޮތުން ކުޅުދުއްފުށީގައި ޒަކާތް ބަލައިގަންނަމުން ދާނީ އާދައިގެ ހަނޑޫން ނަމަ މީހަކަށް 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑޫނަމަ މީހަކަށް 48 ރުފިޔާ، ބާސްމަތީ ހަނޑޫނަމަ މީހަކަށް 60 ރުފިޔާ، އަދި ރަތް ހަނޑޫނަމަ މީހަކަށް 75 ރުފިޔާގެ ރޭޓުންނެވެ. އަދި އާޓް ފުށުންނަމަ މީހަކަށް ދައްކަންޖެހެނީ 48 ރުފިޔާ އެވެ.
ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ވާ ގޮތުން ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ މިއަދުން ފެށިގެން ރަމަޟާން މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ދާނީ ހެނދުނު 09:30 ން މެންދުރު 12:00 ގެ ނިޔަލަށެެވެ.
މީގެ އިތުރުން ރަމަޟާންމަހުގެ 26 ވާ ހުކުރު އަދި 27 ވާ ހޮނިހިރު، ދެ ދުވަހު ވެސް ޒަކާތްބަލައިގަތުން ކުރިއަށް ދާނެ އެވެ. ހުކުރު ދުވަހު ޒަކާތް ބަލައިގަންނާނީ މެންދުރުފަހު 14:00 ހަވީރު 16:00 ށެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 09:00 ން މެންދުރު 12:00 އަށެވެ.
މިދިޔަ އަހަރު ކުޅުދުއްފުށިން ޒަކާތުގެ ގޮތުގައި 1،40،196 ރުފިޔާ ބަލައިގަނެފައި ވެއެވެ. އެގޮތުން މިދިޔަ އަހަރު އެންމެ ގިނައިން ޒަކާތް ދައްކާފައިވަނި އާދައި ހަނޑުލުންނެެވެ.