ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތުމުން ސެއިންޓް ފެލިސީން އާއި ސެލިންޓް މާސިލީން ޗީޒް ރާއްޖޭގެ ބާޒާރުން ވިއްކުން މަނާކޮށްފި އެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސެއިންޓް ފެލިސީން އާއި ސެލިންޓް މާސިލީން އެ ދެބާވަތުގެ ޗީޒް ރާއްޖެއަށް އެތެރެވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީ ނެޓްވާކުން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.
ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑުންވެސް އެކަން ރާއްޖެއަށް އަންގާފައިވާ ކަމަށާއި މިހާރު އެ ތަކެތި ބާޒާރުން ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް އޮތޯރިޓީއިން ބުންޏެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ 31 މެއި 2019 ގެ ނިޔަލަށް މުއްދަތު ހަމަވާ ފްރާންސްގެ ސެއިންޓް ފެލިސީން އާއި ސެލިންޓް މާސިލީން ޗީޒް ރާއްޖެ އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށެވެ.